މި މަހުން ފެށިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހުދޫދެއްނެތި އާސަންދަ ލިބޭނެ ކަމުގައި ރައީސުލްޖްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ފުވައްމުލަކު ރައްޔިތުން ރޭ ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ ވިސްނުމުގެ މައްޗަށް ކަމަށާއި، ސަރުކާރުން މިހާރު ފަށްޓަވާފައިވާ މަސައްކަތްތަކަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ އަޑު އައްސަވައިގެން ފަށްޓަވާފައިވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ އެންމެ ބޮޑު އިޙްސާސްތައް ގުޅިފައި ހުރީ ޢާންމު ޚިދުމަތްތަކާ ކަމަށާއި، ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން އެދޭ އެދުންތައް ފުއްދަވައި ދެއްވޭނެ ގޮތް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޢުމުރުން 65 އަހަރުވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އެލަވަންސް ފަސްހާސް ރުފިޔާއަށް ބޮޑުކޮށްދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދަށް އިޝާރާތް ކުރައްވަމުން، ލަސްތަކެއްނުވެ އެފައިސާގެ ކަންތައްތައް ހަމަޖެހިގެންދާނެކަން ހާމަކުރެއްވިއެވެ. މި އެލަވަންސް ދެއްވުމަށް ނިންމަވާފައިވަނީ، އިންޝުއަރެންސެއް ޤާއިމު ކުރައްވައިގެން ކަމަށާއި، އެމަސައްކަތް ކުރިއަށް އެބަދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޙައްލުކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި، މީހުން ބިނާކުރުމާއި، ޑޮކްޓަރުން ހޯދުންފަދަ ކަންކަން ޙައްލުކުރެއްވުމަށް ވިސްނުންތަކެއް އެބަ ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ކުރު މުއްދަތުގަޔާއި ދިގު މުއްދަތުގައި ޚިދުމަތްކޮށްދޭނެ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއިން ބޭރުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ ކަމަށާއި، މި މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެފަދަ ޑޮކްޓަރުންނަށް ބަދަލުގައި ރާއްޖެއިން މެހްމާންދާރީއަދާކޮށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ހޯއްދަވައިދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މި ދެންނެވި އުސޫލުން 1 މަސް ދުވަހުގެ މުއްދަތަށް ޖަރުމަނުވިލާތުގެ ޑޮކްޓަރުންގެ ޓީމެއް ލަސްތަކެއްނުވެ ރާއްޖެ އައުމަށް މިހާރު ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޒުވާނުންގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެވަޑައިގެންފައިވާ އެއްވަޢުދު މިހާރުވެސް ފުއްދަވައިދެއްވާފައިވާ ކަމަށާއި، ޒުވާނުންނަށް ހޭދަކުރެއްވުމަށް 360 މިލިއަން ރުފިޔާ، ޒުވާނުންގެ މިނިސްޓްރީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށާއި، ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ އެކި ފިޔަވަޅުތައް ރައްޔިތުންނާ ޙިޢްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމަށް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރޭގެ ޚާއްޞަ ޙަފްލާގައި ފުވައްމުލަކު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ އެމަނިކުފާނަށް އެރުވީ ފުވައްމުލަކު އަތޮޅު ކައުންސިލުގެ ކައުންސިލަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލަކު އަތޮޅު ކައުންސިލާ އިއްޔެ ބައްދަލުކުރައްވައި ކައުންސިލުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ފުވައްމުލަކުގެ ތަރައްޤީއަށް ކުރެވޭ ކަންކަމަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ ބެއްލެވިއެވެ. އަދި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި، ފުވައްމުލަކުގައި ހުންނަވާ އެމް.އެން.ޑީ.އެފް.ގެ އިންޗާޖާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ހިންގި ހަރަކާތްތައް ނިންމުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރޯޑް ޝޯގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.