ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ސްރީލަންކާގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް ރިސާދު ބަތީޢުއްދީން މިއަދު ހަވީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކޮލަމްބޯގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ މައްޗަށާއި، ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ސްރީލަންކާގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ހަލުވި ދުވެލި ފާހަގަކުރައްވައި، ރައީސް މަހިންދަ ރާޖަޕަކްސައަށާއި، އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރ ރިސާދު ބަތީޢުއްދީނަށް މަރްޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމާޝަލް ޑިޕްލޮމަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، މިމަސައްކަތުގެ ދަށުން ސްރީލަންކާއާވެސް މިދާއިރާއިން އިތުރު ގުޅުންތައް ބަދަހިކުރެވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި، މިއަދު ބޭއްވެވި ބިޒްނަސް ފޯރަމްގައި ފާހަގަކުރެވުނު ކަންތައްތަކަށް އަވަސް ޙައްލެއް ފެނިގެންދިޔުމަކީ، ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުންތައް މެދުކެނޑިފައި އޮތުމާއެކު، މިކޮމިޝަންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވެވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައި، މިކަމުގެ އިންތިޒާމްތައް ވަރަށް އަވަހަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ.

މިބައްދަލުކުރެއްވުމުގައި، އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރ ރިސާދު ބަޠީޢުއްދީން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ޓްރޭޑް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ސްރީލަންކާގެ އެ ވުޒާރާއާ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ބައްލަވައިލައްވަމުން، އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ގިނަ ދާއިރާތަކަކީ، ސްރީލަންކާގައިވެސް މިހާރު ތަރައްޤީވެ ކުރިއަރަމުން އަންނަ ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ޚާއްޞަކޮށް، ޢިމާރާތް ކުރުމުގެ ދާއިރާއިންނާއި، ހަކަތައިގެ ދާއިރާއިންނާއި، އައި.ޓީ.ގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ.