ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ސަޢީދު ޚާން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރު ދާއިރާތަކުގައި ފުޅާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ޕާކިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ރައީސް ޔާމީނުގެ ޒަޢާމަތުގައި އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެ، މި ސަރުކާރަށް ޕާކިސްތާނު ސަރުކާރުގެ ފުރިހަމަ ތާއީދު އޮތްކަމުގައި ސަފީރު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.