بســم اللّـه الرّحمـن الرّحيــم

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މިއައީ 4 ދުވަހުގެ ދަތުރެއް އިންޑިޔާއަށް ކޮށްފައި. ޚަބަރުތަކުގައި މިހާރު ކެރީކޮށްފައި އޮތްގޮތަށް، اَلحَمْـدُ لِلّـهِ މިދަތުރަކީ ވަރަށް އުފާވެރި، ވަރަށް ފުރިހަމަ ދަތުރަކަށް ވެގެންދިޔައީ. އަޅުގަނޑުމެންގެ ވަރަށްގިނަ ކަންތައްތައް، އިންޑިޔާ ސަރުކާރަށް ހުށަހަޅާފައި ހުރި ހުރިހާ ކަމަކީވެސް ހަމަ ވަރަށް އީޖާބީ ގޮތެއްގައި އިންޑިޔާ ސަރުކާރުން ބަލައިގެންނެވި ކަންކަން.

ދެންހަމަ މިޔާއެކީ މި ނިމިގެންދިޔަ މުހިންމު ކަންތައްތަކުގެ ތެރޭގައި، މިވަގުތު ދިވެހިންނަށް އެންމެ ދަތިވެފައި އަދި އަޅުގަނޑުމެންގެ ދައުލަތަށް އެންމެ ބޮޑެތި ކަންތައްތަކުގެ ގޮތުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން މި ހުށަހެޅީ. ދެން އޭގެތެރޭގައި، އެންމެ ބޮޑަށް، އެންމެ އުފާކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖޭގައި މިވަގުތު މިވަނީ ސާފުކުރި ތެޔޮ ލިބުމުގައި ހަމަ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި. އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ފަރާތުން ތެޔޮ މިގެންނަނީ އެސް.ޓީ.އޯ.އިން. އެސް.ޓީ.އޯ އަށް ފައިސާ ނުދެއްކެމުން މިދަނީ. އެހެންވީމާ، ރާއްޖެއަށް ތެޔޮ ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް މިވަގުތު އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންގެ މިދަތުރުގައި އެންމެބޮޑު ކަމެއްގެ ގޮތަށް އިންޑިޔާ ސަރުކާރަށް މިހުށައެޅީ، ކޮޗިންއިން ބަހާރަތު ޕެޓްރޯލިއަމްއިން މި ތެޔޮ ހޯދުމަށްޓަކައި އިންޑިޔާ ސަރުކާރުގައި އަޅުގަނޑުމެން އިލްތިމާސް ދެންނެވީ. ދެން އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ރަނގަޅަށް އެކަން އިންޑިޔާ ސަރުކާރުން ވަނީ ކޮށްދެއްވާފައި. އެއީ، އެކަށީގެންވާ ބޮޑު ހަމަ ޓްރޭޑް ކްރެޑިޓާ އެކީގައި މިކަންވާނެ ކަމަށް އަޅުގަނޑަށް އުންމީދުކުރެވޭ. ދެން އަޅުގަނޑުގެ މިދަތުރަށްފަހު، އެސް.ޓީ.އޯ.ގެ ފަރާތުން އަދި ސަރުކާރުގެ ފަރާތުން މިކަން އިތުރަށް ވާހަކަ ދައްކައިގެން، ތަފްޞީލުތައް ހަމަޖެއްސުމަށްޓަކައި ވަރަށް އަވަހަށް ދަތުރެއް ކުރާނެ.

ދެން ދިވެހިރާއްޖެއަށް އަބަދުވެސް އެންމެ މުހިންމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ތަކެތި މިއޮންނަނީ ކޯޓާއެއްގެ ދަށުން އިންޑިޔާއިން ދޫކުރާގޮތަށް. އެއީ އިންޑިޔާގައިވެސް މިތަކެތި އުފެއްދުމުގައި ހުރި ދަތިތަކެއް ހުރީމަ. ހަނޑޫ، ހަކުރު، ފުށުގެ އިތުރަށް، ފިޔާ އަލުވި ކަހަލަ ސާމާނުވެސް މިއޮންނަނީ ކޯޓާއެއްގެ ދަށުން. 2013 ވަނަ އަހަރަށް އިންޑިޔާއިން ކަނޑައަޅާފައި އޮތް ކޯޓާ ވަނީ ނިމިފައި. އެހެންވީމާ، އަޅުގަނޑުމެން އިލްތިމާސް ދެންނެވިން، 2014 ވަނަ އަހަރަށްވެސް ހަމަ މި ކޯޓާ އިތުރުކޮށްދެއްވާށޭ. ދެން އިރާދަކުރެއްވީތީ، އެކަންވެސް ހަމަޖައްސަވައިދެއްވި. ދެން ވިޔަފާރީގެ ދާއިރާގަޔާއި، ޢިމާރާތްކުރާ ފަރާތްތަކަށް އަދި ސަރުކާރަށްވެސް އެންމެބޮޑަށް ދަތިވެފައި އޮތް އަނެއް ކަމެއްގެ ގޮތުގައި މިއޮތީ ހިލައާއި ހިލަވެލި ހޯދުމުގެ ކަންތައް. ނޫނީ ރޮކް ބޯލްޑަރސް ސްޓޯން އެގްރިގޭޓްސް، އިނގިރޭސިން ދަންނަވާ ކަމަށްވަންޏާ. އެއީ، އިންޑިޔާގައިވެސް މިހާރު މި ތިމާވެށީގެ ނަޒަރިއްޔާތުން ވިސްނާފައި، ކޯޓާއެއް ބާއްވާފައި އަދި ބެއިނެއް އޮންނަ ކަމެއް. ދެން އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، އެކަންވެސް އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސަވައިދެއްވި.

ދެން އަޅުގަނޑުމެން، ދަތުރުފަތުރުގައި މިއުޅުއްވާ އާދައިގެ ހުރިހާ ބޭފުޅުންނަށް އެންމެ މުހިންމު ކަމަކަށް، ހުރިހާ ފެންވަރެއްގެ ބޭފުޅުންނަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިއޮތީ އަޅުގަނޑުމެންނަށް އިންޑިޔާއަށް ގޮސް ތިބުމުގަޔާއި، އިންޑިޔާއަށް ދަތުރުކުރުމުގައި މިއުޅޭ ވިސާ ހޯދުމުގެ އުނދަގޫ ދޮއެއްތޯ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މިދަތުރުގެ ނަތީޖާއަކަށް ވެގެންދިޔައީ، މިކަންވެސް ހަމަ މިއޮތީ ހަމަ އިންޑިޔާ ސަރުކާރުން މިހާރު ފަސޭހަކަމާއެކީ ހަމަޖައްސަވައި ދެއްވާފައި. އެއްވެސްކަހަލަ ވިސާގެ ދަތިކަމެއް މިހާރު އިރާދަކުރެއްވިއްޔާ، ދިވެހިންނަކަށް ނޯންނާނެ.

