ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ސްރީލަންކާއަކީ، ދިވެހިރާއްޖެއާ އެންމެ ގާތް، އަބަދުވެސް ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އެހީތެރިވެދޭ ޤައުމެއްކަން ފާހަގަކުރައްވަމުން، މިދަތުރުފުޅުގައިވެސް ދެޤައުމުގެ ދެމެދުގައި 4 އެއްބަސްވުމެއްގައި ސޮއިކުރައްވަން ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙަންމަދު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މައިނޯރިޓީ ލީޑަރ އަދި ޑެޕިޔުޓީ ލީޑަރ މޫސާ ޒަމީރާއި، ޕާލަމަންޓަރީ ގްރޫޕުގެ ޗީފް ވިޕް ޢަލީ ޢާރިފާއި، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަދި ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.