ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް ތަހުނިޔާ ވިދާޅުވެ، ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ފޮނުއްވި މި ސިޓީފުޅުގައި، ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައެްޔޫމް، ހޯއްދެވި ކާމިޔާބީއަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި، މި ކާމިޔާބީއަކީ އެމަނިކުފާނަށް ދިވެހި ރައްޔިތުން ކުރައްވާ އިތުބާރުގެ ރަމްޒެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްެޖެއާއި ޕާކިސްތާނަކީ، ގާތް ރަޙްމަތްތެރި ގުޅުމެއް އޮންނަ ދެޤައުމަށްވުމުގެ އިތުރުން، ޤަރުނުތަކެއް ވަންދެން ޘަަޤާފީ ރޮނގުންނާއި، ތާރީޚީ ރޮނގުންނާއި އަދި އެނޫންވެސް ރޮނގުތަކުން އެއްގޮތް ކަންތައްތަކެއް ޙިއްސާކުރަމުން އައިސްފައިވާ ދެޤައުމުކަން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ނަވާޒު ޝަރީފުގެ ސިޓީފުޅުގައި، އެ މަނިކުފާނާއި ރައީސް މައުމޫނާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި، ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައިވެސް ދެޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވުމަށްޓަކައި، ދިވެހި ސަރުކާރާއެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ސިޔާސީ، އިޤްތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ދާއިރާގައި މި ސަަރަޙައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ސިޓީފުޅުގައި އަލިއަޅުއްވާލައްވާާފައިވެއެވެ. މިގޮތުން، މި ސަރަޙަައްދަށް އަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަން ގެނައުމަށްޓަކައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވައިލައްވާފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ސިޓީފުޅުގައި، ރައީސް ޔާމީނުގެ ޒަޢާމަތުގައި، ދެޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް، ހުުރިހާ ދާއިރާތަކަކުންވެސް ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.