ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޖޯން ރެންކިން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި އިޤްތިޞާދީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން، ޤައުމުގެ އިޤްތިޞާދީ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންނާއި، އިނގިރޭސިވިލާތާއި، ޔޫރަޕުގެ އިއްތިހާދުން ރާއްޖޭގައި އިންވެސްޓު ކުރާ މިންވަރު އިތުރުކުރުމަށްޓަކައި، މިވަގުތު ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތު، އިނގިރޭސި ސަފީރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޔޫރަޕުގެ އިއްތިހާދުން ފޯރުކޮށްދެމުން ގެންދާ "ޖީއެސްޕީ ޕްލަސް" ސްކީމުން، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ދެމުންދާ ޑިއުޓީ ފްރީ ޢިނާޔަތްތައް އިތުރު މުއްދަތަކަށް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިނގިރޭސި ސަފީރުގެ ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މުސްތަޤުބަލުގައިވެސް، ރާއްޖެއިން އިނގިރޭސިވިލާތުގެ އެހީތެރިކަން ބޭނުންވާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ފަރުޒާނާ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.