މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަމުގެ މަޤާމުން ޑޮކްޓަރ ފަޒީލް ނަޖީބު އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ޒަމާނީ ފަންނީ އުސޫލުތަކާ އެއްގޮތަށް އެތާނގެ މަސައްކަތްތައް ބައްޓަން ކުރެއްވުމަށް ޑޮކްޓަރ ފަޒީލް ނަޖީބު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއވެ. އަދި ޒަމާނީ މަނިޓަރީ ސިޔާސަތުގެ އޮނިގަނޑެއް ތަޢާރުފު ކުރެއްވުމުގަޔާއި، ބޭންކިންގ ޤާނޫނު އެކުލަވާލެއްވުމުގަޔާއި، އަދި މި ނޫންވެސް މަނިޓަރީ އެހެން ސިޔާސަތުތައް އެކުލަވާލެއްވުމުގައި ވެދެއްވާފައިވާ ޙިއްޞާވެސް ފާހަގަކުރައްވާފައިވެއެވެ.