ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ކަމުގެ މަޤާމަށް ހެންވޭރު ފިނިވައިޖެހޭގޭ އިބްތިޝާމާ އަޙްމަދު ސަޢީދު ޢައްޔަނުކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އިބްތިޝާމާ އަޙްމަދު ސަޢީދަކީ، އިންޑިޔާގެ ތިރުވަނަންތަޕޫރަމްގެ އޯލް ސެއިންޓްސް ކޮލެޖުން ކޮމާސްގެ ރޮނގުން ބެޗްލަރސް ޑިގްރީ، އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ އިން މާކެޓިންގ ކޮމިޔުނިކޭޝަންގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އިބްތިޝާމާ އަޙްމަދު ސަޢީދަކީ، ބޭންކިންގ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ އެސޯސިއޭޓް ޑިރެކްޓަރ، އިންވެސްޓްމެންޓްސް ކަމުގެ މަޤާމުގައެވެ. އޭގެ ކުރިން، އެބޭންކުގެ ޑިރެކްޓަރ، ކޯޕަރޭޓް ބޭންކިންގ ކަމާއި، މެނޭޖަރ ކަމާއި، ކްރެޑިޓް ޑިޕާޓްމަންޓުގެ އިންޗާޖު ކަމާއި، ޑެޕިޔުޓީ މެނޭޖަރ ކަންވެސް ކުރައްވާފައިވެއެވެ.