ސަރުކާރަށް އާމްދަނީ ހޯއްދަވައިދެއްވުން އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަތްޕުޅުމަތީގައި ކަމަށާއި، ސަރުކާރު ހިންގަން ރައްޔިތުންގެ މަޖިލީހުން ފައިސާ ހޯއްދަވައިދެއްވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިރޭ އައްޑޫ ސިޓީގެ ހިތަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ އާމްދަނީ އިތުރުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުތައް މަޖިލީހުން ފާސްކޮށްދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޤާނޫނުއަސާސީގައިވާ ގޮތުން ޓެކްސް ނެގޭނީ ރައްޔިތުންގެ މަންދޫބުން ހުއްދަ ދެއްވީމާ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ސަރުކާރު ހިންގަން ބޭނުންވާ ފައިސާ، ރައްޔިތުންގެ މަޖިލީހުން ހޯއްދަވައިދެއްވަންޖެހޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރަންވާނީ ސަރުކާރުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށްފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުސާރަ ދެއްވުމަށް ބޭންކުން ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި، ބޭރުން ފައިސާ ހޯއްދަވާފައިވެސް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މުސާރަ ދެއްވަމުން ގެންދަވަނީ އިޤްތިޞާދު ކުރައްވައިގެންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި މިކަމުގައި އެންމެ މުހިންމު ޙިއްޞާއެއް އަދާކުރައްވަނީ ސިވިލް ސަރވެންޓުންކަމަށްވުމާއެކު، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުން މިހާރަށްވުރެ ހޭލުންތެރިކުރުވައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން 5 އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކުރާ ކަމަށްވާނަމަ، ސިވިލް ސަރވިސްގެ ތެރެއިން ހަލުވިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން އޮފީސްތަކުން ފޯނު ނުނަގާ ކަމުގެ ޝަކުވާއަކީ ވަރަށް ބޮޑު ޝަކުވާއެއްކަމަށް ވިދާޅުވެ، އެކަން ޙައްލު ކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސް ނަންގަވައިގެން މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިހާރު ބޭނުންނުކުރާ ލައިންތައް ވަކިކޮށް، ސަރުކާރަށް ކަމަކަށް އެދި ފޯނުކޮށްފިކަމަށްވާނަމަ، އެ ފޯނުތަކަށް ޖަވާބުދެވޭ ގޮތަށް ސަރުކާރުގެ ފޯނު ސިސްޓަމްތައް ބަދަލުކުރުމަށް އޮފީސްތަކަށް މިހާރުވާނީ އަންގަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ އޮފީސްތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރަކުން ވަކި ޕާޓީއަކަށް ނުވަތަ ކުލައަކަށް ނުބައްލަވާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށްވެސް ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނީ ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރެއްވުމެއްނެތި ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން އިންތިޚާބު ކުރައްވާ ކައުންސިލަރުންވެސް ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

އައްޑުއަތޮޅުގެ ރައްޔިތުންނަކީ ތަރައްޤީއަށާއި ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތެއް ކަމަށް ވިދާޅުވެ، އަތޮޅުގެ ރައްޔިތުންނަކީ، ވަރަށް ކުރިއްސުރެ ޞިނާޢީ މަސައްކަތްތަކެއްގައި ޝާމިލުވެ ތިއްބެވި ބޭފުޅުންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އައްޑުއަތޮޅުގެ ރައްޔިތުންނަކީ، މަސައްކަތަށް ކަމޭ ހިތުމާއި މަސައްކަތަށް އިޙްތިރާމް ކުރުމުގެ ސިފަތަކެއް އަށަގެންފައިވާ ރައްޔިތެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އިޤްތިޞާދީ ސިޔާސަތު، އައްޑުއަތޮޅާ ހަމައަށް އަމާޒުވެގެން އަންނާނެ ކަމަށާއި، މިފަހަރުގެ ބަޖެޓުގައިވެސް އައްޑުއަތޮޅުގެ ވަރަށް ގިނަ މަޝްރޫޢުތަކަށް ފައިސާ ހިމަނުއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ރޭވިފައިހުރި މަޝްރޫޢޫތަކުގެ މައްޗަށާއި، ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި އެކަންކަން ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.