ދެން މިކަހަލަ ކަންތައްތަކެއް ނިމިގެންދިޔައީ. ޚާރިޖީ ދާއިރާގައި ކުރެވުނު ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން މިކޮޅުން ފުރަމުންވެސް އިންޑިޔާ ސަރުކާރުން، އެމްބަސީއަށް ސަފީރު އޮފީހެއް ބަހައްޓަވާނެ ބިންކޮޅެއް ހަމަޖައްސައިދީފައި ދިޔައީ. އަޅުގަނޑުމެން އެކޮޅުން ދިއްލީގައި ހަމަ އެންމެ މުހިންމު، އެންމެ ޕްރައިމް ލޮކޭޝަންގައި ދިވެހި ސަރުކާރަށް ވަނީ އަޅުގަނޑުމެންގެ އެމްބަސީ ހުޅުވުމަށް ބިންކޮޅެއް ހަމަޖައްސަވައިދެއްވާފައި. މިފަހަރު މިކަންވެސް މިއޮތީ ނިމިގެން ގޮއްސަ.

އެހެންވީމާ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، މި ރަސްމީ ނޫނީވިއްޔާ ސްޓޭޓް ވިޒިޓަކަށްވުމާއެކުވެސް އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ހުރިހާ ކަންތައްތަކެއް އިންޑިޔާ ސަރުކާރުން ޙައްލުކޮށްދެއްވި. އަޅުގަނޑުމެންނަށް ވަރަށް އެދެވޭ ގޮތަކަށް، ވަރަށް ހިތްހަމަޖެހޭގޮތަކަށް މިކަން ނިމިގެންދިޔައީ. ދެން މިޔާއެކީ ދެ ސަރުކާރަށް، ދެޤައުމުގެ ރައްޔިތުންނަށް ދަތިވެފައި ހުރި، ނޫނީވިއްޔާ ވިސްނަންޖެހޭ ބޮޑެތި މައްސަލަތައްވެސް އެބަހުރި. އެއީ، އިންޑިޔާ ސަރަޙައްދުގައި، އިންޑިޔާ ކަނޑުގައި މި އޮންނަ މެރިޓައިމް ސެކިއުރިޓީގެ މައްސަލަ. މިމައްސަލައާއި ޓެރަރިޒަމާ ދެކޮޅަށް އިންޑިޔާ ސަރުކާރުން އަދި ދިވެހި ދައުލަތުން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން ދެބައިމީހުންގެ ވިސްނުންހުރި ގޮތް އަޅުގަނޑުމެން ޝެއަރކޮށް، އެކަންކަމުގައި އަޅުގަނޑުމެން އެއްބަސްވުންތަކެއްވީމު. އަދި ހަމައެޔާއެކީ، އަޅުގަނޑު ދަޢުވަތު އެރުވިން، އިންޑިޔާގެ ރައީސަށްވެސް، އިންޑިޔާގެ ނައިބު ރައީސަށްވެސް، އިންޑިޔާގެ ޕްރައިމް މިނިސްޓަރަށްވެސް، އެބޭފުޅުންނަށް ފަސޭހަފުޅު އަވަސް ވަގުތެއްގައި، އަޅުގަނޑުމެންނަށް އެބޭފުޅުންނަށް މެހްމާންދާރީ އަދާކުރުމުގެ ފުރްޞަތެއް ދެއްވާތޯ. ރާއްޖެ ވަޑައިގެން ދެއްވަން. ރާއްޖެއަށް ޒިޔާރަތްކޮށްދެއްވަން. ދެން ތިން ބޭފުޅުންވެސްވަނީ ދަޢުވަތު ޤަބޫލު ކުރައްވާފައި.

ވަރަށް އަވަހަށް، ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި މި އޮންނަނީ ސާކް ޚާރިޖީ ވަޒީރުންގެ ޖަލްސާ. ޚާރިޖީ ވަޒީރުވެސް ރާއްޖެއަށް ވަޑައިގަންނަވާނެކަންވެސް ކަށަވަރުކޮށްދެއްވި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އިންޑިޔާ ސަރުކާރުންވެސް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮތީ ވަރަށް ގާތް އެކުވެރި ގުޅުމެއް. އެގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އިންޑިޔާ ސަރުކާރުގެ ފަރާތުންވެސް ހަމަ ވަރަށް ސާފުބަހުން ވިދާޅުވި. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ މި އެޑްމިނިސްޓްރޭޝަންގެ ފަރާތުން އަޅުގަނޑު އިންޑިޔާއަށް ދެންނެވިން، އިންޑިޔާ ސަރުކާރުގައި ދެންނެވިން. އިންޑިޔާއާއި ދިވެހިރާއްޖެއާ މިއޮންނަނީ ހަމަ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެކޭ. މިގުޅުން ހަމަ ވަރަށް ވަރުގަދައަށް ބަދަހިވެގެންދާނެ ކަމަށް. މިޔާއެކީ އަޅުގަނޑުމެން ހަމައެކަނި މިއީ ރަސްމީ ވާހަކަތަކެއް ނޫން. އިންޑިޔާއިން ދިވެހިރާއްޖެއަށް މިހާރު ބޭނުންވެފައި ހުރި ބޮޑެތި ދާއިރާތަކުގައި އިންވެސްޓް ކުރުމަށް، އިންވެސްޓަރުން ގެނައުމަށް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރީމު. އިންޑިޔާގެ ޗެމްބަރާއި އަދި އެހެންވެސް ޖަމާޢަތްތަކުގެ ފަރާތުން ވަކިން އިންތިޒާމް ކުރެއްވި ލަންޗެއް އޮތް. ދެން އެ ލަންޗްގައި ހަމަ ވަރަށް އިސްކޮށް ޤާސިމް އިބްރާހީމާއި ޝިޔާމްވެސް އަޅުގަނޑުމެންނާއެކު މަސައްކަތް ކޮށްދެއްވި. އަދި އޭގެފަހުން އެދެބޭފުޅުން އިންޑިޔާގެ ހަމަ ލީޑިންގ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރްޞަތު އޮތްގޮތާއި، ދާއިރާތައް ހުރިގޮތުގެ ވާހަކަވެސް ދެއްކެވި. ދެން އެ މި ލަންޗްގައިވެސް، އަޅުގަނޑުމެން ހަމަ އިންޑިޔާގެ، ކޯޕަރޭޓް އިންޑިޔާ، އާދެ! ވިޔަފާރީގެ ނޫނީ އިންވެސްޓްމަންޓް ދާއިރާގެ، އިންޑިޔާގެ ބޮޑެތި މަޝްހޫރު ވިޔަފާރިވެރިން ވަޑައިގެންނެވި. ދެން އަޅުގަނޑުމެން މަރްޙަބާ ދަންނަވައި، އެބޭފުޅުންނަށް ދަޢުވަތު އެރުވިން، ދިވެހިރާއްޖެއަށް ވަޑައިގަންނަވާށޭ. ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރްޞަތުތައް ހުޅުވިފައި އޮތް ކަމަށް.

