ހުސްވި ޑިސެމްބަރު މަހުގެ 29ވި އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި [މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބިލު] އާއި، ޑިސެމްބަރު މަހުގެ 30ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި [އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު] އާއި އަދި އެޖަލްސާއިން ފާސްކުރެއްވި [ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މި ތިން ޤާނޫނު، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަކީ، ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބާދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤު، ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާ އެކަށައަޅައި، ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކޮންމެ މީހަކަށްމެ ލިބިދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ. މި ޤާނޫނުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އެކަށައެޅުމާއި، ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ނުހިނގާނީ، މި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ޙާލަތްތަކުގައި އެކަނި ކަމުގައި ކަނޑައެޅުމާއެކު، އެ ޙާލަތްތަކުގައިވެސް އެ މަޢުލޫމާތު ހާމަކުރުމުން ލިބޭ ގެއްލުމަށްވުރެ، ހާމަނުކުރުމުން ޢާންމު މަޞްލަޙަތަށް ލިބޭ އުނިކަން ބޮޑުވާނަމަ، ޢާންމު މަޞްލަޙަތު ނެގެހެއްޓުމަށްޓަކައި އެ މަޢުލޫމާތު ހާމަކުރުމުގެ އުސޫލު ކަނޑައެޅުން ހިމެނެއެވެ. އަދި ދައުލަތުގެ އިދާރާތަކުގައިވާ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ޝާއިޢު ކުރުމަށް ހިތްވަރު ދިނުމާއި، މީހަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާއެއްގައި ބަލަހައްޓަމުންގެންދާ މަޢުލޫމާތަކީ ފުރިހަމަ، ތެދު އަދި އޮޅުމެއްނެތް މަޢްލޫމާތެއްކަން ކަށަވަރު ކުރުމުގެ ޙައްޤު، އެމީހަކަށް ލިބިދިނުމާއި، މިބަޔާންކުރި ކަންކަން ހިންގުމަށް މަގުފަހިކުރުމަށްޓަކައި އެކަށީގެންވާ އުޞޫލުތަކެއް ކަނޑައަޅައިދިނުންވެސް މިޤާނޫނުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން ރައްޔިތުންނަށް މަޢުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ނުވަތަ އިންފޮމޭޝަން އޮފިސަރުން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި، އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެ ކަމަށާއި، އިންފޮމޭޝަން އޮފިސަރަކު ނުވަތަ އިންފޮމޭޝަން އޮފިސަރުން ކަނޑައަޅާނީ، އެ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމަށް، މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު [އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް] މިނަމުގައި އޮފީހެއް ޤާއިމުކުރަންވާނެ ކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ޢައްޔަނު ކުރާނީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، އެޖަލްސާއަކަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމަކީ، ޢާންމުކޮށް އިޢުލާނުކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ކަމުގައި ވާންވާނެ ކަމަށްވެސް މިޤާނޫނުގައި ބުނެފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މިޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާތާ 6 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ. މިޤާނޫނުގެ މައްސަލަތަކުގެ ތެރޭގައި، ފަޤީރުކަމުގެ ލޮޅުންތަކުން ރައްޔިތުންގެ ތެރެއިން ދަތިޙާލުގައި ޖެހޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ދިނުމާއި، މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައިވާ ފަރަޤު ކުޑަކުރުމާއި، ޤައުމުގެ ހުރިހާ ވަސީލަތް ރައްޔިތުންނަށް ވީހާވެސް ހަމަހަމަގޮތެއްގައި ފޯރުކޮށްދިނުމާއި، އަސާސީ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ރައްޔިތުންގެ ތެރެއިން ދަތިޙާލުގައިވާ މީހުންނަށް ސަރުކާރުންދޭ އެކިއެކި އެހީތައްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށްދޭ ފައިސާގެ އެހީއާއި، އަޅާލާނެ ފަރާތެއް ނެތް މީހުންނަށްދޭ އެހީއާއި، ނަފްސާނީ ބަލީގެ މީހުންނަށްދޭ އެހީއާއި، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތަށްދޭ އެހީ ހިމެނެއެވެ. އަދި ކަރަންޓް ބިލް ދެއްކުމަށްދޭ އެހީއާއި، ކާބޯތަކެއްޗަށްދޭ އެހީއާއި، ފެންބިލް ދެއްކުމަށްދޭ އެހީއާއި، ގޯތިގެދޮރުގެ އެހީއާއި، ކުއްލި ޙާލަތެއް ދިމާވެގެން ރައްކާތެރިކަން ދިނުމުގެ ގޮތުންދޭ އެހީއާއި، އެކިއެކި ޞިނާޢީ ދާއިރާތަކުގައި ކުދި ނުވަތަ މެދުފަންތީގެ ވިޔަފާރި ހިންގާ މީހުންނަށް ދިމާވާ ދަތިޙާލެއްގެ ސަބަބުން ދޭންޖެހިއްޖެނަމަ ދޭ އެހީއާއި، ދަރިވަރުންނަށްދޭ އެހީ ހިމެނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މިޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާތާ 6 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ، މި ޤާނޫނުގެ 63 ވަނަ މާއްދާގައި މިހާރު އޮތް ބައި (ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި، ޑިޕޮސިޓް ބެހެއްޓުން) އެއީ އެ މާއްދާގެ (ނ) ކަމުގައި ހަމަޖައްސައި، ތިރީގައިމިވާ ގޮތަށް އެ މާއްދާއަށް (ހ) އަދި (ށ) އިތުރުކުރުމެވެ.
(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއެއް ރާއްޖެއަށް ގެނައުމުގެ ކުރިން އެމީހަކު، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނުވަތަ [އެމްޕްލޮއިމަންޓް އެޕްރޫވަލް] ހޯދަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެންނަ ފަރާތްތަކުން މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ދައުލަތުގެ މުއައްސަސާގައި ޑިޕޮސިޓް ބަހައްޓަންވާނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މިޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާތާ 3 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.