بســم اللّـه الرّحمـن الرّحيــم

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މިކުރާ ދަތުރަކީ، ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް ކުރާ ސްޓޭޓް ވިޒިޓެއް. މިދަތުރަކީ، ދެޤައުމުގެ ދޭތެރޭގައި މިއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރާ ދަތުރެއް. ސްރީލަންކާއަކީ، ދިވެހިރާއްޖެއާ ހަމަ އެންމެ ގާތް އެއް ޤައުމު. އެޔާއަކީ ސްރީލަންކާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް ކަންކަމުގައި އެހީތެރިވެވަޑައިގެން ދެއްވާ ޤައުމެއް. އެގޮތުން، މިފަހަރުވެސް ހަތަރު އެގްރީމަންޓެއްގައި ސޮއިކުރުންވެސް އެބައޮތް. އެހެންވީމާ، މިކަންކަމާ ގުޅިގެން ސްރީލަންކާއާ ދޭތެރޭގައި މިއޮތް ގުޅުން، އަޅުގަނޑުމެން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސްރީލަންކާގެ ރައީސް ދެއްވި ދަޢުވަތަކަށް އަޅުގަނޑު ކުރާ ދަތުރެއް މި ދަތުރަކީ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް

ކިހިނެއްތޯ، އެހެން ދިމާލަކުން އަޅުގަނޑު ސުވާލުކޮށްލާނަން. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ކޯލިޝަނަށް ލިބުނު ކާމިޔާބީއާމެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ؟
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ކޯލިޝަނަށް ލިބުނު ކާމިޔާބީ ކިތަންމެހާވެސް ރަނގަޅު އިނގޭތޯ. ޙަޤީޤަތުގައި ތިޔަބޭފުޅުން، މި ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނަށް ބައްލަވައިފި ކަމަށްވަންޏާ، އިންޑިޕެންޑެންޓުންގެ ތެރޭގައިވެސް 85 ޕަސެންޓް އިންޑިޕެންޑެންޓުންނަށްވުރެވެސް ބޮޑު ޢަދަދު އެއީ ޕީ.ޕީ.އެމް.ގެ މީހުން. ދެން އަޅުގަނޑުމެންނަށް ބޮޑެތި ދާއިރާތަކުން މާލެއާއި، އައްޑޫސިޓީއާ، މި ދެސިޓީގެ ގޮޑި ގެއްލިފައިވަނީ. އެކަމަކު އެހެން އެވަނީ ކޯލިޝަންގެ ތެރޭގައި ހަމަ ކަންކަން ހިނގާނެގޮތް. އެއީ ވަކި އަޅުގަނޑުމެންގެ މިހާރު މިއޮތް ކޯލިޝަނެއް ނޫން. މިވާގޮތަކީ އަޅުގަނޑުމެންނަށް ޖޭ.