بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު މިފުރަނީ، އަޅުގަނޑު ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރު. މިއީ އިންޑިޔާ ސަރުކާރުގެ، އިންޑިޔާ ރައީސާއި ޕްރައިމް މިނިސްޓަރުގެ ރަސްމީ ދަޢުވަތަކަށް އަޅުގަނޑު ކުރާ ދަތުރެއް. ދެން މިދަތުރުގައި ދެތިން ދުވަސް މިވަނީ. އެހެން ނަމަވެސް، އިންޑިޔާގެ ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކާއި އަދި މިހާރު ސަރުކާރު ހިމެނޭ ޕާޓީ ނޫން އެހެން ޕާޓީތަކުގެ އިސް ލީޑަރުންނާ، މިހުރިހާ ބޭފުޅުންނާ ބައްދަލުކުރަން. ދެން ޢާންމުކޮށް މިދަތުރުގެ ބޭނުމަކީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ޒަމާނުއްސުރެ މިއޮންނަ އެކުވެރި ގުޅުން، މިއަށްވުރެ ހަރުދަނާ ކުރުން.

އެނގިވަޑައިގަންނަވާނެ، މިހާރު މިއޮތް ހިސާބުން އަޅުގަނޑުމެން އިންޑިޔާއާ ޚާއްޞަ ގުޅުމެއް އުފައްދަންވެސް އެބަޖެހޭ. އެއީ ރައީސް މައުމޫންގެ ސަރުކާރުން އަދި އޭގެ ކުރިން ފެށިގެން މިއޮތީ ހަމަ އިންޑިޔާއާ އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް. ދެން އިންޑިޔާއަކީ އަޅުގަނޑުމެންނަށް ކަންބޮޑުވާ ކޮންމެ ވަގުތެއްގައި، އަޅުގަނޑުމެންގެ އެހީތެރިކަމަށް މިހާތަނަށް އައިއްސަ އޮތް ޤައުމެއް. އަދި ކުރިއަށް އޮތް މުސްތަޤްބަލަށްވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އިތުބާރުކުރެވޭ، އަޅުގަނޑުމެންނަށް ދިމާވާ ބޮޑެތި ކޮންމެ ކަމެއްގައި، އެއީ ޢުދުވާނެއް ކަމުގައިވީނަމަވެސް، ސުނާމީކަހަލަ ޤުދްރަތީ ބޮޑު ކާރިޘާއެއް ކަމުގައިވީނަމަވެސް، އެކަހަލަ ޙާލަތަކަށް އިސްވެ އިޖާބަދޭ ޤައުމެއް އިންޑިޔާއަކީ. އެހެންވީމާ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ތެރޭގައި، ވަސީލަތްތައް ހުރި މިންވަރަށާއި އަދި އިންޑިޔާގެ ފޯރުންތެރިކަން ހުރި މިންވަރަށް ބަލާއިރު، އަޅުގަނޑުމެންނަށް މި ދިމާވާ ކަންތައްތަކުގައި، އެންމެ އަވަސްމިނެއްގައި، އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް ދެވެން އޮތް ބަޔަކީވެސް ޙަޤީޤަތުގައި އިންޑިޔާ. އެހެންކަމާއެކީ، މި ސަރަޙައްދުގައި އަޅުގަނޑުމެން ހިމެނޭއިރު، އަޅުގަނޑުމެންނާއި އިންޑިޔާއާ ދޭތެރޭގައި އޮތް ގުޅުން، މިއަށްވުރެ ހަރުދަނާ ކުރަން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި އެބަ ބޭނުންވޭ. އެ ސަބަބަށްޓަކައި އެންމެ ފުރަތަމަ މިކުރާ ދަތުރުވެސް މިއީ، އިންޑިޔާގެ ރައީސާއި ޕްރައިމް މިނިސްޓަރުގެ ދަޢުވަތަކަށް އަޅުގަނޑު މިކުރަނީ. ހަމަ މިއާއެކީ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އައިއްސަ ހަމަ ދެހަފްތާއެއްވަރު ކޮށްފައި، އަވަށްޓެރި އަނެއް ޤައުމަށް، ސިލޯނަށްވެސް މިދަނީ. އަދި އޭގެފަހުން އެހެން ދިމަދިމާއަށްވެސް މިދަނީ. މީގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަންވެގެން މިދަނީ، ހަމަ ކުރީގައިވެސް އޮތް ކަންތައްތަކުގެ އިތުރަށް، ކުރީގައި އޮތް ކަންތައްތަކޭ މިދެންނެވީ، އަވަށްޓެރި ޤައުތަކާއެކީ އަޅުގަނޑުމެން ހަމަ ވަރަށް ގާތް ގުޅުމެއް ބާއްވަން އަބަދުވެސް ބޭނުންވޭ. އެގުޅުން މިހާރަށްވުރެން ހަރުދަނާވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ.

