ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙުމަދު، ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމަށް، އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ފުވައްމުލަކު ރައްޔިތުން ރޭ ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފުވައްމުލަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ 3 ސްޕޯޓްސް އެރީނާގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހެނދުނު އަޅުއްވައިދެއްވިއެވެ. އަދި އެމަނިކުފާނު، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް މިއަދު ވަޑައިގެން، ހޮސްޕިޓަލުގެ ބަލިމީހުންގެ ހާލުބައްލަވާލެއްވިއެވެ. މި ޒިޔާރަތުގައި، އެ ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ހޮސްޕިޓަލަށް މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެ ދަތިތައް ޙައްލުކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.