ޕީ. އަށް ދޫކޮށްފައި ހުންނަ ސްލޮޓަށްވެސް އަޅުގަނޑުމެންގެ ދާއިރާގެ އެކޮޅުގައި ތިބޭ މީހުންގެ ޝައުޤުވެރިކަން ހުރީމަ ހަމަ ކިތަންމެވަރަކަށް ޕާޓީގެ ފަރާތުން ކުރިމަތިނުލާން އިޝާރާތް ކުރި ނަމަވެސް، ހަމަ އަމިއްލަ ނަމުގައި ކުރިމަތިލާފައި އެބަހުރި. ހަމަ އެގޮތަށް އައްޑުއަތޮޅުގައި މެދު ދާއިރާގައި އަޅުގަނޑުމެންގެ ފަރާތުން ހަމަ އަޅުގަނޑުމެންނަށް ޓިކެޓް ލިބިގެން ކުރިމަތިލާ ދާއިރާއަށް ހަމަ އިންޑިޕެންޑެންޓެއްގެ ގޮތުގައި ޖޭ.ޕީ.ގެ ބޭފުޅުން ކުރިމަތިލައްވާފައި އެބަހުރި. މި ދެބައިމީހުންގެ ވޯޓް އެއްކޮށްލައިފި ކަމަށްވަންޏާ، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ އެތައް ތަނެއް ގިނަ. އެހެންވީމާ، ކޯލިޝަނެއްގެ ތެރޭގައި، ޚާއްޞަކޮށް، ލޯކަލް ކައުންސިލް އިންތިޚާބުގައި، ޢާއިލާތަކަށް ބިނާވެ، ރަށްޓެހިންގެ މައްޗަށް ބިނާވެ، ވޯޓުގެ ކަންތައްތައް މިދަނީ. އެހެންވީމާ، ކިތަންމެވަރަކަށް އަޅުގަނޑުމެން ދެ ޕާޓީގެ މެނޭޖްމަންޓްގެ ތެރޭގައި ކަންކަން އެއްގޮތްކުރަން މަސައްކަތް ކުރި ނަމަވެސް، މިކަހަލަ އިންތިޚާބުތަކުގައި ވާގޮތަކީ، އަމިއްލަގޮތުން ހަމަ ވާދަކުރުން މިއޮންނަނީ. އެހެންވީމާ، މި ނަތީޖާގެ ސަބަބުން އަޅުގަނޑުމެންނަށް އައްޑުއަތޮޅާއި މާލޭގައި ގޮނޑިތަކެއް ގެއްލިގެން މިދިޔައީ. އެހެން ނަމަވެސް، ފާހަގަކުރެއްވޭނެކަންނޭނގެ މާލޭގައިވެސް އަޅުގަނޑުމެންނަށް މިދިޔަ ފަހަރަށްވުރެ ރަނގަޅުކަންނޭނގެ މިފަހަރު. މުޅި ޢަދަދުތަކަށް ބަލާ ކަމަށްވަންޏާ، ދެހާސް ހަތަރުސަތޭކަ ކޮންމެވެސްވަރެއްގެ ތެރެއިން އެމް.ޑީ.ޕީ.އިން ކޮންޓެސްޓްވެސް މިކުރެއްވީ އެންމެ 36 ޕަސެންޓް ގޮނޑިއަށް ދޮއެއްތޯ. އެހެންވީމާ، މުޅި ލޯކަލް ކައުންސިލްގެ އިންތިޚާބަށް ބަލާކަމަށްވަންޏާ ހަމަ ވަރަށްބޮޑު ތާއީދު އެއޮތީ އަޅުގަނޑުމެންގެ ކޯލިޝަނަށް. ދެން އިންޑިޕެންޑެންޓުންނަކީވެސް ހަމަ އެބޭފުޅުންގެ ބެކްގްރައުންޑް ބައްލަވައިލެއްވުން ރަނގަޅުވާނެކަންނޭނގެ. އެބޭފުޅުންގެ ތެރެއިން ހަމަ ބޮޑު މެޖޯރިޓީއަކީ ޕީ.ޕީ.އެމް.ގެ މެންބަރުން. އެހެންވީމާ، އަޅުގަނޑު ހަމަ ހިތްހަމަޖެހޭ. އެކަމަކު މިއަށްވުރެ އިތުރަށް މަސައްކަތް ކުރެވިއްޖައީސް. 

