އިންޞާފު ޤާއިމު ކުރުމަށްޓަކައި ޝަރީޢަތްތައް ހަލުވި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމަށް ފަނޑިޔާރުންނާއެކީ މަސައްކަތް ފަށްޓަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަދުލު އިންޞާފުގެ ދާއިރާގައި ޢަދުލުއިންޞާފު ހަލުވިވެގެން ދިޔުމަކީ، ސަރުކާރުން ބޭނުންފުޅުވާ ކަމެއް ކަމަށާއި، އެހެންނަމަވެސް ޢަދުލުއިންޞާފުގެ ވަކިކަމެއް ވަކިގޮތަކަށް ނިންމެވުމަކީ، ސަރުކާރުން ބޭނުންފުޅުވާ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަނޑިޔާރުންނާއެކީ ސަރުކާރުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކުގެ ނަތީޖާއަކަށްވެގެންދާނީ އަވަސްކަމާއެކީގައި އަދުލުއިންޞާފު ޤާއިމުވެގެންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ދުރު ރަށްރަށުގައި ޢަދުލުއިންޞާފު ހޯދުމަށްޓަކައި ކޯޓުތަކުން ފަސޭހަކަމާއެކީގައި މައްސަލަތައް ބަލައިގަނެވޭނެ ނިޒާމެއްވެސް މި މަސައްކަތުގެ ތެރެއިން ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ސަރުކާރުގެ ދާއިރާތަކުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިވަޑައިގެންފައިވާ ކަމަށާއި، އެހެންނަމަވެސް 100 ދުވަހުގެ ތެރޭގައި މި ހުރިހާ ކަމެއް ޙައްލުވެގެންނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 100 ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާނީ، ބޮޑެތި މަޝްރޫޢުތަކާ ދޭތެރޭގައި ގޮތްތަކެއް ނިންމުމަށްޓަކައި ސަރުކާރުގެ މަޤްޞަދު، ސަރުކާރުގެ ނިޔަތް އޮތް ގޮތް ހާމަކޮށްދެއްވުމުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބުރިޖަށް އިޝާރާތް ކުރައްވަމުން، އެކަމަށް ވަރަށް ވަރުގަދަ ކުންފުނިތަކުން އިޖާބާ ދީފައިވާ ކަމަށް ވިދާޅުވެ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މާލެއަށް އަންނަ ތަރައްޤީއަކީ، ހުޅުމާލެއަށް އަންނަ ތަރައްޤީއަކީ، އަދި މާލެއާއި ހުޅުމާލެއާ ދެމެދު ބުރިޖެއް އެޅުމުން އަންނަ ތަރައްޤީއަކީ، މުޅި ރާއްޖެއަށް އަންނަ ތަރައްޤީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްކެވި ވާހަކަފުޅުގައި، ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިހަހާސްރުފިޔާ ދެއްވާނެ ކަމަށާއި، ދަނޑުވެރިންނަށްވެސް މި ފައިސާ ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ދެއްވާ ޢިނާޔަތް 2300 ރުފިޔާއިން 5000 ރުފިޔާއަށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުވަނީ މާލެވަޑައިގެންފައެވެ.