ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމްގެ އަރިހަށް، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން މިސިޒް ދިލްޝާދު ސަޢީދު ޚާން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ގާތް ގުޅުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި، ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ޙާލަތު ރަނގަޅު ކުރުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.