ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަށް މިއަހަރު 50 އަހަރު ފުރޭއިރު މިގުޅުން އެންމެ ވަރުގަދަވެގެން، އެންމެ ބަދަހިވެގެން ގޮސްފައިވަނީ، ރައީސް މައުމޫނުގެ ޒަޢާާމަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އަދި އެމަނިކުފާނު އިންޑިިޔާގެ ރައީސްގެ ދަޢުވަތަކަށް، މި ޖަނަވަރީ މަހުގެ 1 ން 4 އަށް އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ބައްދަލުކުރެއްވި އިންޑިޔާގެ އިއްޒަތްތެރިން ދެއްކެވި ވާހަަކަފުޅުތަކުގައިވެސް މިކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މި މޭރުމުން ވާހަަކަފުޅު ދެއްކެވީ، ޕީ.ޕީ.އެމް.ގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކޮށްލެއްވުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ޕީ.ޕީ.އެމް.ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަތުމުން، ޕީ.ޕީ.އެމްގެ ފަރާތުން މަރުޙަބާ ދަންނަވައި، އަދި ޕީ.ޕީއެމްގެ ފަރާތުން ސަރުކާރަށް ވެދެނެް އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އެރުވުމަށްޓަކައެވެ. އަދި އިންޑިޔާއާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރެއްވުމަށްޓަކައި ރައީސް މައުމޫނުގެ ދައުރުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް އިންޑިޔާ ސަރުކާރުން ބަލައިގަނެ، އަދި ރައީސް ޔާމީނުގެ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުންނާއެކު ދެއްކެވި ވާހަކަފުޅުތަކުގައި އެކަންތައް ފާހަގަކުރައްވާފައިވާތީ، އެކަމަށްޓަކައި ޝުކުރުއަދާކުރެއްވުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އެހާ ރަނގަޅު ގުޅުމެއް މިއޮންނަނީ، ރައީސް މައުމޫނުގެ ޚާާރިޖީ ސިޔާސަތާ ހަމައިން ފެށިގެންވެސް، ދެޤައުމުގެ އިސްތިޤްލާލަށް އެއްބަޔަކު އަނެއްބަޔަކު ކުރާ އިޙްތިރާމުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިންޑިޔާއާއެކީ މަސައްކަތްކުރުމަށް ރައީސް މައުމޫނުގެ ސަރުކާރުގައި ގެންގުޅުއްވި ސިޔާސަތުތައް، މި ސަރުކާރުން އިރާދަކުރެއްވިއްޔާ ދަމަހައްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ، ދިވެހިރާއްޖެއާއި އިންޑިޔާއާާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ، އޭގެ ސަބަބުން ދިވެހރައްޔިތުންނަށާއި އިންޑިޔާގެ ރައްޔިތުންނަށް ފައިދާތަކެއްވަމުންދާނޭފަދަ ވަރަށް ގާތް އެކުވެރި ރަޙުމަތްތެރި ގުޅުމެއްގެ ގޮތުގައި މިގުޅުން ދެމިއޮތުން ކަމުގައި ވިދާޅުވިއެވެ.