ދެން ހަމަ އެގޮތަށް، މީޑިއާއާ ބައްދަލުކުރާއިރު، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންވެސް އައްސަވާނެވެސްމެ، ޖީ.އެމް.އާރު.ގެ މައްސަލަވެސް، ހަމަ އިންޑިޔާގެ މި އިންޑަސްޓްރީގެ ފަރާތުންވެސް އަޅުގަނޑުމެންނާ ސުވާލުކުރި. އަދި ހަމަ އެގޮތަށް އިންޑިޔާގެ މީޑިއާގެ ފަރާތުންވެސް ހަމަ މިސުވާލުތައް އަޅުގަނޑުމެންނާ ހަމައަށް އައި. ދެން އިންޑިޔާ ސަރުކާރުގެ ފަރާތުން އެދިވަޑައިގެންނެވި، ވީހާ އަވަހަކަށް ޞުލްޙަވެރިކަމާއެކީ މިއަށް ކޮންމެވެސްކަހަލަ ޙައްލެއް އަންނަން. މިއީ، ދެ ސަރުކާރުގެ ދޭތެރޭގައި އޮތް މައްސަލައަކަށްނުވި ނަމަވެސް، އިންޑިޔާގެ އެހާބޮޑު ކުންފުންޏަކާއި ދިވެހިރާއްޖޭގެ ސަތޭކައިންސަތޭކަ ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުންޏެއް، އެއަރޕޯޓް ކުންފުންޏަކީ. މި ކުންފުންޏާ ދޭތެރޭގައި އޮތް މައްސަލައަކަށްވާތީ، އަޅުގަނޑުމެންނަށް ދެޤައުމުގެ ދޭތެރޭގައި މިއޮންނަ ޚާރިޖީ ސިޔާސަތަށް މިއިން ބޮޑެތި ބަދަލުތަކެއް ނައިނަމަވެސް، މި މައްސަލަ ޙައްލުވެގެން ކުރިއަށް ދިޔުމަކީ، އަޅުގަނޑުމެން ދެފަރާތަށްވެސް ހަމަ އޭގެ ފައިދާ އޮތް ކަމެއް. އެހެންވީމާ، އަޅުގަނޑުވެސް އިންޑިޔާ ސަރުކާރަށްވެސް އަދި އިންޑިޔާއިން އަޅުގަނޑާ ބައްދަލުކުރެއްވި ވިޔަފާރިވެރިންނާއި، މީޑިއާގައިވެސް ދެންނެވިން، އަޅުގަނޑުވެސް އެދެނީ އަވަސްކަމާއެކީ މިކަން ޙައްލުވުމޭ. ޙައްލުވުމުގެ ތެރޭގައި، އެއްކަމަކީ އާރބިޓްރޭޝަންގެ ފުރްޞަތު މިއޮތީ. އާރބިޓްރޭޝަންގެ ކުރިންވެސް ދެފަރާތުން ވާހަކަ ދައްކައިގެން، އެދެވޭގޮތެއްގައި މިކަން ޙައްލުވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެވެސް އެދުން ކަމަށް އަޅުގަނޑުމެން ދެންނެވިން.

އެހެންވީމާ، ވަރަށް ކުރުކޮށް ދެން ދަންނަވާ ކަމަށްވަންޏާ، މިދަތުރަކީ ﷲ ރަޙްމަތްފުޅާއެކީ ހަމަ ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ވަރަށް ފައިދާހުރި ކަންތައްތަކެއް ފުރިހަމަވެގެން، ޙާޞިލުވެގެންދިޔަ ދަތުރެއް. އިންޑިޔާ ސަރުކާރަށް ހަމަ ފަށްފަށުން އަޅުގަނޑުމެން ޝުކުރު ދަންނަވަން.

 

 

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެސުވާލު އެބައޮތް އިނގޭތޯ. ފުރަތަމަ ސުވާލަކީ، ޖީ.އެމް.އާރު މައްސަލައިގައި މަނިކުފާނު އެކޮޅުގައި ވިދާޅުވީ، އައުޓް އޮފް ކޯޓް ސެޓްލްމަންޓެއްގެ ވާހަކަ. ކޮންކަމަކަށްތޯ ޖީ.އެމް.އާރު ޝަރުޠުކުރަނީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ބައްދަލުވުންތަކުގައި އިންޑިޔާ ސަރުކާރުގައި މިވަގުތު އިސްކޮށް ތިއްބެވި ހަމަ ހުރިހާ ފަރާތްތަކާ ބައްދަލުކުރުމުގެ އިތުރުން، އިންޑިޔާގައިވެސް މިއަންނަނީ ޢާންމު އިންތިޚާބެއް ދޮއެއްތޯ. އިލެކްޝަނެއް މިއަންނަނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމައާ އެކުވެސްމެ، އަޅުގަނޑުމެން އިންޑިޔާގެ މިވަގުތުގެ އޮޕޮޒިޝަން ލީޑަރ ސުޝްމާއާވެސް އަޅުގަނޑުމެން ބައްދަލުކުރިން. ދެން އެކަމަނާއަކީވެސް ދިވެހިރާއްޖެއަށް ވަރަށް ފަރިތަ ބޭފުޅެއް. ދެން އެކަމަނާއެކީވެސް އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި ހަމަ ވަރަށް ހިތްހަމަޖެހިގެން އަދި ވަރަށް އެކުވެރިކަމާއެކީ މަސައްކަތް ކުރެވޭނެ ކަމުގެ އިތުބާރު އަޅުގަނޑުމެން އެރުވިން. އަދި ހަމަ އެގޮތަށް އެކަމަނާވެސް އަޅުގަނޑުމެންނާއެކީ ވަރަށް ގާތް ގުޅުމެއް ބާއްވަވާނެ ކަމުގެ ކަށަވަރުކަންވެސް އަޅުގަނޑުމެންނަށް ދެއްވި.

ދެން މިބައްދަލުވުންތައް އިރާދަކުރެއްވިއްޔާ، ދެންމެ މިދެންނެވި ގޮތަށް އޮޕޮޒިޝަންގެ އިސްކޮށް ހުންނެވި ލީޑަރާވެސްއެކީ އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. އަޅުގަނޑުމެންނާ އިންޑިޔާއާ ދޭތެރޭގައި، އެވަގުތަކު އޮންނަ ސަރުކާރާ ދޭތެރޭގައި އޮންނަ ގާތް ގުޅުމަކީ، އަދި ހަމައެޔާއެކީ، ދެ ޤައުމުގެ ދޭތެރޭގައި މިއޮންނަ ގާތްކަމަކީ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި މިއޮންނަ އުޚުއްވަތްތެރިކަމުގެ ގުޅުން. އެހެންވީމާ، މި ސަބަބުތަކަށްޓަކައި އަޅުގަނޑުމެން މިދަތުރުވެސް ކުރީ.
ދެން ހަވީރުން ތިކުރެއްވި ސުވާލު، ކޮންކަހަލަ ކަމެއްތޯ ޙައްލުވެގެންދާނީ، ދޮއެއްތޯ.