ދެން އެޔާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޚާރިޖީ ސިޔާސަތުގެ ތެރެއަށް، މި ސަރުކާރުން އަޅުގަނޑުގެ ޒަޢާމަތުގައި ދެކަމެއް މި ތަޢާރުފް ކުރަނީ. ޚާރިޖީ ސިޔާސަތު ވަރަށް ބޮޑަށް ބައްޓަންވެގެންދާއިރު، އަޅުގަނޑުމެންގެ ސިޔާދަތާއި އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމާއި، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމާއެކީ ޚާރިޖީ ސިޔާސަތު ބޮޑަށް ބައްޓަންވެގެންދާނީ، ވިޔަފާރިއާއި އަޅުގަނޑުމެންނަށް ބޭނުންވާ ތަނަވަސްކަން ހޯދުމަށް ބަދަލުވެގެންވާ ސިޔާސަތެއްގެ ގޮތުގައި. އެޔާއެކީ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގަޔާއި އަދި ތަންކޮޅެއް ދުރުގައި އެމްބަސީތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެން ހަމަ ވަރަށްބޮޑު އިސްކަމެއްދީގެން ވަރަށްބޮޑު ކޮންސިއުލަރ މަސައްކަތްތަކެއް ކުރަން މިހާރު ޚިޔާލުކޮށްގެން މިއުޅެނީ. އެއީ ޚާއްޞަކޮށް، މިސަރަޙައްދުގައި ދެން ދުރު ހިސާބުތަކަށް ބަލާ ކަމަށްވަންޏާ، މެލޭޝިޔާގައި ވަރަށްބޮޑު ދިވެހި އާބާދީ އެބައުޅޭ. އެހެންވީމާ، މިތަންތަނުގައި ދިވެހިންނަށް އަޅާލުމާއި، ދިވެހިންނަށް ކަންތައްތައް ކޮށްދިނުމާ، މިކަންތައްތަކަކީ އެމްބަސީގައި ހަމަ ވަކި ޑިޕާޓްމަންޓަކުން ކުރެވޭ ކަންތައްތަކެއް ގޮތަށް ހަމަޖައްސާފައި، ފަސޭހަކަމާއެކީ މި ޚިދްމަތްތައް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން ހަމަޖައްސަން ބޭނުންވަނީ. ދެން އަވަށްޓެރި ޤައުމުތަކަށް ބަލާ ކަމަށްވަންޏާ، މި ކޮންސިއުލަރ މަސައްކަތްތަކުގެ ތެރެއިން އަދި ޑިޕްލޮމެޓިކް މަސައްކަތުގެ ތެރެއިން، އެޤައުމުތަކުގެ ޞިއްޙީ ފަރުވާދޭ ނިޒާމުތަކުގެ ތެރެއިންވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ޚާއްޞަ ގޮތްތަކެއް ހަމަޖެއްސޭތޯ ބަލަމުން މިހާރުވެސް މިދަނީ. އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ.

ދެން މިހާރު ޚާރިޖީ ސިޔާސަތު ބައްޓަންވެގެން މިދަނީ، މިދެންނެވި ގޮތަށް، ވިޔަފާރި އިންވެސްޓްމަންޓް ގެނައުމަށް ކުރާ މަސައްކަތާއި، އަޅުގަނޑުމެންނަށް އެހީތެރިކަން ގެނައުމަށް ކުރާ މަސައްކަތާއެކީ، މިދެންނެވި ކަހަލަ ކޮންސިއުލަރ މަސައްކަތްތައް ކުރާ މިޝަންތަކެއް ދެން އަޅުގަނޑުމެންގެ ޚާރިޖީ މިޝަންތަކުގެ ގޮތަށް ރާއްޖެއިން ބޭރުގައި ހުންނާނީ.

