ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސީނިއަރ އެޑްވައިޒަ ޓު ދަ މިނިސްޓަރުގެ މަޤާމަށް ގަލޮޅު ކާނިހިޔާ މުޙަންމަދު ޖަލީލު ޢައްޔަނު ކުރައްވައިފިއެވެ.
މުޙަންމަދު ޖަލީލަކީ، މީގެކުރިންވެސް ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ރާއްޖޭގެ ފައިނޭންސް ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ކަމުގެ މަޤާމު އެމަނިކުފާނު ފުރުއްވާފައިވެއެވެ. އަދި އޭގެ ކުރިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަޤާމުތަކެއްގައި އެ އޮތޯރިޓީއަށްވެސް ގިނަ ޚިދުމަތްތަކެއް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.