ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންވެސް، މީގެ ކުރިންވެސް ފާހަގަކޮށްފައިވާ ރާއްޖެ-އިންޑިޔާ އެކުވެރިކަމުގެ ހަފްތާގެ ސަބަބުން، އިތުރަށް ހަރުދަނާވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އެކުވެރިކަން ބަދަހިކުރުމަށް ފާހަގަކުރެވޭ "ދޯސްތީ-އެކުވެރިކަން" ހަފްތާ އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން މިއަހަރު މިފާހަގަކުރެވޭ ހަފްތާއަކީވެސް ވަރަށް ކާމިޔާބު ހަފްތާއަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޓްރޭޑަރޒް ހޮޓެލްގައި މި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަމުން، "ދޯސްތީ-އެކުވެރިކަން" ހަފްތާގައި ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، މި ހަރަކާތްތައް އިންތިޒާމު ކުރެއްވުމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގެ ބޭފުޅުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވިއެވެ.

އަންނަ އަހަރު ފާހަގަކުރެވޭނީ ރާއްޖެއާ އިންޑިޔާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރިތާ 50 އަހަރު ފުރުމުގެ ރަން ޔޫބީލްކަން ފާހަގަކުރައްވަމުން، މިއީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެންމެ މުނާސަބު ވަގުތު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ގުޅުމެއް ކަމަށް ވިދާޅުވެ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ ތަރައްޤީއަށްޓަކައި އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.