ޢިރާޤު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކަހްތާން ޠާޙާ ޚަލާފް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިރާޤާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ތެލުގެ ވިޔަފާރީގެ ދާއިރާގައި، ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިރާޤާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން އުފެދުނުތާ މިއަހަރު 43 އަހަރު ފުރޭކަން ފާހަގަކުރައްވަމުން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް އަޚުވަންތަކަމުގެ ގުޅުމެއްކަން ބަޔާންކުރެއްވިއެވެ. އަދި ރާއްޖެއާއި ޢަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމަކީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢިރާޤު ސަފީރުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީނާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.