ދެން ހަމަ ދަންނަވާލާނަން. ތިޔަބޭފުޅުންގެ ސުވާލެއް އޮތިއްޔާ ކުރައްވާ. އަޅުގަނޑުމެންގެ މި އިންޑިޔާގެ ދަތުރުގައި، އަޅުގަނޑު އުންމީދު މިކުރަނީ، ދިވެހިން ވަރަށް އެދޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި، އިތުރަށް ހަރުދަނާ ކުރަން. މިކަންކަމާ ވާހަކަ ދައްކާފައި، މިކަންކަމަށް ޙައްލުތަކެއް ލިބޭނެ ކަމަށް ވަރަށްބޮޑު އުންމީދަކާއި އިންތިޒާރެއް އޮވެގެން އަޅުގަނޑު މިދަތުރުކުރަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މިކަންކަން ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު މި ކުރަނީ.


އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދަތުރުފުޅުގައި ކޮންކަހަލަ އެގްރީމަންޓެއްގައިތޯ ސޮއިކުރައްވަނީ؟
ދެވަނަ ސުވާލަކީ، ޖީ.އެމް.އާރު މައްސަލައިގައި ވާހަކަ ދައްކަވާނެ ކަމަށް އިންޑިޔާގެ މީޑިއާގައި ރިޕޯޓްކޮށްފައި އެބައޮތް. ކޮބައިތޯ ދިވެހި ސަރުކާރުގެ ޕޮޒިޝަނަކީ، ޖީ.އެމް.އާރު އަނބުރާ ގެނައުމުގައި.


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑުމެންގެ ޕޮޒިޝަން ވަރަށް ސާފު އިނގޭތޯ. އަޅުގަނޑުމެންގެ ޕޮޒިޝަން ވަރަށް ސާފު. އަޅުގަނޑުމެން މިހާރު މިއުޅެނީ ޖީ.އެމް.އާރާއެކީ މިދިމާވި މައްސަލަތަކުގައި، އާރބިޓްރޭޝަންގައި މިއުޅެނީ އިނގޭތޯ. އެހެންވީމާ، އާރބިޓްރޭޝަންގައި އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އާރބިޓްރޭޝަން މިއޮތީ މާޗްމަހު ނޫނީ އޭޕްރިލް މަހުގެ ތެރޭގައި. ދެން މުޅި އެއަރޕޯޓް އަނބުރާ ޖީ.އެމް.އާރަށް ދިނުމުގެ ވިސްނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫން. އެހެންވީމާ، ހަމަ އެކަމުގެ މަތިން އަޅުގަނޑުމެން މިހާރުވެސް ހަމަ ދަންނަވަމުން މިގެންދަނީ، އަޅުގަނޑުމެންނާ މިކަމުގައި ވާހަކަ ދައްކަވާ ހުރިހާ ފަރާތްތަކުގައި. އެއީ އިންޑިޔާއިން ޖީ.އެމް.އާރު. އަޅުގަނޑުމެންނަކަށް އިންޑިޔާ ސަރުކާރުގެ ފަރާތުން މިވާހަކައެއް ނުދައްކަވާ. އަދި މިފަހަރުވެސް އަޅުގަނޑު އިންތިޒާރެއް ނުކުރަން، ޖީ.އެމް.އާރު.ގެ ވާހަކަ އިންޑިޔާ ސަރުކާރުގެ ފަރާތުން ދައްކަވާފާނެ ކަމަކަށް. އިންޑިޔާ ސަރުކާރާ ހަމައިގައި އުޅޭ މައްސަލައެއް ނޫން މި ޖީ.އެމް.އާރު.ގެ މައްސަލައަކީ. މިއީ ދެކުންފުނީގެ ދޭތެރޭގައި އުޅޭ މައްސަލައެއް. ދެން ދެކުންފުންޏަކީ، ވެދާނެ މިވަގުތު ދިވެހިރާއްޖޭގައި އޮތް ދެ ސަރުކާރަށްވެސް މުހިންމު ދެކުންފުނި ކަމަށް. އަޅުގަނޑުމެންނަށް އެއަރޕޯޓް މުހިންމުވަނީ މިއީ އަޅުގަނޑުމެންގެ އެންމެބޮޑު އާމްދަނީ ލިބޭ ވަސީލަތަކަށް އެއަރޕޯޓްވެފައި، މިއީ ސަތޭކައިންސަތޭކަ ސަރުކާރު ކުންފުންޏަކަށްވާތީ. ހަމައެގޮތަށް ޖީ.އެމް.އާރުވެސް، އިންޑިޔާގެ މިހާރު އޮތް ސަރުކާރަށް މުހިންމު ބަޔަކަށްވެދާނެ. އެހެން ނަމަވެސް، މިއީ ދެކުންފުނި ދޭތެރޭގައި އޮތް ވިޔަފާރީގެ މުޢާމަލާތެއް. މިކަމާ ބެހޭގޮތަކުންނެއް، ދެސަރުކާރުގެ ދޭތެރޭގައި ބޮޑެތި ވާހަތަކެއް ދެކެވޭނެ ކަމަކަށް މިފަހަރުވެސް އަޅުގަނޑު އިންތިޒާރެއް ނުކުރަން. ދެން އެހެނެއް ނޫން، އަޅުގަނޑުމެން އެބަ ބައްދަލުކުރަން، އިންޑިޔާގެ ހަމަ ވިޔަފާރީގެ އިސްފަރާތްތަކާ. ހަމަ ވިޔަފާރީގެ އިސްފަރާތްތަކާ ބައްދަލުކުރާއިރު، އަޅުގަނޑުމެންގެ ތެރެއިންވެސް ބައެއް ލީޑިންގ ވިޔަފާރީގައި އުޅުއްވާ ބޭފުޅުން އަދި އަޅުގަނޑާއެކީ ކޯލިޝަން ހައްދަވައިގެން މިއުޅުއްވާ ސިޔާސީ ޕާޓީގެ އިސް ދެލީޑަރުން، ޝިޔާމާއި ޤާސިމާ އަޅުގަނޑާ އެބަ ޖޮއިން ކުރައްވާ. މީގެ ބޭނުމަކަށްވަނީ، އިންޑިޔާގެ ބޮޑެތި ވިޔަފާރިތައް، ރާއްޖޭގައި ހުރި ވިޔަފާރިތަކާއި އަދި އިތުރަށް ވިޔަފާރީގެ ފުރްޞަތު އޮތްކަން އެމީހުންނަށް ހާމަކޮށްދިނުމާއެކީ، އަޅުގަނޑުމެން ބޭނުންވާ އުޞޫލެއްގެ މަތިން އިންޑިޔާގެ ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޖާގަދިނުން.