އާރބިޓްރޭޝަނަކީ ޙަޤީޤަތުގައި ދެފަރާތުގައި ހުރި މައްސަލަތަކާ ގުޅިގެން، ކޮންމެވެސް އެއްފަރާތަކުން ހިތްހަމަނުޖެހިގެން ޝަރީޢަތް ނޫން، އެއާ ސިމިލަރ، ނޫނިއްޔާ އެއާ އެއްޒާތުގެ ޙައްލެއް ހޯދުމަށްޓަކައި ހުށަހަޅާ ދިމާއެއް ދޮއެއްތޯ. ސިންގަޕޫރުގެ އާރބިޓްރޭޝަން ކޯޓުގައި މައްސަލަ މިއޮތީ. ދެން އެއީ އެއް ނަތީޖާ. އެކަމަކު އޭގެކުރިންވެސް، އާރބިޓްރޭޝަނުން މިމައްސަލަ ނިންމުމުގެ ކުރިންވެސް، އަޅުގަނޑުމެންނަށް ދެފަރާތުން ވާހަކަ ދައްކައިގެން، ފައިސާ ދޭން އެއްބަސްވާ ޢަދަދަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ޢަދަދަކަށް ވެއްޖެ ކަމަށްވަންޏާ، ފައިސާ ދިނީމަ، މިމައްސަލަ ޙައްލުވެގެންދިޔައީ ދޮއެއްތޯ. އެނގިވަޑައިގަންނަވާނެ، ޖީ.އެމް.އާރު.ގެ ފަރާތުން މީޑިއާގައި ދެއްވާފައި އޮތް މަޢުލޫމާތުގައި އެ ވިދާޅުވަނީ، އެބޭފުޅުންގެ ކްލެއިމަކީ ގާތްގަނޑަކަށް އެއްހާސް ދުއިސައްތަ މިލިއަން ޑޮލަރުގެ ކްލެއިމެކޭ. ދެން ބަންޑާރަ ނައިބަކަށް އޭރު ހުންނެވި ޢާޒިމާ ޝަކޫރު ވިދާޅުވެފައި އޮތީ، ގާތްގަނޑަކަށް ހަތްސަތޭކަ ނޫނީ އަށްސަތޭކަ މިލިއަން ޑޮލަރުގެ ބަދަލުދިނުމެއް ދޭންޖެހޭނެ ކަމަށް. ދައުލަތަކަށް މިއޮންނަ ސިޔާދަތީ ޙައްޤުގެ ތެރެއިން، މިހެން ކުރެވިފައި ހުންނަ އެގްރީމަންޓެއް ހުއްޓުވާލެވިދާނެ. އެހެން ނަމަވެސް، ގަބޫލުކުރައްވަން ޖެހޭނެ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިގޮތަށް ހުއްޓާލެވޭ އެގްރީމަންޓްގައި ގެއްލުން ލިބޭ ފަރާތަށް، އަނެއް ފަރާތުން ބަދަލުދިނުމަކީ ކުރަންޖެހޭ ކަމެއް. ބައިނަލްއަޤްވާމީ ވިޔަފާރީގައިވެސް އެކަން އޮންނަ އުޞޫލު އެއީ. އަދި ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮންނަ ކިތަންމެ ގާތް ގުޅުމެއް އޮތް ކަމަށްވީނަމަވެސް، އެއްކޮޅުގައި އެއޮތީ އަމިއްލަ ކުންފުންޏެއް ދޮއެއްތޯ، ވިޔަފާރި ކުންފުންޏެއް. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމަކީ، އާރބިޓްރޭޝަނާ ހަމައަށް މިކަން ނިމުމުގެ ކުރިން، މި އުޚުއްވަތްތެރި ގުޅުން އަދި އިންޑިޔާއިން އަޅުގަނޑުމެން މިތަނަށް، އިންޑިޔާއިން ރާއްޖޭގެ އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަޝްރޫޢުތަކަށާއި، އަދި ޓުއަރިޒަމާއި އަދި އެހެންވެސް ވިޔަފާރީގެ ފައިދާހުރި މަޝްރޫޢުތަކަށް އިންޑިޔާގެ ވިޔަފާރިވެރިން އަންނަން ޝައުޤުވެރިކަން އެކްސްޕްރެސް ކޮށްފައި އޮތުމާއެކީ، މިކަން ފަސޭހަގޮތަކަށް، ރަނގަޅު ގޮތަކަށް، ދެފަރާތަށް ގަބޫލުކުރެވޭ ގޮތަކަށް، ހަމަޖެހޭގޮތަކަށް ޙައްލުވެގެން، ބަދަލު ދިނުމުގެ ކަންތައް ޙައްލުވެގެން ހިނގައްޖެ ކަމަށްވަންޏާ، މިއީ އިންޑިޔާގެ އިންޑަސްޓްރީއާއި ދިވެހިރާއްޖެއާ ދޭތެރޭގައި، ދިވެހި ސަރުކާރާ ދޭތެރޭގައި ލިބިގެންދާނެ ވަރަށްބޮޑު އިތުބާރެއް.

ޖީ.އެމް.އާރަކީ މިގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރަން އިންވެސްޓް ކުރި އެއް ޕާޓީ ދޮއެއްތޯ. އެކަމަކު ހަމަ ވަރަށް ބޮޑެތި މުހިންމު މަޝްރޫޢުތަކެއް، ރައްޔިތުންނަށް އެންމެ އަސާސީ ޚިދްމަތްތަކާ ހަމައިން ގުޅިފައި ހުރި ވަރަސް ގިނަ މަޝްރޫޢުތަކެއް މިހިރީ. ކުރީގެ ސަރުކާރުގައި އިންޑިޔާގެ އެކިއެކި ބޮޑެތި ކުންފުނިތަކަށް ދެވިފައި. އޭގެތެރޭގައި، ހައުސިންގ މަޝްރޫޢު އެބައުޅޭ. ޓާޓާ ކުންފުނީގެ މައްސަލަ މިއުޅެނީ. ހަމަ އެގޮތަށް މާލޭގެ ކުނި ނައްތާލުމުގެ ނިޒާމު މިއޮތީ. އިންޑިޔާގެ ހަމަ އެވަރުގެ ވަރުގަދަ ކުންފުންޏެއް، ޓަޓުވާ ކުންފުންޏާ ޙަވާލުވެފައި. އަދި ސަރުކާރުން ކޮންޓްރެކްޓް ފުރިހަމަކުރުމުގެ އިތުރަށް، ކޮންޓްރެކްޓްގައި ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރެއިން، އެތަކެއް ހިސާބަކަށް މިހިރީ އެކަންކަން ގޮއްސަ. އެހެންވީމާ، މިހުރިހާ މަޝްރޫޢުތަކަކަށާއި އަދި ދިވެހިރާއްޖެއަށް އަލަށް އިންޑިޔާއިން އަންނަން ތިބި އިންވެސްޓަރުންނަށް ބަލާކަމަށްވަންޏާ ހަމަ ވަރަށް ރަނގަޅު ސިގްނަލެއް ލިބިގެންދާނެ، ޖީ.އެމް.އާރަށްވެސް އަދި ދިވެހިރާއްޖެއަށްވެސް، ދެފަރާތަށް ގަބޫލުކުރެވޭ ގޮތަކަށް، މިބަދަލު ދިނުމުގެ ކަންތައް ހަމަޖެހިގެން ގޮއްސި ކަމަށްވަންޏާ.

