2013 ޑިސެމްބަރު 31ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [ޖިންސީ ކުށުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، މިބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި މި ބިލުގައި އިސްލާމީ ޝަރީޢަތާއި، އިސްލާމީ އުޞޫލުތަކާ ޚިލާފު ބައެއް ކަންކަން ހިމެނޭތީ، އެއީވެސް ބިލު އަނބުރާ ފޮނުއްވައިލެއްވުމުގައި ރިޢާޔަތް ކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.