މިބައްދަލުވުމުގައި ޖީ.އެމް.އާރު.ގެ ބޭފުޅުން ތިއްބެވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު މިހާތަނަކަށް އަޅުގަނޑަކާ ވަކިން ބައްދަލުކުރައްވާކަށްވެސް ޖީ.އެމް.އާރަކުން އެދިވަޑައިގެންފައެއްވެސް ނެތް. އެހެންވީމާ، ޖީ.އެމް.އާރު.ގެ މައްސަލައަކީ، އަޅުގަނޑުގެ މިދަތުރުގެ ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި އޮތް ކަމެއް ނޫން އިނގޭތޯ. އެހެންވީމާ، އެކަމެއް އެހެނެއް ނުދާނެ.

ދެން މިއެއްބަސްވުންތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާގެ ބައެއް ކަންތައްތައް އެބަހުރި. ދެން އަޅުގަނޑުމެން ޢާންމު ގޮތެއްގައި މިދަނީ ހަމަ ވިޔަފާރިއާއި އެހީ ހޯދުމުގެ އެއްބަސްވުންތަކަކާ ހަމައަށް މިދަނީ. ހަމަ ވާހަކަ ދައްކައިގެން ވަރަށްގިނަ ކަންތައްތައް ކުރިއަށްދާގޮތަށް ހަމަޖެހިފައި ހުރި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެން ނަމަވެސް ހަމަ ދިވެހިރާއްޖޭގައި މިކަން އޮންނަ އުޞޫލުން އިންޑިޔާގައިވެސް މިއޮންނަނީ. އިންޑިޔާގައިވެސް ހަމަ ވަގުތުކޮޅެއް އެބަ ބޭނުންވޭ، އަޅުގަނޑުމެން މި އެދޭ ކަންކަމަކީ، ބޮޑެތި ކަންކަމަށްވާތީ، އެމީހުންގެ ރައްޔިތުންގެ މަޖިލީހުންވެސް އިނގޭތޯ. އެމީހުންގެ ރައްޔިތުންގެ މަޖިލީހުންވެސް ނަގަންޖެހޭ ހުއްދަތަކާއި މިކަންކަން ކުރާނެ. އެހެން ނަމަވެސް، އިންޑިޔާ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ހަމަ މިހާތަނަށް ވަރަށް ޕޮޒިޓިވްކޮށް، ވަރަށް ބަލައިގަނެވޭކަހަލަ ޖަވާބުތަކެއް ދެއްވާފައި އޮތީ. އެހެންވީމާ، މިކަންކަން އިތުރަށް އެންމެމަތީ ލެވެލްގައި، އަޅުގަނޑުމެންގެ ފަރާތުން ހުށަހެޅުމާ އެކީގައި، މި މަޝްވަރާއަށް ޖާގަ ހޯދުމަށް އަޅުގަނޑުމެން މި ދަތުރު މިކުރަނީ.