އެހެންވީމާ، އަޅުގަނޑު އިންޑިޔާ ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންގެ އަރިހުގައިވެސް ދެންނެވިން. އަދި މީޑިއާގަޔާއި މިދެންނެވި ގޮތަށް އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރިއިރު، މި އައި ސުވާލުތަކުގައި ހަމަ ތަކުރާރުކޮށް މިއައީ ޖީ.އެމް.އާރު.ގެ މައްސަލަ. އެހެންވީމާ، އަޅުގަނޑު ދެންނެވިން، މިއީ އަޅުގަނޑުމެންނާ އިންޑިޔާއާ ދޭތެރޭގައި އޮތް ގުޅުމަށް ކޮންމެވެސްވަރެއްގެ އުނދަގުލެއް، ނޫނިއްޔާ ހާސްކަމެއް ގެނެސްދޭ މައްސަލައެކޭ. ހަމަ އެމީހުންވެސް އެކަން ފާހަގަކުރަނީ އެގޮތަށް. އެހެން ނަމަވެސް، މިއީކީ ހަމަ ދެ ސަރުކާރުންވެސް ގަބޫލުކުރާ ގޮތުގައި، ދެ ސަރުކާރުގެ ދޭތެރޭގައި މިއޮތް ގާތް ގުޅުމާއި، ޚާރިޖީ ސިޔާސަތަކަށް އެކަމަކުން ބަދަލުއަންނާނެ ކަމެއް ނޫނޭ. އެހެން ނަމަވެސް، އިންޑިޔާގެ އެހާބޮޑު ކުންފުންޏަކަށްވެފައި، ދިވެހިރާއްޖޭގެ މި އެއަރޕޯޓަކީ ދިވެހިރާއްޖެއަށް އެހާ މުހިންމު ތަނަކަށްވާއިރު، މިގުޅުން ރަނގަޅު ކުރުމަށްޓަކައި، ނޫނީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ދެފަރާތަށް ގަބޫލުކުރެވޭ ގޮތުގައި، އަވަސް ޙައްލެއް މިކަމަށް އައުމަކީ ބޭނުންތެރިކަމެއް. އެގޮތުގެ މަތިން، އަޅުގަނޑުމެން މިފަހަރު ހުޅުވާލާނަން. އަދި ޖީ.އެމް.އާރު.ގެ އިސްބޭފުޅުންވެސް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވާނެ. އަޅުގަނޑަށް އިންޑިކޭޝަން މިހާރު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، މި އާރބިޓްރޭޝަންގެ ކަންތައްތައް ހިނގަމުންދާއިރުވެސް، އޭގެކުރިން އަޅުގަނޑުމެން މި ހުށަހެޅިގޮތަށް، ދެފަރާތުން ވާހަކަ ދައްކައިގެން، ކޮންކަހަލަ ޙައްލެއް މިއަށް ގެނެވިދާނެތޯ ބެއްލެވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ.

މިޞްބާޙު ޢައްބާސް – ސީ.އެން.އެމް

ކިހިނެއްތޯ މިމަސައްކަތުގައި ކުރިއަށް ގެންދަން ވިސްނަވާފައި ވަނީ. ކޮންގޮތަކަށް ޖީ.އެމް.އާރަށް ބަދަލުދިނުމުގެ ވާހަކަތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން ޖީ.އެމް.އާރަށް ދެވޭނެ ބަދަލަކީ ޙަޤީޤަތުގައި ފައިސާގެ ބަދަލު ދޮއެއްތޯ. ފައިސާގެ ބަދަލު، ދެވޭނެ ބަދަލަކީ. އަދި އެހެން ނަމަވެސް އެޔާއެކީ ހަމަ ދަންނަވާލާނަން. ޖީ.އެމް.އާރުން އަޅުގަނޑުމެންނާ ވާހަކަ ދައްކަން ވަޑައިގަންނަވާއިރު، އަޅުގަނޑުމެން ޚިޔާލުކޮށްގެން މިހިރީ ކޮންގޮތަކަށްތޯ އަޅުގަނޑުމެން ބަދަލުދިނުމުގެ ކަންތައް، މިވަގުތު ރާއްޖޭގެ ބަޖެޓް މިހާ ދަތި ދުވަސްވަރެއްގައި، ކޮން ގޮތަކަށްތޯ މިކަން ޙައްލުވެގެންދާނީ. އެކަމަކު ހަމަ ވަރަށް ސާފުކޮށް ދަންނަވަން، އިންޑިޔާގައިވެސް އަޅުގަނޑު ދެންނެވިން. އެކިއެކި ބޭފުޅުންނާ ވާހަކަ ދެއްކިއިރުވެސް އަދި މީޑިއާގައި ދެންނެވިން. އެއްގޮތަކަށްވެސް މިދައްކަނީ އެއަރޕޯޓް ހިންގުން ޙަވާލުކުރާ ވާހަކައެއް ނޫން. އެނޫން އެހެން ކަންތައްތައް ޙައްލުތަކުގެ ތެރޭގައި ހުށަހަޅުއްވަން އަޅުގަނޑު ދެންނެވިން. ދެން މިއީ ހަމަ އިންޑިޔާގެ ނޫސްތަކުގައި ޕަބްލިކް ނޮލެޖް. އިންޑިޔާގެ ރަސްމީ ހުރިހާ ފަރާތްތަކުގައިވެސް މިއީ ހަމަ ޕަބްލިކް ނޮލެޖް. އަޅުގަނޑު ބޭނުންވަނީ އެއްވެސްކަހަލަ ފޮރުވުމެއްނެތި، ސާފުކަމާއެކީ އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަންކަމާއި، އަޅުގަނޑުމެންނަށް ދަތިވާ ކަންތައްތައް އިންޑިޔާ ސަރުކާރުގައި ދެންނެވުން. އެހެންވީމާ، އެގޮތުން ހަމަ ވަރަށް އެޕްރިޝިއޭޓްވެސް ކުރެއްވި. އެހެންވީމާ، މިކަން ހަމަޖެހިގެންދާއިރު، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށްވެސް އަތްފޯރާވަރުގެ ބަދަލުދިނުމަކާއެކީ މިކަން ނިމިގެންދާނެ ކަމަށް، އެއީ އަޅުގަނޑުމެން އުންމީދުކުރާ ގޮތަކީ.

