ސްރީލަންކާގައި ކިޔަވަމުންދާ ދިވެހި ކުދިންނަށާއި، ބޭސްފަރުވާއަށްދާ ދިވެހިންނަށް ސްރީލަންކާ ސަރުކާރުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރ ޖީ.އެލް ޕީރިސް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮލަމްބޯގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އިޢުލާނު ކުރެއްވި އާ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކުގައި އުޅެމުންދާ ދިވެހިންނަށް ލިބެންޖެހޭ އެކިއެކި ޚިދްމަތްތަކާއި އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދިވެހިން ގިނައިން ދިރިއުޅޭ އެމްބަސީތައް މެދުވެރިކޮށް، މިޚިދްމަތްތައް ފަސޭހައިން ލިބޭނެގޮތްތައް ހަމަޖެއްސެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެ، ސްރީލަންކާގައި ގިނަ ޢަދަދެއްގެ ދިވެހި ކުދިން ކިޔަވަމުން ގެންދާކަމާއި، އަދި ބޭސްފަރުވާއަށްވެސް ދިވެހިން ވަރަށް ގިނައިން ސްރީލަންކާއަށް ޒިޔާރަތް ކުރާކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރާއިރު އަދި ލަންކާ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށްދާ ދިވެހިންނަށް، ފަސޭހަކަމާއެކު ޚިދްމަތް ލިބިދިނުމުގަޔާއި އަދި ކިޔަވަމުންދާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމުގައި ސްރީލަންކާ ސަރުކާރުގެ އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޒަޢާމަތުގައި، އެޤައުމަށް އަންނަމުންދާ ހަލުއި ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އަދި މިކުރިއެރުންތަކުން ސްރީލަންކާ ސަރުކާރުގެ ދުރު ވިސްނުމާއި، އިޤްތިޞާދީ ގޮތުން ޤައުމު ކުރިއަރަމުންދާ މިންވަރު ވަޒަންކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރ ޖީ.އެލް ޕީރިސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަންކަމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަކީ އަބަދުވެސް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި، ވަރަށްގިނަ ކަންތައްތަކުގައި ސްރީލަންކާއާ ޚިޔާލު އެއްގޮތް ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިމާވާ އެކި ކަންކަމުގައި، ދެޤައުމުންވެސް އެހީތެރިކަން ފޯރުވައިދެމުން ގެންދާ ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާއަށް ބައިނަލްއަޤްވާމީ މައިދާނުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވި ވަގުތު، ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރަށް ދެއްވި އެއްބާރުލެއްވުން، ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ޕްރޮފެސަރ ޕީރިސް ބައްލަވައިލައްވަމުން، މިގުޅުން ވަރަށްގިނަ ދާއިރާތަކުން އިތުރަށް ހަރުދަނާ ކުރެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޞިއްޙީ، ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ކަމަށާއި، އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ފުޅާކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރޮފެސަރ ޖީ.އެލް. ޕީރިސްގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބަށްފަހު، ރާއްޖޭގައި އަމާން ވެށްޓެއް ޤާއިމްކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ބައްލަވައިލައްވަމުން، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށާއި، އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަށް ވަރަށް އަވަސް ދުވެއްޔެއްގައި ހަލުއި ކުރިއެރުންތައް އަންނާނެ ކަމުގެ ޔަޤީންކަން އޮތް ސަބަބެއް ކަމުގައި ވިދާޅުވިއެވެ. އަދި ސްރީލަންކާގައި ހިނގި ހަނގުރާމައަށްފަހު، އެޤައުމުންވެސް ވަނީ މި ތަޖުރިބާތައް ކޮށްފައި ކަމުގައި ވިދާޅުވިއެވެ.