ދެން އިތުރަށް އެގްރީމަންޓްތަކުގެ ތެރޭގައި، ނޫނިއްޔާ ނިންމަންހުރި ކަންތައްތަކުގެ ތެރޭގައި، ދިވެހިންނަށް ޚާއްޞަކޮށް، ބޭސްފަރުވާއަށްދާ މީހުންނަށް، ދިވެހި ކިޔަވާ ކުދިންނަށް އެންމެބޮޑު މައްސަލައަކަށް އުޅެނީ ވިސާގެ މައްސަލަ ދޮއެއްތޯ. ދެން ފޮރިން މިނިސްޓްރީއާއި، އިމިގްރޭޝަނާ މިހާތަނަށް ވަރަށްގިނަ މަސައްކަތްތަކެއް މިއޮތީ މާލޭގައި، އިންޑިޔާގެ ހައިކޮމިޝަނާއެކީ ކުރައްވާފައި. ދެން އޭގެ ނަތީޖާއާ ހަމައަށް ދިޔުމުގެ އުންމީދުވެސް އަޅުގަނޑުގެ ހަމަ ވަރަށްބޮޑަށް އެބައޮތް މިފަހަރުގެ ދަތުރުގައި. ދެން ހަމަ ވިޔަފާރިއާއި ޢާންމު ޙާލަތަށް ބަލާކަމަށްވަންޏާ، ގެދޮރު އެޅުމުގެ ކަންކަމަށް ބަލާ ކަމަށްވަންޏާ، ހިލަހިލަވެއްޔާއި ރޮކްބޯލްޑަރސް ލިބުމުގެ ދަތިކަންވެސް މިހާރު މިއޮތީ ދިވެހިރާއްޖެ އިޙްސާސްކުރާ ދުވަސްކޮޅެއް. ދެން މިކަމުގައިވެސް ހަމަ ވާހަކަތަކެއް ދެކެވިއްޖެ.

ދެން އެނގިވަޑައިގަންނަވާނެ މިކަހަލަ ދަތުރެއް ހަމަޖެހިގެންދާއިރުގައި، އޭގެކުރީގައި އެތައް މަރްޙަލާއެއްގައި ވާހަކަތައް ހުންނާނީ ދެކެވިފައި ދޮއެއްތޯ. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުމެން އުންމީދު މިކުރަނީ، ހަމަ ދިވެހިރާއްޖެއަށް ފައިދާހުރި ގޮތަކަށް އެކަން ނިމިގެންދާނެ ކަމަށް. އެހެން ނަމަވެސް، މިކަންކަން ކަށަވަރުވެގެންދާނީ، ނޫނިއްޔާ މިކަންކަން ނިމޭ ހިސާބަށް އަންނާނީ ހަމަ އިންޑިޔާގެ އެންމެ އިސްވެރިންނާ އަޅުގަނޑުގެ ޑެލިގޭޝަންގެ ފަރާތުން ދައްކާ ވާހަކަތަކަށްފަހު ދޮއެއްތޯ.