މުޙަންމަދު ޖަމީލް – ޓީ.ވީ.އެމް:

ހުއްޓިފައިހުރި ހައުސިންގ މަޝްރޫޢުތައް ކިހިނެއްތޯ!

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މިހާރުވެސް އެބައޮތް ދޮއެއްތޯ. މިހާރުވެސް އެބައޮތް، ރައީސް ވަޙީދު ހުންނަވައިގެން އިންޑިޔާގެ، އަޅުގަނޑު ހަނދާންވާ ގޮތުގައި ވެއްޖިއްޔާ، ޓާޓާ ކުންފުނި ދޮއެއްތޯ. އެގްޒިމް ބޭންކްގެ އެހީއާއެކީ ހައުސިންގ މަޝްރޫޢު، އެބައި ކުރިއަށް އެބަދޭ. ދެން މިވަގުތު އެކުންފުންޏަށް ދަތިވެފައި އޮތް ކަމެއް ކަމަށްވަންޏާ، ސަރުކާރުގެ ކޮޅުގައި ބައެއް ކަންތައް އެބަހުރި. އެކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް އަވަހަށް ޙައްލުކޮށްދޭނަން.

އަޙްމަދު ޙަމްދޫން- ހަވީރު ނޫސް

ދެން އެމްބެސެޑަރުންނާ ބައްދަލުކުރެއްވިއިރު، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވިއިރު، އެބޭފުޅުންގެ ޝައުޤުވެރިކަން ހުރީ ރާއްޖޭގެ ކޮންދިމަދިމާއެއްގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އިންވެސްޓަރުން އަޅުގަނޑާ ސުވާލުތަކެއް ކުރެއްވި އިނގޭތޯ. ހަތަރު ފަސް ސުވާލެއް އަޅުގަނޑާ ކުރެއްވި. އޭގެތެރޭގައި އެބޭފުޅުންގެ އެންމެބޮޑު ކަމަކަށް މިއޮތީ، ރާއްޖެއަށް ދަތުރެއް ކުރެއްވުން. ރާއްޖެއަށް ދަތުރެއް ކުރައްވައިގެން، ބައެއްކަހަލަ ދާއިރާތައް އެބޭފުޅުންނަށް ފާހަގަކުރެއްވޭގޮތަށް އައިޑެންޓިފައި ކުރެއްވުން. ދެން ފަތުރުވެރިކަމުގެ ދާއިރާއަކީ މިހާރުވެސް އިންޑިޔާގެ އިންވެސްޓަރުން އުޅޭ ދާއިރާއެއް. ދެން އަޅުގަނޑުމެން މިކޮޅުން ދިޔައިރު، އަޅުގަނޑުމެންގެ މިހާރުގެ ތަޞައްވުރު، އެކުލަވައިލެވިފައި އޮތް ތަޞައްވުރު ހިފައިގެން އަޅުގަނޑުމެން ދިޔައީ. އޭގައި ހުރި ބޮޑެތި މަޝްރޫޢުތަކުގެ ލުއިފޮތެއް، އަތްމަތީ ފޮތެއް ހިފައިގެން އަޅުގަނޑުމެން ދިޔައީ ހަމަ ރައީސް އޮފީހުގެ މުވައްޒަފުންނާއި، މިކަމާބެހޭ އޮފީސްތަކުން ވަޑައިގެން، ވަރަށް ފަރުވާތެރިކަމާއެކީ އެމަސައްކަތް ކޮށްދެއްވާފައި އޮތީ. އެހެންވީމާ، ދިވެހިރާއްޖޭގައި މިވަގުތު ހުރި ހުރިހާ ބޮޑެތި މަޝްރޫޢުތަކެއް އެމީހުންނަށް އެނގޭނެ. އަދި ދިވެހިރާއްޖޭގެ އިންވެސްޓްމަންޓަށް ހުޅުވިފައި ހުރި ދާއިރާތަކާއި، އޭގެތެރެއިން ފައިދާހުރި ދާއިރާތައްވެސް އެމީހުންނަށް އެނގޭނެ. ދެން ބައެއްކަހަލަ ސުވާލުތައް އައި. އޭގެތެރޭގައި އެއްބައެއްގެ ވިސްނުމުގައި، އެބައެއްގެ ވިސްނުމުގައި ފައިދާ ހުރެދާނެ ކަމަށް އައި ސުވާލުތަކާއި، އެއަށް އަޅުގަނޑުމެންގެ ފަރާތުން، އަޅުގަނޑުމެންގެ ވިސްނުން އޭގައި ހުރި ގޮތާ. އެހެން ނަމަވެސް، އަޅުގަނޑުމެން ނުދަންނަވަން، ވަކި ދާއިރާއެއް ނުލިބޭނެ ކަމަކަށެއް. ހަމަ ވަޑައިގެން، އިންޑިޔާގެ އިންވެސްޓަރުން މިކޮޅަށް އައިސް ފައިދާހުރި ބޮޑެތި ވިޔަފާރީގެ ހުރިހާ މަޝްރޫޢުތަކެއް، އަޅުގަނޑުމެންގެ ޤާނޫނާ އެއްގޮތަށް ގެންދަވާއިރު، ޖީ.އެމް.އާރަށް ދިމާވިކަހަލަ އެއްވެސްކަހަލަ ދަތިކަމެއް ދިމާވެގެނެއް ނުދާނެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ގަބޫލުކުރަނީ، އިންޑިޔާގެ އިންވެސްޓްމަންޓް މިހާރުވެސް ރާއްޖޭގައި އެބަހުރިވެސްމެ. އެކަމަކު އެޔާއެކީވެސް ހަމަ އިތުރަށް ފުޅާވެގެން ދިޔުން. ދިވެހިރާއްޖޭގައި، އިންޑިޔާގެ އިންވެސްޓްމަންޓްތަކަށް ބަލާކަމަށްވަންޏާ، އެންމެބޮޑު އެއް އިންވެސްޓްމަންޓް، އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިއެއް ގޮތަށް މިވަނީ، ވިޔަފާރީގެ ދާއިރާއަށް ބަލާކަމަށްވަންޏާ، ނޫނިއްޔާ، އެކިއެކި މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ބޭންކްތައް ދޮއެއްތޯ. ދިވެހިރާއްޖޭގައި މިހިރީ، އިންޑިޔާގެ އެސް.ބީ.އައި.ގެ ބޭންކް މިހިރީ. ދެންމެ ސިޔާމްވެސް އެ ފާހަގަކުރެއްވި ގޮތަށް، އެސް.ބީ.އައި.އިން ދިވެހިރާއްޖެއަށް މިހާރު ޓޯޓަލް ޕޯޓްފޯލިޔޯ ލެންޑްކުރާވަރު އިތުރުކޮށްދިނުމުގެ ވާހަކަތަކެއް ދެކެވިފައި މިވަނީ. އެހެންވީމާ، އެ އިތުރަށް ބައްލަވާފައި އެކްސްޕްލޯރ ކުރައްވާނެ. އޭގެ ފައިދާ ހަމަ ލިބޭނީ، ދިވެހިރާއްޖޭގެ އިންވެސްޓް ކުރައްވާ ދިވެހި ވިޔަފާރިވެރިންނަށާއި، އަދި ބޭންކުން ޚިދްމަތް ހޯއްދަވާ އެހެން ވިޔަފާރިވެރިންނަށް ދޮއެއްތޯ.

