ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޖޯން-ޕޯލް މޮންޗޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ފަރަންސޭސިވިލާތުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، މިސްޓަރ ޖޯން-ޕޯލް މޮންޗޯގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަރަންސޭސިވިލާތަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައިވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ފަރަންސޭސިވިލާތާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދޭތެރޭ އޮންނަ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި އަދި ތިމާވެށީގެ ދާއިރާއިން ދެޤައުމު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ފަރަންސޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެޤައުމުގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގައި ހުންނަވާ ފަރަންސޭސިވިލާތުގެ އޮނޮރަރީ ކޮންސަލް އަލްފާޟިލް އިސްމާޢީލް ވާފިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.