އަޙްމަދު މުޖުތަބާ – ސަން މީޑިއާ ގްރޫޕް:

ކިހިނެއްތޯ ޖީ.އެމް.އާރު މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ޖީ.އެމް.އާރު.ގެ މައްސަލަ ޙައްލުކުރަން، މިހާރު އެއޮތީ އާރބިޓްރޭޝަންގައި މައްސަލަ ދޮއެއްތޯ. ސިންގަޕޫރުގައި އާރބިޓްރޭޝަން ކޯޓުގައި މައްސަލަ އެއޮތީ. ދެން އެހެންވީމާ، ޖީ.އެމް.އާރަށް ކިހާވަރެއްގެ ބަދަލެއްތޯ ދޭންޖެހޭނީ، އެއީ މިހާރު އުފެދޭ ސުވާލަކީ. ކޮންމެހެން ޖީ.އެމް.އާރު އަނބުރާ މިތަނުގެ އެއަރޕޯޓަށް އައުމުގެ ވާހަކައެއް ނޫން މިދެއްކެނީކީ. ކިހާވަރެއްގެ ބަދަލެއްތޯ ދިވެހި ދައުލަތުގެ ފަރާތުން ޖީ.އެމް.އާރަށް ދޭންޖެހެނީ. އެނގިވަޑައިގަންނަވާނެ، ބަޔަކު ސަރުކާރަކުން ހުއްދަދީގެން ޤައުމެއްގައި އައިސް އިންވެސްޓްކޮށްގެން، އެމީހުންވެސް ބޮޑެތި ޚަރަދުތަކެއް ކޮށްފައި ހުރެއްޖެ ކަމަށްވަންޏާ، ދައުލަތަށް އޮންނަ ސިޔާދަތީ ބާރުގެ ތެރެއިން، ޙައްޤުގެ ތެރެއިން އެ ވިޔަފާރިއެއް ހުއްޓުވާލެވިދާނެ. ދެން އަދި މުޅިން ޤާނޫނާ އެއްގޮތް ނޫންކަމަށް ގަބޫލުކުރެވޭ ގޮތަށް އޮތް މައްސަލައެއްވީމާ، ސަރުކާރުން ރައްޔިތުންގެ ބޮޑެތި މަޞްލަޙަތުތަކެއް، ޤައުމީ ބޮޑެތި މަޞްލަޙަތުތަކެއް ހިމެނޭ ކަމަކަށްވާތީ، އެގްރީމަންޓް ހުއްޓާލީ. އެހެން ނަމަވެސް، އެއަކުންނެއް ބަދަލުދޭންނުޖެހޭ ކަމަކަށް ނުވާނެ ދޮއެއްތޯ. އެހެންވީމާ، ޖީ.އެމް.އާރުން މިތާ ކޮށްފައި ހުރި މަސައްކަތްތަކާއި، މިކަންކަމަށް ބަދަލުދިނުމުގެ މައްސަލަތަކެއް އުޅޭނެ. އެހެންވީމާ، ކިހާވަރެއްގެ ބަދަލެއްތޯ ދޭންޖެހެނީ، މިކަން ކަނޑައަޅާނެ ބަޔަކީ ހަމަ އާރބިޓްރޭޝަންގެ ފަރާތުން ކަނޑައަޅާނީ ދޮއެއްތޯ. އެކަން މިހާރު އާރބިޓްރޭޝަންގައި ހިނގަމުން އެދަނީ.

އަޙްމަދު މުޖުތަބާ – ސަން މީޑިއާ ގްރޫޕް:

އެގްރީމަންޓަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، ޖީ.އެމް.އާރަށް އަނބުރާ މިތަން ދެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މިހާރު ޖީ.އެމް.އާރާއި ދިވެހިރާއްޖެއާ ދޭތެރޭގައި އެގްރީމަންޓެއް ނެތޭ އިނގޭތޯ. އެހެންވީމާ، އެގްރީމަންޓެއް ނެތް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެންގެ ސަރުކާރުގައެއް ވިސްނުމެއް ނެތް، އެއަރޕޯޓް ޖީ.އެމް.އާރަކަށް ދޭކަށް އިނގޭތޯ. އެއެއް ނޫން އަޅުގަނޑުމެންގެ ވިސްނުމަކީ. އެހެންވީމާ، އެގްރީމަންޓަކަށް ބަދަލެއް ނާންނާނެ. އެ އެގްރީމަންޓަކީ މިހާރު ބާޠިލުކޮށްފައި، ހުއްޓާލެވިފައި އޮތް އެގްރީމަންޓެއް.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ބަޖެޓް ފާސްކޮށްފައި އޮތުމާއެކު، ބަޖެޓް ސަޕޯޓެއްގެ ގޮތުގައި އިންޑިޔާއިން އެއްވެސްކަހަލަ އެހީތެރިކަމަކަށް އެދިވަޑައިގަންނަވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އިންޑިޔާ ސަރުކާރުން އޮތީ ބަޖެޓް ސަޕޯޓަށް މިދިޔަ ދުވަސްކޮޅުގައިވެސް ބަޖެޓް ސަޕޯޓް ދީފައި އޮތީ އިނގޭތޯ. ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު، އެމީހުން ކަނޑައަޅައިދީފައި އޮތީ. އަދި އިތުރަށް ޓްރޭޑް ކްރިޑެޓެއް ގޮތަށް، ވިޔަފާރީގެ ކްރެޑިޓެއް ގޮތަށް 25 މިލިއަން ޑޮލަރު ކަނޑައަޅާފައި އޮތީ. ދެން އެހެންވީމާ، އެކަންކަން މިހާރުވެސް އެއޮތީ ހަމަ އެގޮތަށް. ދެން ކޮންމެވެސްވަރަކަށް އިންޑިޔާއިން މިދޭތެރޭގައި މިހިނގާދިޔަ ދުވަސްކޮޅު، އެ ބަޖެޓް ސަޕޯޓަށް ދޭން އޮތް ފައިސާ ކޮންމެވެސްވަރަކަށް ހިފެހެއްޓިފައި އޮތީ. ދެން އެހެން ނަމަވެސް އެއީ އަޅުގަނޑުމެންނަށް މީގެކުރިންވެސް ދީފައި އޮތް އެއްޗެއް. އެހެންވީމާ، އިތުރަކަށް ބަޖެޓް ސަޕޯޓްގެ އެ ފައިސާ ހޯދާކަށް އަޅުގަނޑުމެންނެއް ހުށައެއްނާޅާނަން. އެއީ އިރާދަކުރެއްވިއްޔާ، ހަމަ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެއްޗެއް. ދެން އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ވާހަކަ އަމާޒުވެގެންދާނީ، މިހާރު ވިޔަފާރީގެ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި، އެއަށްވުރެ ބޮޑެތި އެހީ ލިބޭތޯ އިންޑިޔާ ސަރުކާރުގެ ވިސްނުން ހުރިގޮތެއް ބަލަން އަޅުގަނޑުމެންގެ މަސައްކަތްތައް އަމާޒުވާނީ.

ޢަބްދުﷲ ނަޞީރު – ރާއްޖެ ޓީވީ

ޖީ.އެމް.އާރު ކަންތައް ވީގޮތަށް ބަލާފައި، އިންޑިޔާގެ އިންވެސްޓަރުން ކިހާވަރަކަށް އިންވެސްޓް ކޮށްފާނެ ކަމަށް ޤަބޫލު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ އެއީކީ އިޝޫއެއް ނޫން އިނގޭތޯ. އެހެން ކުންފުނިތަކަށް އެއީކީ އިޝޫއެއް ނޫން. މިހާރުވެސް ހަމަ އިންޑިޔާގެ ކުންފުނިތައް އެބަހުރި. އަދި އިތުރަށްވެސް އަންނަމުން އެ ގެންދަނީ. އަދި ކޮންސެޝަން ހުއްދަ ނޫނިއްޔާ ކޮންސެޝަން އެގްރީމަންޓްތައް ކުރެވިފައި ހުރި ވިޔަފާރިތައްވެސް ހަމަ އިތުރަށް އެގެންދަނީ. ދެން ޖީ.އެމް.އާރަކީ ވަރަށް އިސްތިސްނާއީ ޙާލަތެއްގައި އޮތް ކަމެއް. އެހެންވީމާ، އެކަމާ ގުޅިގެންނެއް، އިންޑިޔާގެ ކުންފުނިތައް، ޢާންމުކޮށް މުޅި އިންޑިޔާގެ ކުންފުނިތަކުން ދިވެހިރާއްޖެއާ ދޭތެރޭގައި ނުބައި ތަޞައްވުރެއް ގެންގުޅޭ ކަމަކަށް މިހާތަނަކަށް އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް. އަދި އިރާދަކުރެއްވިއްޔާ، އެކަން އެގޮތަކަށް ނުވެސްވާނެ. އެހެންވީމާ، އެ އިޝޫއަކީ ހުރިހާ ކުންފުނިތަކަށް އޮތް އިޝޫއެއް ނޫން.

ވަރަށް ޝުކުރިއްޔާ!