އިންޑިޔާ ސަރުކާރަށް ހުށަހެޅުއްވި ރާއްޖެއަށް ދަތިވެފައި ހުރި ހުރިހާ ކަމެއް، ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިޔާ ސަރުކާރުން ޙައްލުކޮށްދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އިންޑިޔާގެ ރައީސްގެ ދަޢުވަތަކަށް އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ އިރާކޮޅު ރާއްޖެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މިދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވަމުންނެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވަމުން، މިދަތުރުފުޅަކީ ވަރަށް އުފާވެރި، ވަރަށް ފުރިހަމަ ދަތުރުފުޅަކަށް ވެގެންދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންނަށާއި، ދިވެހި ސަރުކާރަށް ދަތިވެފައިވާ ވަރަށްގިނަ ކަންކަން އިންޑިޔާ ސަރުކާރަށް ހުށަހެޅުއްވި ކަމަށާއި، އެހުރިހާ ކަންކަމަކީވެސް ވަރަށް އީޖާބީ ގޮތެއްގައި އިންޑިޔާ ސަރުކާރުން ބަލައިގެންނެވި ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ސާފުކުރި ތެޔޮ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވުމާއެކު، އިންޑިޔާގެ ކޮޗިންއިން ބަހާރަތު ޕެޓްރޯލިއަމުން ތެޔޮ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެ، އިރާދަކުރެއްވީތީ އެކަން ވަރަށް ރަނގަޅަށް އިންޑިޔާ ސަރުކާރުން ކޮށްދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް އަބަދުވެސް އެންމެ މުހިންމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ތަކެތި، ކޯޓާއެއްގެ ދަށުން އިންޑިޔާއިން ރާއްޖެއަށް ދޫކުރަމުންދާ ކަމަށާއި، 2013 ވަނަ އަހަރަށް އިންޑިޔާއިން ކަނޑައެޅި ކޯޓާ މިހާރު ހަމަވެފައިވުމާއެކު، ކޯޓާ އިތުރުކޮށްދެއްވުމަށް އެދިވަޑައިގަތުމުން، މިއަހަރަށް އެ ކޯޓާ އިންޑިޔާ ސަރުކާރުން އިތުރުކޮށްދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ފެންވަރެއްގެ ބޭފުޅުންނަށްވެސް ދަތިވެފައިވާ އެންމެ މުހިންމު ކަމަކީ، އިންޑިޔާއިން ވިސާ ހޯދުމުގެ މައްސަލަ ކަމަށާއި، އެކަންވެސް މިދަތުރުފުޅުގައި ހަމަޖެހިގެންދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި ވިސާގެ އެއްވެސް ދަތިކަމެއް އިރާދަކުރެއްވިއްޔާ، ދިވެހިންނަށް މިހާރު ނޯންނާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިދަތުރުފުޅުގައި، ދިވެހި ސަރުކާރަށާއި އިންޑިޔާ ސަރުކާރަށް ދަތިވެފައި ހުރި ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކެވުމުގެ އިތުރަށް، ދެޤައުމުން އިސްކަންދޭ އެކިއެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އިންޑިޔާގެ ރައީސަށާއި، ނައިބު ރައީސަށާއި، އިންޑިޔާގެ ބޮޑުވަޒީރަށް ދަޢުވަތު އެރުއްވި ކަމަށާއި، އެ ދަޢުވަތު އެބޭފުޅުން ޤަބޫލުފުޅު ކުރެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅަކީ، ﷲގެ ރަޙްމަތްފުޅާއެކު، ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް ވަރަށް ފައިދާހުރި ކަންތައްތަކެއް ފުރިހަމަވެގެން، ޙާޞިލުވެގެންދިޔަ ދަތުރުފުޅެއް ކަމަށް ވިދާޅުވެ، އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ގުޅޭގޮތުން ޚަބަރުފަތުރާ ވަސީލަތްތަކުން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވައި، ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންކަމުގެ ތަފްޞީލު، ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.