ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމަށް ދެބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މިގޮތުން ޢައްޔަނު ކުރެއްވި އެއް ބޭފުޅަކީ، ކޮޅުމަޑުލު ގުރައިދޫ މެދުގޭ އަލްފާޟިލް މުޙަންމަދު އިބްރާހީމް މަނިކެވެ. އޭނާ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމުގައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވި އަނެއް ބޭފުޅަކީ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ގަހާ އަލްފާޟިލް އަޙްމަދު މުނައްވަރެވެ. އަޙްމަދު މުނައްވަރަކީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ރޮނގުން ބެޗްލަރސް ޑިގްރީ އަދި އޮސްޓްރޭލިއާގެ މެކްކުއަރީ ޔުނިވަރސިޓީން އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ރޮނގުން (މޭޖަރ އިން މަނިޓަރީ އިކޮނޮމިކްސް) މާސްޓަރސް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ މީގެކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައެވެ.