ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިދަތުރުފުޅު ކުރައްވާނީ، މި ޖަނަވަރީ މަހުގެ 21 އިން 23 އަށެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ. ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާ، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި ސްރީލަންކާގެ ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްރީލަންކާ – މޯލްޑިވްސް ބިޒްނަސް ކައުންސިލުން އިންތިޒާމްކޮށްގެން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރްޞަތުތައް ފުޅާކުރުމާއި، ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ބިޒްނަސް ފޯރަމެއް ބާއްވަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.