ސިޔާސީ ފިކުރު ތަފާތުވާ އެއްވެސް ބޭފުޅެއްގެ ހިތްޕުޅަށް ދަތިކަމެއް ލިބޭ އެއްވެސް ކަމެއް ސަރުކާރުން ނުވަތަ ރައީސްގެ މެސެޖަކުންވެސް ރައްދުކުރައްވަން ބޭނުންފުޅުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި އަދި ސްރީލަންކާގައި ކިޔަވަން ތިބި ދިވެހި ކުދިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ބޭނުންފުޅުވަނީ، އެމަނިކުފާނު ކުރައްވަމުން މިގެންދަވާ މަސައްކަތްޕުޅުތަކުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަންޖެހޭ ސަބަބަކީ، އެމަނިކުފާނު މި ކުރައްވާ މަސައްކަތަކީ، ސިޔާސީ މަސައްކަތަކަށް ނުވާތީ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ކުރައްވަމުން މިގެންދަވާ މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުމެން މިހާރު ތިބި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހުރިގޮތުންނާއި އަދި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށްވާއިރު، އަދި އަޅުގަނޑުމެންނަކީ، އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވާއިރު، އަޅުގަނޑުމެންގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ހިންގާ ތަރައްޤީގެ މަޝްރޫޢުތައް، މަޑުޖެހިނުލައި ކުރިއަށްދާން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިޔާސީ ޚިޔާލުތަފާތުވުމަކީ، މައްސަލައެއް ނޫނެވެ. ސިޔާސީ ފިކުރަކީ، ސިޔާސީ ވިސްނުމާ ހަމައިގައި އޮންނާނެ ކަމެކެވެ. ޢަމަލީ މަޝްރޫޢުތައް ތަންފީޒު ކޮށްދިނުމަކީ، ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަ އޮތީމާ ލިބެނީ ކޮންކޮން ފައިދާތަކެއްކަން އަޅުގަނޑުމެންނަށް މިހާރު އެބަ ޤަބޫލު ކުރެވޭ ކަމަށާއި، ޞުލްޙައާއި ހަމަޖެހުން ޤާއިމުވެފައި އޮންނައިރު އަޅުގަނޑުމެންނަށް ފެނިގެންދަނީ ރާއްޖޭގައި ކުށްކުރުން އެތައް ގުނައެއް މަދުވެގެން ދާތަން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންގެ އަދަދު މަދުވެގެން އެބަދާ ކަމަށާއި، ދިވެހިރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ، އަދި ދިވެހިރާއްޖޭގެ ސަރުކާރަށް ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރާ، ތަރުޙީބު ދޭ ބޭރުގެ އެކިއެކި އިންވެސްޓަރުން ގިނަވާކަން އެބަ ފާހަގަކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޒު ކުރައްވާ ފުލުހުންނަށާއި ސިފައިންގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބޭ ދުވަސްތަކެއް އެބަ އަންނަ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ރައްޔިތުންނަށް ޙައްޤު ހޯދައިދިނުމަށް ޤާއިމު ކުރެވިފައިވާ މުއައްސަސާތަކަށް މަސައްކަތް ކުރުމުގެ ޖާގަ ލިބިގެންދާތަންވެސް އެބަ ފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކަށް ކަންތައްތަކެއް ނާންގަމު. އޮޑިޓަރ ޖެނެރަލަށް، ވަކި ރިޕޯޓެއް ނެރުއްވާކަށް، ވަކި ރިޕޯޓެއް ނުނެރުއްވާކަށް އަޅުގަނޑުމެން ނުދަންނަވަން. އަޅުގަނޑުމެން އޭސީސީއަށް ވަކި މައްސަލައެއް ހުށައެއްނާޅަން. އަދި އޭސީސީގައި ނުހިނގާ އޮތް ވަކި މައްސަލައެއް ހިންގައި، އަވަހަށް އެކަންކުރުމަށް އަޅުގަނޑުމެން ހުރަހެއްނާޅަން. އެއީ، އެބޭފުޅުން އުފުއްލަވަންޖެހޭ ޤާނޫނީ ޒިންމާއެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.