ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު)ގެ 1 ވަނަ މާއްދާގެ (ށ)ގެ ދަށުން "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" 2013 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްއާއި، އެ ޑިޕާޓްމަންޓްގެ ދަށުން ހިނގަމުންދިޔަ ދެވަނަ ފުރުސަތު ޕްރޮގްރާމް އޮފީސް، އެ ތާރީޚުން ފެށިގެން އުވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ދެވަނަ ފުރުސަތު ޕްރޮގްރާމް އޮފީހުން ހައްދަވާފައިވާ "ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ނ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުޠުތައް"ގެ އެއްބަސްވުމުގައި ދެވަނަ ފުރުސަތު ޕްރޮގްރާމް އޮފީހުން ކުރެއްވުމަށް ކަނޑައަޅާފައިވާ ކަންކަން2013 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން ކުރައްވަމުން ގެންދަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޤާނޫނު ނަންބަރު 2013/14ގެ ދަށުން އުފައްދަވާފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، އެ ސަރވިސް އުފެދުމާ ހަމައަށް ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްއަށް ހަމަޖައްސަވާފައިވާ ނަންބަރު 167 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.