ޓެންޑަރ އިވެލުއޭޝަން ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. މިގޮތުން، ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު އަލްފާޟިލް ޙުސައިން ޟިރާރެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޛު މޫސާ ޢާލިމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު އިފްތިޚާރާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑިރެކްޓަރ އަލްފާޟިލް ރިޟްވާން އާދަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙަންމަދު ޢަލީ އާއި އަދި މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޤާސިމެވެ. މި ބޭފުޅުންގެ އިތުރުން، މި ބޯޑުގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ފަތިސް ސަޢުދުﷲ ޙިލްމީވެސް ހިމަނުއްވާފައިވެއެވެ.