ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 4 މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އެ 4 މެންބަރުންނަކީ މުލަކަތޮޅު ދިއްގަރު އަނީސާ މަންޒިލް އަލްފާޟިލް އިދުރީސް އިސްމާޢީލާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ބޯށިމާގޭ އަލްފާޟިލް ޢަބްދުﷲ ޢަލީއާއި، ހެންވޭރު އެލިއަތުވިލާ އަލްފާޟިލާ މަރްޔަމް ޝަމްމާ އިބްރާހީމާއި، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ނަސްފަރު އަލްއުސްތާޛު ޢަރީފް އަޙްމަދު ނަޞީރެވެ. މެންބަރުންގެ ތެރެއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވީ އިދުރީސް އިސްމާޢީލެވެ. ނައިބު ރައީސް ކަމަށް ޢައްޔަނު ކުރެއްވީ ޢަބްދުﷲ ޢަލީއެވެ.

މި ބޭފުޅުން މެންބަރުކަމުގެ ހުވާ ކުރެއްވުމާއި، މެންބަރުކަމަށް ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ބޭފުޅުންނާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބޭފުޅުންނަށް ހުވާލައި ދެއްވީ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ މި 4 ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޙައްޤުތައް ލިބެންވާ ފަރާތްތަކަށް އެ ޙައްޤުތައް ލިބެންވާނެ ކަމަށް ވިދާޅުވެ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިކަމުގައި ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.