މުރުޝިދު ޢަބްދުލްޙަކީމް – ސަން މީޑިއާ ގްރޫޕް

ޖީ.އެމް.އާރު.އަށް ފައިސާ ދިނުމުގައި ބަދަލުދިނުމުގައި ސަރުކާރުން ތައްޔާރަށްތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން ދަންނަވަންތޯ. އަޅުގަނޑުމެން ދެފަރާތުން ނެގޯޝިއޭޓްކޮށްގެން، ދެފަރާތުން ހަމަ މިއަށް އެއްބަސްވުމަކަށް އަންނަންޖެހޭ އިނގޭތޯ. ދެން މީގައި އޮންނާނީ ޢަދަދަށް އެއްބަސްވުމާއެކީ، ކިހާވަރަކަށް، ކިހާ މުއްދަތަކަށް ބަހާލައިގެން މި ދެއްކިދާނެތޯ ބެލުން ދޮއެއްތޯ. އެހެންވީމާ، ބަދަލުދޭންޖެހޭނެކަން، މިއީ ހަމަ ލޯމަރާލާފައިވެސް އަޅުގަނޑު ދަންނަވާނީ ބަދަލުދޭންޖެހޭނެއޭ. އާރބިޓްރޭޝަނުން ނިންމިޔަސް ބަދަލުދޭންޖެހޭނެ އިނގޭތޯ. އާރބިޓްރޭޝަނުން ނިންމިޔަސް ބަދަލުދޭންޖެހޭނެ. އެއީ ބަދަލުދޭ ޢަދަދާ، މިކަންކަން އާރބިޓްރޭޝަނުން، މިސާލަކަށް ޢަދަދަކާ ދޭތެރޭގައި އަޅުގަނޑުމެންގެ އިންތިޒާރުތައް މިހިރީ. ކިހާވަރެއްގެ ބަދަލަކަށްތޯ، މިކަން ވެގެންދާނީ ދޮއެއްތޯ. ޖީ.އެމް.އާރު.ގެ ކްލެއިމަކީ ވަރަށްބޮޑު ކްލެއިމެއް އިނގޭތޯ. އެކަމަކު އެ ޢަދަދަށް ބަދަލު ނަގައިދޭނެތޯ، ނުދޭނެތޯ އެއީ، އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހަމަ ހުރި ދިމާލެއް. އިންތިޒާރުތައް، އަޅުގަނޑުމެން އިންތިޒާރު މިކުރަނީ އެވަރުވެގެން ނުދިޔުން. އެހެންވީމާ، އޭގެކުރިންވެސް ޙަޤީޤަތުގައި ޖީ.އެމް.އާރުވެސް އެބައޮތް، އަޅުގަނޑަށް ހިސާބުތަކުން އެނގޭގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް ސަތޭކަ ފަސްދޮޅަސް އަށްމިލިއަން، ނޫނީ ސަތޭކަ ހަތްދިހަ މިލިއަންގެ އިންވެސްޓްމަންޓެއް އެމީހުން ހަދާފައި އެބައޮތް. އެހެންވީމާ، ބަދަލުދޭންޖެހުމާ ދޭތެރޭގައި ހަމަ އެއްވެސް ސުވާލެއް އުފައްދާކަށް ޖާގައެއް ނެތް އިނގޭތޯ. ބަދަލުދޭންޖެހޭނެ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް

ދިވެހިރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުން ކޮންކަހަލަ ބަދަލުތަކެއްތޯ އަންނާނީ؟ އަގަށް ބަދަލު އަންނާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ތެލުގައި ވާގޮތަކީ އިނގޭތޯ. ތެލުގެ ދުނިޔޭގެ އަގުތަކަށް ބަލާފައި، ޢާންމުކޮށް މި ކޮމާޝަލީ ވިޔަފާރި، މިދެންނެވީ ޚާއްޞަ ޢިނާޔަތެއްގެ ދަށުން ލިބޭ ތެޔޮ ލިބުން، ލިބޭ ކޮންޓްރެކްޓްތައް ފިޔަވައި އެހެން ކޮންޓްރެކްޓްތައް މިހިނގަނީ ހަމަ ދުނިޔޭގެ ތެލުގެ އަގުގެ މައްޗަށް ކޮންމެވެސް އެއްޗެއްލާފައި. ޕްލަސް ކޮންމެވެސް ޢަދަދެއް. ޕްލަސްއަކީ މިދެންނެވި ގޮތަށް އިންޑަސްޓްރީގެ، ތެލުގެ އިންޑަސްޓްރީގެ އެވްރެޖް އޮންނަވަރު އިނގޭތޯ. ދެން އަޅުގަނޑުމެންނަށް މިދިމާވާގޮތަކީ، އަޅުގަނޑުމެން ދުބާއީން ގެނައި ކަމަށްވީނަމަވެސް، މެލޭޝިޔާއިން ގެނައި ކަމަށްވީނަމަވެސް، މެލޭޝިޔާއިން ތެޔޮ ލިބޭތޯވެސް އަޅުގަނޑުމެން ގެންދަނީ ހަމަ މަސައްކަތް ކުރަމުން. ސިންގަޕޫރުން ގެނައި ކަމަށްވީނަމަވެސް، މީގައި ތެލުގެ އަގުގެ އިތުރަށް އެންމެބޮޑު ޚަރަދެއް މިދަނީ އޭގެ ރޭޓަށް، ނާލަށް މިދަނީ އިނގޭތޯ. މިހާރު ސިންގަޕޫރުން ރާއްޖެ އަންނަ ކަމަށްވަންޏާ، މިދައްކަނީ ގާތްގަނޑަކަށް 17، 18، 19 ވަރަކަށް ދުވަހުގެ ދަތުރެއްގެ ވާހަކަ. އިންޑިޔާއިން ކޮޗިންއިން ބަހާރަތު ޕެޓްރޯލިއަމްއިން، އެމީހުންގެ ރިފައިނިންގ ކެޕޭސިޓީ އެބަހުރި. ސާފުކުރާ ތެޔޮ، މިކަހަލަ ޙާލަތްތައް ދިމާވީމާ އަޅުގަނޑުމެންނަށް ދޭނެ ކަމަށް މިއޮތީ އިންޑިޔާ ސަރުކާރުން ވިދާޅުވެފައި. އެހެން ކަމަށްވަންޏާ، މިދައްކަނީ 48 ގަޑިއިރުގެ ދަތުރެއްގެ ވާހަކަ. 48 ގަޑިއިރުގެ ދަތުރެއްގެ ވާހަކަ. އެހެންވީމާ، ފްރެއިޓުން ހަމަ ވަރަށްބޮޑު އަގުހެޔޮވުމެއް އަންނާނެ. އެހެންވީމާ، މީގެ ނަތީޖާއަކަށް ވެގެންދާނީ، ހަމަ ހަކަތަ އުފެއްދުމަށް، ހުރިހާ ފެންވަރެއްގައި ބޭނުންކުރާ ތެޔޮ، އިންޖީނުގެތަކުގައި، ރަށްރަށުގެ އިންޖީނުގެތަކުގައި، ދޯނިފަހަރުގައި އަދި އަމިއްލަ ބޭފުޅުން، ތެލުގެ އެކިއެކި ބޭނުންކޮށްގެން، އެނަރޖީ އުފައްދާ ހުރިހާ އެންމެންނަށް.
އަޅުގަނޑު އުންމީދު ކުރަނީ، ހަމަ އެކަށީގެންވާ ވަރަށް ތެލުގެ އަގު ހެޔޮވުމުގެ ފުރްޞަތު ބޮޑޭ. އެހެންވީމާ، ދެން މީގެ ޑީޓެއިލް ނެގޯސިއޭޝަން ހިނގާނީ އަޅުގަނޑުމެންގެ ފަރާތުން އިންޑިޔާއަށް ދަތުރެއް ކުރެވުނީމަ ދޮއެއްތޯ. އިރާދަކުރެއްވިއްޔާ، އެދަތުރު ވަރަށް އަވަސްވާނެ.

