ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ލިއު ޜެންމިން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ. އަދި މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނާއި، ޚާއްޞަކޮށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ ތަފާތު ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ޗައިނާއަކީވެސް އެއްބަޔަކު އަނެއް ބައެއްގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރާ ދެޤައުމުކަން ބަޔާންކުރައްވަމުން، ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ޙައްލުކުރުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިފައިވާކަމަށް ޗައިނާ ސަރުކާރުން ޤަބޫލުކުރައްވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ، ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން އަބަދުވެސް ރާއްޖޭގެ ސިޔާދަތަށް އިޙްތިރާމްކުރާނެ ކަމަށާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި، މެރިޓައިމްގެ ދާއިރާއިންނާއި، ޢިމާރާތްކުރުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ފަތުރުވެރިކަން، ޗައިނާގައި އިތުރަށް އިޝްތިހާރު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ޗައިނާގެ ވައިސް މިނިސްޓަރ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ޗައިނާ ސަރުކާރުން ހުށަހެޅުއްވި ކަންކަމަށް މަރުޙަބާ ވިދާޅުވެ، އެކަމުގައި ޗައިނާ ސަރުކާރުން ބަހައްޓަވާ ޝައުގުވެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ސަރުކާރުން 2014 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ، އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިނާޢީ މަރުކަޒުތަކެއް ޤާއިމުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.