ސްރީލަންކާ ނޭވީގެ ކޮމާންޑަރު، ވައިސް އެޑްމިރަލް ޖަޔަނަތު ކޮލަމްބަގެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ. ޚާއްޞަކޮށް، ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމާއި، ޓެރަރިޒަމާއި، ކަނޑު ފޭރުމާއި، ކަނޑު ތަޣައްޔަރުވުންފަދަ ދެޤައުމުންވެސް ކަންބޮޑުވާ މައްސަލަތަކުގައި، ދެޤައުމުގެ ގުޅުން މިހާރަށް ވުރެން ބަދަހިކޮށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ވައިސް އެޑްމިރަލް ޖަޔަނަތުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތްތަނުގައިވެސް، ސްރީލަންކާގެ ނޭވީއިން ރާއްޖެއާއެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑިފެންސާއި، ކަނޑުގެ ސަލާމަތީ ދާއިރާގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ފުރިހަމަ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި ސްރީލަންކާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ކަރނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.