މުރުޝިދު ޢަބްދުލްޙަކީމް – ސަން މީޑިއާ ގްރޫޕް

އިންތިޚާބުގެ ކުރިން މަނިކުފާނު ރާއްޖެތެރެއަށް ދަތުރުފުޅު ކުރައްވާ ވާހަކަ އިވިފައި އޮތީ. ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަ މިވިސްނަނީ، އަޅުގަނޑުމެން މިވިސްނަނީ 6 ވަނަ ދުވަހު އަޅުގަނޑުމެން ތިން ޕާޓީއާއި، ޢަދާލަތާއި، އަޅުގަނޑުމެން 4 ޕާޓީ ގުޅިގެން އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ ކޯލިޝަންގެ ފަރާތުން މިއުޅެނީ ހަމަ މި ރަސްމީކޮށް ލޯންޗްކުރަން. ލޯންޗްކޮށްފައި އިރާދަކުރެއްވިއްޔާ، އޭގެ ދެދުވަހެއްގެ ތެރޭގައި، އަޅުގަނޑު ބައެއް ދިމަދިމާއަށް ދަތުރުކުރާނަން. ޤާސިމްވެސް ދަތުރުކޮށްދެއްވާ. ސިޔާމް ދަތުރުކޮށްދެއްވާ. ރައީސް މައުމޫން ދަތުރުކޮށްދެއްވާ. ރައީސް ވަޙީދު ދަތުރުކޮށްދެއްވާ. އަދި އަޅުގަނޑުމެންގެ ވަޒީރުންވެސް ދަތުރުކޮށްދެއްވާނެ. ނައިބު ރައީސްވެސް ހަމަ ހުރިހާ ބޭފުޅުންވެސް ދަތުރުކޮށްދެއްވާނެ. ވަރަށް އަހަންމިއްޔަތުކަންދީގެން އަޅުގަނޑުމެން މިދަތުރުތައް ފަށްޓާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސިލޯނަށް މިކުރަން އޮތް ދަތުރު ކުރުމުގެ ކުރިން، ބައެއް ދިމަދިމާއަށް އަޅުގަނޑުވެސް ހަމަ ދަތުރުކުރާނަން އިނގޭތޯ.

ޢަބްދުﷲ ނަޞީރު - ރާއްޖެ ޓީވީ

ކޯލިޝަންގެ ތެރޭގައި އެއްވެސް މައްސަލައެއް އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ކޯލިޝަންތެރޭގައި ކޮންކަހަލަ މައްސަލައެއްބާ. އަޅުގަނޑުމެން ހުރިހާ ކޯލިޝަން ލީޑަރުން މިތިބީ. ދެން މީގައިވާގޮތަކީ ދޮއެއްތޯ. މަޝްވަރާތަކެއް ކުރެވޭ މިންވަރަކާއި، ނުކުރެވިހުރި މިންވަރަކާ ބަލާއިރު، ކޯލިޝަންގެ ތެރޭގައިވެސް މިތިއްބަވަނީ ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދޮއެއްތޯ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ޢާންމު އުޞޫލުތަކެއް ޤަބޫލުކުރެއްވި ނަމަވެސް، އެދާއިރާއަކަށް ޚިދްމަތް ކުރައްވަން ތިއްބެވި ބޭފުޅުން ދޮއެއްތޯ. އެހެންވީމާ، ކޮންމެ މެންބަރެއްގެވެސް ހިތްޕުޅުގެ ނުތަނަވަސްކަން އުޅޭނެ، އެބޭފުޅަކު އެދިވަޑައިގަންނަވާ މިންވަރަށް އެދާއިރާއަކަށް ހޭދަނުކުރެވެންޏާ. އަޅުގަނޑު ދާއިރާ، ކޯލިޝަންގެ ވާހަކައެއް ނޫން. ޕީ.ޕީ.އެމް.ގައިވެސް އެކަން އޮތީ އެހެން. އެހެންވީމާ، މިއީކީ އާކަމެއް ނޫން. ޕީ.ޕީ.އެމް.ގެ ދާއިރާގައިވެސް މިތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އެކިބޭފުޅުންނަށް އެކިދާއިރާއަށް އެކިވަރަށް މިހުންނަނީ ޚަރަދު ކުރެވިފައި. އެހެންވީމާ، އެބޭފުޅުންގެ ތެރޭގައިވެސް ހިތްނުތަނަވަސްކަމެއް އުޅޭނެ. ހަމަ އެގޮތަށް އެހެން ޕާޓީތަކުގައިވެސް އުޅޭނެ، އެހެން ނޫންތޯ. އާޚިރުގައި އިރާދަކުރެއްވިއްޔާ، މިހުރިހާ ކަމެއް ޙައްލުވެގެން މިދިޔައީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ކޯލިޝަން ހަމަ ބަދަހި ކޯލިޝަނެއް. ކުރިއަށް އޮތް ތަނުގައިވެސް މިއީ އަޅުގަނޑުމެންގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، މި ކޯލިޝަނަކީ ބަދަހި ކޯލިޝނަކަށްވެގެން، ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އަދި އޭގެ މަހެއް، ދޮޅުމަހެއްހާ ދުވަސް ފަހުން މިއޮންނަ ޢާންމު އިންތިޚާބު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ހަމަ ބޮޑު އަޣްލަބިއްޔަތެއް، އަޅުގަނޑުމެން ވެރިކަން ހިންގާ ކޯލިޝަނުން ކާމިޔާބު ކުރާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތަށް މާތްﷲގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވާށި!

ވަރަށް ބޮޑަށް ޝުކުރިއްޔާ!
________________________