بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ޢިއްޒަތްތެރި ޙާޒިރީން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިއަދަކީ ކުރިއަށް އޮތް ފަސްއަހަރު، ދިވެހިންގެ ޝަރަފާއި ޤަދަރު ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށްޓަކައި، ދިވެހި ޚާރިޖިއްޔާއިން ކުރާނެ މަސައްކަތްތައް އިޢުލާނުކުރާ ދުވަސް. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރައްޔިތުންނާ ޙިއްޞާ ކުރުމުގެ ދުވަސް.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްލާމްދީން ޙިމާޔަތްކޮށް، ދަމަހައްޓައިދޭނެ ސިޔާސަތު. ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި އިސްތިޤުލާލު ދަމަހައްޓައިދޭނެ ސިޔާސަތު. ދިވެހިންގެ ފައިދާއަށާއި ލާބައަށް ރާއްޖެއިން ބޭރުން ފުރުޞަތުތައް ހުޅުވައިލުމުގެ ސިޔާސަތު. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވި އެއްބަސްވުމުން ދިވެހިންނަށް ލިބުނު މިނިވަންކަމަކީ، މިދެންނެވިފަދަ ޚާރިޖީ ސިޔާސަތެއް، 78 އަހަރަށްފަހު، އަމިއްލައަށް އެކުލަވާލައި ހިންގުމުގެ މިނިވަންކަން. އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަން ނުގެއްލި އޮތް ނަމަވެސް، އަމިއްލަ ދިފާޢީ ސިޔާސަތަކާއި، އަމިއްލަ ޚާރިޖީ ސިޔާސަތެއް ހިންގަން ލިބުނު މިނިވަންކަން. އަންނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިން ފާހަގަކުރާނީ މިދެންނެވި މުހިންމު، މިނިވަންކަމުގެ ރަން ޔޫބީލް.

މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ދިވެހިން ތައްޔާރުވަމުންދާއިރު، ބޭރުދުނިޔެއާމެދު ދިވެހިން ދެކެމުން އަންނަ ގޮތް ވަނީ ވަރަށްބޮޑަށް ބަދަލުވެފައި. މިއަދު ދިވެހިރާއްޖެއަކީ "ތޮށިގަނޑު ފަޅާލާފައި" ދުނިޔެއަށް ނުކުމެ ތިބި ބައެއް. މިހެންވެ، ދުނިޔޭގެ ހަލަބޮލި ސިޔާސީ އޮއިވަރުގެ ތެރޭގައި، މި ކުޑަކުޑަ ދިވެހިރާއްޖެއަށް އަމާންކަމާއެކީ ދަތުރުކުރެވޭނީ، ވިސްނުންތެރި ސިޔާސަތެއް ގެންގުޅެވިގެން. އެ ސިޔާސަތު އެކުލަވައިލުމުގަޔާއި، އެ ސިޔާސަތު ހިންގުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއްސަފެއްގައި ފައިހަމަކުރެވޭނީ، އެފަދަ ކުޅަދާނަކަމާއި ޤާބިލުކަން ދިވެހި ޚާރިޖިއްޔާއަށް ގެނެވިގެން.

އަޅުގަނޑުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ، ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތެކޭ އެއްފަދައިން، އެއް ޤައުމުން އަނެއް ޤައުމުގެ އިސްތިޤްލާލަށް އިޙުތިރާމު ކުރުމުގެ އަސާސުގެ މައްޗަށް. ދޭދޭ ޤައުމުގެ ގުޅުން ހިންގަންޖެހޭނީ މަޝްވަރާގެ މަތިވެރި އުސޫލުން، ޑިޕްލޮމަސީގެ ރޫޙާ އެއްގޮތަށް، ކަމުގެ އަސާސުގެ މައްޗަށް. އަޅުގަނޑުމެން ޤަބޫލުކުރަނީ ކުޑަޔަސް ބޮޑަސް ކޮންމެ ޤައުމަކީވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ޤައުމެއްގެ ގޮތުގައި.

މިދެންނެވި އަސާސްތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑު އެކުލަވައިލި ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، ދިވެހިންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން. މިނިވަން ޚާރިޖީ ސިޔާސަތެއް، މިއަދުގެ ދުނިޔޭގައި ހިންގޭނީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް އަޅުގަނޑުމެން ވެގެން. އަމިއްލަ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެން. ހަމައެޔާއެކު، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ދިވެހީންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށާއި، މިކަންކަމަށް މަގުފަހިކޮށްދީގެން. ރާއްޖެއަށް ބޭރުގެ އެހީތައް ލިބޭނެގޮތަށް މަގު ތަނަވަސްވެގެން.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަނެއް އަމާޒަކީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުން. ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ވީސާ ހޯދައިދިނުމުގައި ސަރުކާރުން އެހީތެރިވެދީގެން. ބޭރު ޤައުމުތަކުގައި ކިޔަވަންތިބޭ ދިވެހި ކުދީންނަށް ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހޯދައިދޭންޖެހޭ. ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންނަކީ، އެމީހުންނަށް ދިވެހި ދައުލަތުން ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބިގެން، އަބުރުވެރިކަމާއެކު އުޅެވޭނެ ބަޔަކަށް ހަދައިދެވިގެން.

