ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިދަންނަވާލަނީ މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.
[ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަދި އުޚުއްވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ. ހަމައެހެންމެ، މި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި، މުޅި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުވައި މުބާރަކްބާދީ އަދާކުރަމެވެ.
މާތްﷲ މި އުންމަތުގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަލޭގެފާނު ގެނެސްދެއްވި އަދި އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްކެވި މާތް ނަމޫނާގައި ހިފެހެއްޓުމަކީ މިފަދަ މުނާސަބަތެއްގެ ޒިކުރާ އާކުރަމުންގެންދާއިރު އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނެއެވެ. ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަކީ، މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި މީސްތަކުންނަށް ކަންތައްތައް ފަސޭހަކޮށްދެއްވުމުގެ އެންމެ ރިވެތި ނަމޫނާއެވެ. ކީރިތި ރަސޫލާގެ ޢީދުމީލާދުގެ ހަނދާންތައް އާކުރަމުން ގެންދާއިރު، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ދީނުގައި ނުގުޑާފަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތު ކުރުމުގެ ޢަޒުމު އަޅުގަނޑުމެން އާކޮށް އެކަމުން ހިތްވަރު ލިބިގަންނަން ޖެހޭނެއެވެ. އަދި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ފިލާވަޅުކަން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެއެވެ.
މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށިއެވެ! ކީރިތި ރަސޫލާ އެ ދެއްކެވި މާތް ނަމޫނާގައި ހިފަހައްޓައި، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި އުސޫލުތަކުގައި ނުގުޑާފަދަ ޢަޒުމަކާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން.]