މިނިވަން މުއައްސަސާތަކުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް އަވަސްކޮށް، ހަލުވިކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީން ދެއްކެވި ވާހަކަފުޅުގައި، މިނިވަން މުއައްސަސާތަކުން ޢާންމު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް، މިހާރަށްވުރެ ހަލުވިކަމާއެކު ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ޚިދުމަތްތައް ދެއްވުމުގައި އެ މުއައްސަސާތަކަށް ކުރިމަތިވެފައި ހުރި ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެ ދަތިތައް ޙައްލުކުރެއްވުމަށް ސަރުކާރުން ކޮށްދެއްވެންހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

ސަރުކާރުގެ އެކިއެކި އޮފީސްތަކުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ދެއްވުމުގައި، މިހާރުން މިހާރަށް އިޞްލާޙު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާ މީގެކުރިން ބައްދަލުކުރައްވައި، އެކަންކަން އިޞްލާޙު ކުރެއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިނިވަން މުއައްސަސާތަކަށް ޢާންމުން ފޮނުވާ ސިޓީތަކަށް ޖަވާބު ދެއްވުން އަވަސްކުރެއްވުމާއި، ފޯނުކޯލްތަކަށް އަވަހަށް ޖަވާބު ދެއްވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެއްވުމާއި، ޢާންމުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގުތައް ތަނަވަސްކުރުމާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި، މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ، މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަންކަން ކަމުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޛު ކުރުމުގައި، މިނިވަން މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެ، މިކަންކަން ރަނގަޅުކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާ ދެމެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، އެ މުއައްސަސާތަކުން ކުރައްވާ ކަންކަމުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ލިބުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މިނިވަން މުއައްސަސާތަކުން ދެއްވަމުން ގެންދަވާ ޚިދުމަތްތަކާމެދު ޢާންމުންގެ ހޭލުންތެރިކަން މިހާރަށްވުރެ އިތުރުކުރެއްވުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި 20 މުއައްސަސާއަކުން އިދާރީ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.