މި ބަދަލުތައް ގެނެސް، ދިވެހި ޚާރިޖިއްޔާއަކީ ނަތީޖާ ނެރެވޭފަދަ ގާބިލު މުއައްސަސާއަކަށް ހެދުމަށްޓަކައި، ފޮރިން ސަރވިސްއާ ބެހޭ ޤާނޫނެއްގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިގެންދަނީ ކުރަމުން. އެ ބިލު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ. އިރާދަކުރެއްވިއްޔާ ފޮރިން ސަރވިސްގެ ޤާނޫނު ވުޖޫދަށް އައުމުން، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގައިވެސް ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ޤާއިމުވެގެންދާނެ.

ފޮރިން ސަރވިސްގެ ޤާނޫނު ފާސްވުމުގެ ކުރިންވެސް، ދިވެހި ޚާރިޖިއްޔާގެ ޤާބިލުކަން އިތުރުކޮށް، އެއީ ދިވެހި ދައުލަތުގެ ނަމުގައި ވަކާލާތުކޮށް އަޑުއުފުލައި، ދިވެހިންނަށް ލާބައާއި މަންފާ ހޯދައިދީ، ދިވެހިން ފަޚުރުވެރި ކޮށްދޭނެ މުއައްސަސާއަކަށް ހެދުމަށްޓަކައި، މިހާރުވެސް މަސައްކަތްތަކެއް ފަށާފައިވޭ. އެގޮތުން "ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް"ގެ ނަމުގައި، މިދިޔަ ބުރާސްފަތި ދުވަހު އިންސްޓިޓިއުޓެއް ސަރުކާރުންވަނީ ޤާއިމުކޮށްފައި. އެ އިންސްޓިޓިއުޓް ހިނގަމުންދާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި. އެ އިންސްޓިޓިއުޓުން ކުރާނެ މައިގަނޑު މަސައްކަތްތަކަކަށްވާނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތްކުރާ ފަރާތްތަކަށް ތަމްރީނުދިނުމާއި، ޚާރިޖީ ސިޔާސަތުގެ ތަފުސީލުތައް އެކުލަވައިލައި ހިންގުމަށް ބޭނުންވާ ޢިލްމީ ދިރާސާ ކުރުން. އެ އިންސްޓިޓިއުޓުގެ މަސައްކަތްތައް ފަށައިގަންނައިރުވެސް، ޚާރިޖީ ދާއިރާއިން މިހާތަނަށް ރާއްޖެއަށް ލިބިފައިވާ އަގުހުރި ތަޖުރިބާތަކުގެ ބޭނުން ހިފުމަށްޓަކައި، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ ފުންނާބު އުސް ބޭފުޅުން ހިމެނޭގޮތަށް، އިންސްޓިޓިއުޓަށް ލަފާދޭ މަޖިލީހެއް އުފެއްދުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި.
ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭ އެއްކަމަކީ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުން. ރާއްޖެއަށް ދިމާވާ އެކި ކަންކަމުގައި ޙައްޤުބަސްބުނާ ޒުވާން ޖީލެއް އުފެއްދުން. ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް ޤާބިލު ޒުވާނުން ޙަރަކާތްތެރިވުމުގެ ފުރުޞަތު ހޯދައިދިނުން.

މިއަދު މި އިޢުލާނު ކުރެވުނު ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރާނެ އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ މުވައްޒަފުންނަށް، ޚާއްޞަކޮށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިއަދާ ހަމައަށްވެސް އެ ވުޒާރާއިން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް، ވުޒާރާގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ކަނޑައަޅާ ސިޔާސަތެއްގެ ސަބަބުން، ރާއްޖޭގައި މިއޮތް އަމާންކަން ގެއްލިގެނެއް ނުވާނެ. އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ޖާގަދެވިގެނެއް ނުވާނެ. މިފަދަ ކަންކަމަކީ، ސަރަޙައްދީ ޤައުމުތަކަށާއި، ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ އެހެން ޤައުމުތަކަށްވެސް އެކަމުގެ އަސަރު ފޯރާނޭ ކަންކަން. އަމާން ދިވެހިރާއްޖޭގެ ގޮނޑުދޮށުން އުފެދޭ ރާޅަކީ، ބަވަނަވެފައިވާ ދުނިޔޭގައި އިންޑިޔާ ކަނޑާއި އެޓްލާންޓިކު ކަނޑާއި ޕެސިޕިކް ކަނޑާ ހަމަޔަށް ފޯރާނެ ރާޅު ކަމުގައި އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވާނެ.

ޚާރިޖީ ވިސްނުމުގެ ތެރެއިން ރާއްޖެއަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި ކަނޑުތައް ހުރަސްކޮށް، މި ފަށާ ދަތުރަކީ ނިޔާމަ ދަތުރެއް ކަމުގައި ލައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه