ރާއްޖޭގެ އާ ޚާރިޖީ ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްލާމްދީން ޙިމާޔަތްކޮށް، ދިވެހިންގެ ފައިދާއަށާއި ލާބައަށްޓަކައި ރާއްޖެއިން ބޭރުން ފުރްޞަތުތައް ހުޅުވާލުމުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު އިޢުލާނު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައި، އެ ސިޔާސަތު އިޢުލާނު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވި އެއްބަސްވުމުން ދިވެހިންނަށް ލިބުނު މިނިވަންކަމަކީ، މިފަދަ ޚާރިޖީ ސިޔާސަތެއް، 78 އަހަރަށްފަހު، އަމިއްލައަށް އެކުލަވައިލައި ހިންގުމުގެ މިނިވަންކަމެވެ. އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަން ނުގެއްލި އޮތް ނަމަވެސް، އަމިއްލަ ދިފާޢީ ސިޔާސަތަކާއި، އަމިއްލަ ޚާރިޖީ ސިޔާސަތެއް ހިންގަން ލިބުނު މިނިވަންކަމެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަންނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިން ފާހަގަކުރާނީ، މިދެންނެވި މުހިންމު މިނިވަންކަމުގެ ރަން ޔޫބިލް ކަމަށާއި، މިނިވަންކަމުގެ ރަން ޔޫބިލް ފާހަގަކުރުމަށް ދިވެހިން ތައްޔާރުވަމުންދާއިރު، ބޭރު ދުނިޔެއާމެދު ދިވެހިން ދެކެމުން އަންނަގޮތް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [މިއަދު ދިވެހިރާއްޖެއަކީ [ތޮށިގަނޑު ފަޅާލާފައި] ދުނިޔެއަށް ނުކުމެ ތިބި ބައެއް. މިހެންވެ، ދުނިޔޭގެ ހަލަބޮލި ސިޔާސީ އޮއިވަރުގެ ތެރޭގައި، މި ކުޑަކުޑަ ދިވެހިރާއްޖެއަށް އަމާންކަމާއެކީ ދަތުރުކުރެވޭނީ، ވިސްނުންތެރި ސިޔާސަތެއް ގެންގުޅެގެން. އެ ސިޔާސަތު އެކުލަވައިލުމުގަޔާއި، އެ ސިޔާސަތު ހިންގުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއް ސަފެއްގައި ފައިހަމަކުރެވޭނީ، އެފަދަ ކުޅަދާނަކަމާއި ޤާބިލުކަން، ދިވެހި ޚާރިޖިއްޔާއަށް ގެނެވިގެން.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތު އިޢުލާނު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ، ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތެކޭ އެއްފަދައިން، އެއްޤައުމުން އަނެއް ޤައުމުގެ އިސްތިޤްލާލަށް އިޙްތިރާމް ކުރުމުގެ އަސާސްގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. ދޭދޭ ޤައުމުގެ ގުޅުން ހިންގަންޖެހޭނީ، މަޝްވަރާގެ މަތިވެރި އުޞޫލުން، ޑިޕްލޮމެސީގެ ރޫޙާ އެއްގޮތަށް ކަމުގެ އަސާސްގެ މައްޗަށް ކަމަށާއި، ކުޑަޔަސް، ބޮޑަސް، ކޮންމެ ޤައުމަކީވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ޤައުމެއްގެ ގޮތުގައި ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދެންނެވި އަސާސްތަކުގެ މައްޗަށް ބިނާކުރައްވައި އެކުލަވައިލެއްވި ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، ދިވެހިންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދުގެ ދުނިޔޭގައި މިނިވަން ޚާރިޖީ ސިޔާސަތެއް ހިންގޭނީ، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް އަޅުގަނޑުމެން ވެގެން، އަމިއްލަ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަނެއް އަމާޒަކީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދެވޭ ޚިދްމަތްތައް ފުޅާކުރައްވައި، ހަރުދަނާ ކުރެއްވުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދިނުމުގައި، ސަރުކާރުން އެހީތެރިވެދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭރު ޤައުމުތަކުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަށް ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހޯއްދަވައިދެއްވަންޖެހޭ ކަމަށާއި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަކީ، އެމީހުންނަށް ދިވެހި ދައުލަތުން ލިބެންޖެހޭ އަސާސީ ޚިދްމަތްތައް ލިބިގެން، އަބުރުވެރިކަމާއެކު އުޅެވޭނެ ބަޔަކަށް ހައްދަވައިދެއްވަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބަދަލުތައް ގެންނަވައި، ދިވެހި ޚާރިޖިއްޔާއަކީ ނަތީޖާ ނެރެވޭފަދަ ޤާބިލް މުއައްސަސާއަކަށް ހެއްދެވުމަށްޓަކައި ފޮރިން ސަރވިސްއާބެހޭ ޤާނޫނެއްގެ ބިލެއް އެކުލަވައިލެއްވުމުގެ މަސައްކަތް، ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި، [ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް]ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު އިންސްޓިޓިއުޓެއް ޤާއިމުކުރައްވާފައިވާކަން އިޢުލާނު ކުރެއްވިއެވެ. އެ އިންސްޓިޓިއުޓުން ކުރާނެ މައިގަނޑު މަސައްކަތްތަކަކަށްވާނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދްމަތްކުރާ ފަރާތްތަކަށް ތަމްރީނު ދިނުމާއި، ޚާރިޖީ ސިޔާސަތުގެ ތަފްޞީލުތައް އެކުލަވާލައި ހިންގުމަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ފޮރިން ސަރވިސްގެ ޤާނޫނު ފާސްވުމުގެ ކުރިންވެސް ދިވެހި ޚާރިޖިއްޔާގެ ޤާބިލުކަން އިތުރުކުރައްވައި، އެއީ ދިވެހި ދައުލަތުގެ ނަމުގައި ވަކާލާތުކޮށް، އަޑު އުފުލައި، ދިވެހިންނަށް ލާބައާއި މަންފާ ހޯއްދަވައިދެއްވައި، ދިވެހިން ފަޚްރުވެރިކޮށްދޭނެ މުއައްސަސާއަކަށް ހެއްދެވުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން އުފެއްދެވި އިންސްޓިޓިއުޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އަދިވެސް ވިދާޅުވިއެވެ. [އަޅުގަނޑުމެން ކަނޑައަޅާ ސިޔާސަތެއްގެ ސަބަބުން ރާއްޖޭގައި މިއޮތް އަމާންކަން ގެއްލިގެނެއް ނުވާނެ. އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ޖާގަދެވިގެން ނުވާނެ. މިފަދަ ކަންކަމަކީ، ސަރަޙައްދީ ޤައުމުތަކަށާއި، ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ އެހެން ޤައުމުތަކަށްވެސް އެކަމުގެ އަސަރު ފޯރާނެ ކަންކަން. އަމާން ދިވެހިރާއްޖޭގެ ގޮނޑުދޮށުން އުފެދޭ ރާޅަކީ، ބަވަނަވެފައިވާ ދުނިޔޭގައި އިންޑިޔާ ކަނޑާއި އެޓްލާންޓިކް ކަނޑާއި، ޕެސިފިކް ކަނޑާ ހަމަޔަށް ފޯރާނެ ރާޅު ކަމުގައި އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވާނެ.]
ސަރުކާރުގެ ޚާރިޖީ ސިޔާސަތު އިޢުލާނު ކުރެއްވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފްވެސް ވާހަކަފުޅު ދެއްކެވިއެވެ.