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް

ކިހިނެއްތޯ، ހަމަ މާ ދުރުނޫން މުސްތަޤްބަލެއްގައި އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް އެބައޮތް. ތިޔަ ވިދާޅުވީ މިފަހަރުވެސް ޢާއިލީ ރޫޙާއި ރަޙްމަތްތެރިންގެ ނުފޫޒުގައި ކަންތައްތަކެއް ނާކާމިޔާބުވެގެންދިޔަ ވާހަކަ. އެކަންތައްތައް ޙައްލުކުރުމަށް ކިހާވަރަކަށް މަސައްކަތް ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އެކަންތައް ޙައްލުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތައް ޕާޓީގެ ލެވެލްގައި ކުރެވޭނެ. އެއްކަމެއްގެ ގޮތުގައި، މިދިޔަ ފަހަރުވެސް އަޅުގަނޑުމެން ހުރިހާ ލީޑަރުން ސޮއިކުރައްވާފައި ސިޓީއަކުން އަޅުގަނޑުމެންގެ ކެންޑިޑޭޓުން ތަޢާރުފްކުރި ކަމުގައިވީނަމަވެސް، އަޅުގަނޑު މިދެންނެވި ކަހަލަ ކަންކަން، މިފަހަރުގެ މި ލޯކަލް ކައުންސިލް އިންތިޚާބުގައި އެއޮތީ ފެންނަން. އެހެން ނަމަވެސް، މިފަހަރު އަޅުގަނޑުމެން ޚިޔާލު މިކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިކަން ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ތެރޭގައި މައްސަލަ އުޅޭ ދާއިރާތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި ހަމަ ޕާޓީގެ ލީޑަރުންގެ ލެވެލްގައި ހަމަ ޖޭ.ޕީ، ޢަދާލަތު، އެމް.ޑީ.އޭ، ޕީ.ޕީ.އެމް، އަޅުގަނޑުމެން ހަމަ އެއްކޮށް ޓީ.ވީ އިންޓަރވިޔުތަކާއި، މީޑިއާއާ މީޓުކޮށް، ކަންކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށްދޭނަން. ދެން ލޯކަލް ކައުންސިލް އިންތިޚާބަށްވުރެން ޕާޓީ ރޫޙު ގަދަވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި. އެހެންވީމާ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް މި ދިމާވި ކަންތައްތައް ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި މިހާރު މަސައްކަތްތަކެއް ފެށިފައި މިވަނީ. އަދި ހަމައެޔާއެކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލާއިރު، ޕީ.ޕީ.އެމް..އަށް ލިބޭނީ ކޮން ދާއިރާތަކެއްތޯ، ޖޭ.ޕީ.އަށް ލިބޭނީ ކޮން ދާއިރާތަކެއްތޯ، އެމް.ޑީ.އޭ. އަށް ލިބޭނީ ކޮން ދާއިރާތަކެއްތޯވެސް އަޅުގަނޑުމެން ކޯލިޝަން ތެރޭގައި މިހާރު ވާހަކަ ދައްކަން ފެށެންވެފައި މިއޮތީ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް

ކިހިނެއްތޯ، ފާހަގަކުރައްވައިފި، މިދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކުރައްވާ ކަމަށް. ކުޑަކޮށް ތަފްޞީލެއް ދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑުމެން ތަފްޞީލު ހަމަ ސިލޯނުން ދޭނީ އިނގޭތޯ. ދެން ޚުލާޞާ ގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ފުލުހުންގެ އެއްބާރުލުމުގެ އެގްރީމަންޓެއް، މީގެތެރޭގައި އެބައުޅޭ. ޞިއްޙީ ދާއިރާގެ އެގްރީމަންޓް، މީގެތެރޭގައި އެބައުޅޭ. މިކަހަލަ ބައެއް އެގްރީމަންޓް. 4 އެމް.އޯ.ޔޫ އެބައުޅޭ އަޅުގަނޑުމެން ސޮއިކުރަން.

ޢަލީ އާދަމް – ޓީ.ވީ މޯލްޑިވްސް:

މައިގަނޑު ގޮތެއްގައި ކޮން ދާއިރާއަކުން މަޝްވަރާ ކުރައްވާނީ މިދަތުރުފުޅުގައި؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މައިގަނޑު ގޮތެއްގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ ހަމަ ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، މި އަވަށްޓެރި، މި ސަރަޙައްދުގެ ތެރޭގައި، މި ޕައިރަސީގެ މައްސަލަތައް، މި ކަނޑުފޭރޭ މީހުންގެ މައްސަލަތައް އިތުރުވެގެން މިދަނީ، އިންޑިޔާ ސަރަޙައްދުގެ، އިންޑިޔާ ކަނޑުގެ ސަލާމަތާ ބެހޭގޮތުން އަޅުގަނޑުމެންގެ ޤައުމުތަކުގެ ތެރޭގައި އޮންނަ އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދެކެވޭނެ. ދެން ސިލޯނަކީ އަބަދުވެސް އަޅުގަނޑުމެންނާ އެންމެ ރަޙްމަތްތެރި ޤައުމު ކަމަށްވާތީ، މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވޭނީ، އަޅުގަނޑުމެންގެ ދިވެހިން ސިލޯނުގައި އުޅޭއިރު ކަންތައްތައް ފަސޭހަކުރުމަށްޓަކައި އަޅުގަނޑުގެ ފަރާތުން ދައްކާ ވާހަކަ، ސަރުކާރުގެ ފަރާތުން އަޅުގަނޑު ހުށަހަޅާ ވާހަކަތައް އަޅުގަނޑުމެން ދައްކާނީ.

ޝުކުރިއްޔާ!

________________________