ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މުވައްޒަފުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ. ހައިކޮމިޝަނުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އިއްޔެ އިޢުލާނު ކުރެއްވި ސަރުކާރުގެ ޚާރިޖީ ސިޔާސަތު، ހައިކޮމިޝަނުގެ މުވައްޒަފުންނާ ޙިއްޞާ ކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބޭރުގައި ހިނގަމުންދާ ރާއްޖޭގެ ހައިކޮމިޝަންތަކުން ދެއްވަމުން ގެންދަވާ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކުރެއްވުމަކީ، ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށާއި ބޭރު ޤައުމުތަކުގައި ކިޔަވަމުން ގެންދާ ދިވެހި ކުދިންނަށް އެ ޤައުމުތަކުގައި ހުންނަ ދިވެހި މިޝަންތަކުން ދެއްވާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރައްވައި، ދިވެހިންނަށް އެހީތެރިކަން ފޯރުއްވައިދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް"ގެ ނަމުގައި މިހާރު އުފައްދަވާފައިވާ އިންސްޓިޓިއުޓުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، މި އިންސްޓިޓިއުޓް އުފެއްދެވުމުގެ މައިގަނޑު ބޭނުންފުޅަކީ، މި ދާއިރާއިން މީހުން ބިނާކުރައްވައި އިތުރު ތަމްރީނުތައް ދެއްވުން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ޑިޕެންޑެންޓް ވިސާގެ މައްސަލަ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ޙައްލު ކުރެއްވުމާ ގުޅޭގޮތުން، ސްރީލަންކާގެ އެކްސްޓަރނަލް މިނިސްޓަރާ މިއަދު މަޝްވަރާ ކުރެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.