بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިއްލީގައި ކިޔަވަން ތިބި ލޮބުވެތި ދިވެހި ކިޔަވާ ކުދިން އަދި ޗުއްޓީގަޔާއި އެނޫން ބޭނުންތަކުގައި މިވަގުތު ދިއްލީގައި ދިރިއުޅެމުންދާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުމެން މިއަދު މިތިބީ އާ އަހަރެއްގައި. އާ ފެށުމަކާއެކީ، އާ އުންމީދުތަކަކާއެކީ، އާ ވިސްނުމަކާއެކީ. އާ ކަންކަން އަޅުގަނޑުމެންގެ ދައުލަތުގެ ފަރާތުން، ދައުލަތެއްގެ ޙިއްޞާ އޮންނަންޖެހޭ ހުރިހާ ދިމާއެއްގައި، އެ ޙިއްޞާ، ކިޔަވާ ކުދިން ކަމަށްވަންޏާ ކިޔަވާ ކުދިންނަށް، މަސްވެރިން ކަމަށްވަންޏާ މަސްވެރިންނަށް، ޞިއްޙީ ދާއިރާގައި ފަރުވާ ހޯދަމުންދާ މީހުން ކަމަށްވަންޏާ، އެ ޚިދްމަތަށް އެދި ތިބި ބަޔަކަށް، ޙިއްޞާގެ އެންމެ ފުރިހަމަ މިންވަރު އެދިއެދި ތިބި ވަގުތެއްގައި އަޅުގަނޑުމެން މިތިބީ.

އާ އަހަރެއް ފެށުމާއެކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން، ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ދެންނެވުން. އަދި ހަމައެޔާއެކީ، ދެ ޢީދު އެއްކޮށް އަންނަ ފަދައިން، މާދަމައަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަސްވެސްމެ. އެހެންކަމާއެކީ، ޤައުމީ ދުވަހުގެ ތަހުނިޔާއާއި، އަޅުގަނޑުގެ ހެޔޮއެދުންތައް ތިޔަ ހުރިހާ ބޭފުޅުންނަށް ރައްދުކުރަން.

އާދެ! މިކަހަލަ އުފާވެރި ކޮންމެ ފިޔަވަޅެއްގެ މަތީގައި ހުންނައިރު، އަޅުގަނޑުމެންނަށް ނިޢުމަތްތައް ގިނަކުރައްވައި، އަޅުގަނޑުމެންނަށް ނިޢުމަތްތައް މިންވަރު ކުރައްވާ اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރު ކުރުމަކީ އަޅުގަނޑުމެން އިސްލާމުންގެ ސުންނަތެއް.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިއަހަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކޮށްލީމަ، އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ، ކިޔަވަން ތިބޭ ކުދިން ކަމަށްވަންޏާ، ކިޔަވާ ކުދިންނަށްވެސް ސަރުކާރެއްގެ މުހިންމުކަން އިޙްސާސް ކުރަންޖެހެނީ ކީއްވެގެންކަން. އަޅުގަނޑުގެ މި ކުރު ވަގުތުކޮޅު ތިޔަބޭފުޅުންނަށް ކޮންމެވެސްވަރަކަށް ތަޢާރުފުވުމަށްޓަކައި ތިޔަބޭފުޅުންގެ މޭޒުކޮޅު ކައިރިއަށް ދިޔައީމަ، އަޅުގަނޑަށް އެނގިގެން ހިނގައްޖެ، ތިޔަބޭފުޅުން ތިޔަ އުފުއްލަވަނީ ކޮންކަހަލަ ބުރަ ކަންތައްތަކެއްކަން. އެކަމަކު އެއާއެކީގައިވެސް ދަންނަވާލަން ބޭނުންވަނީ، ކިޔަވާ ކުދިންނަށް ޔުނިވަރސިޓީގައި ކިޔެވުމަށް ލިބޭ ފުރްޞަތަކީ، އެކުދިންގެ ޙަޔާތުގައި ލިބޭނެ އެންމެ އުފާވެރި ފުރްޞަތުވެސްމެ. އަޅުގަނޑުމެން އިންސާނުންގެ ގޮތަކީ، އުނދަގޫ ޙާލަތްތަކުންވެސް އުފާވެރި ޙާލަތްތައް ހޯދައި، އުނދަގޫ ކަންކަން ފާގަތި ކަންތައްތަކަށް ބަދަލުކުރެވޭތޯ މަސައްކަތްކުރުން. އިމްޕްރޮވައިޒް ކުރަން ދަސްކުރުން. އަދި ހަމައެޔާއެކީ ކިޔަވާ ކުދިންވީމަ، އަޅުގަނޑު ދަންނަވާނަން، ކިޔެވުމަކީ ހަމައެކަނި ފޮތުން އެއްފޮޅުވަތަށްފަހު އަނެއް ފޮޅުވަތް ކިޔެވުމެއްވެސް ނޫނޭ. ކިޔެވުމަކީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭ، އުނގެނޭ ވަރުގަދަ ތަމްރީނެއް. ކިޔަވާއިރު ބައެއްފަހަރު ކުރިން ދަސްވެފައި ހުންނަ ކަންކަން ހަނދާންނައްތާލަންވެސް އެބަޖެހޭ. އާ ކަންތައްތައް ދަސްކުރަންވެސްޖެހޭ. އާ ކަންތައްތައް ދަސްކުރުމަކީ ފަސޭހަކަމެއް. ކުރިން ދަސްވެފައި ހުރި ކަންތައްތައް ހަނދާން ނައްތާލުމަކީ އެހާ ފަސޭހަ ކަމަކަށްނުވޭ. އެކަމަކު އިނގިރޭސި ބަހުގައި މިބުނެވޭގޮތަށް،Education is a process of learning, unlearning, relearning މިއީ ތަޢުލީމަކީ. އަޅުގަނޑުމެންނަށް ދަސްވެފައި ހުންނަ ކަންތައް، ބައެއްފަހަރު އެބަ އަންލަރން ކުރަންޖެހޭ. މީގެ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންނަށް އެކިކަންކަމާ ދޭތެރޭގައި، އެކި މީހުންނާ ދޭތެރޭގައި، އެކި ޚިޔާލާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައި އަޅުގަނޑުމެންނަށް ތަޞައްވުރު ކުރެވިފައި ހުންނަގޮތް. އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އަޅުގަނޑުގެ ދެއަޚުން އަދި ހައިކޮމިޝަނަރ ނަޞީރުވެސް އެ ވިދާޅުވިފަދައިން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަންކަމުގައި ކިޔަވާ ކުދިން ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެޔޭ. އަޅުގަނޑުމެން ކިޔަވާ ކުދިންނަކީ، އެކުގައި އުޅޭއިރު ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދޭން މަސައްކަތްކުރާ ކުދިން.

މި ޤައުމަކީ އަޅުގަނޑުމެންގެ ސަރަޙައްދުގައި ހިމެނޭ އަދި އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމު. އަޅުގަނޑުމެންނަށް އެންމެ ދަތިވެގެންދާ ވަގުތުތަކުގައިވެސް އަޅުގަނޑުމެންނަށް އެންމެބޮޑު އެހީތެރިކަމެއް، އެންމެ އިޚްލާޞްތެރިކަމާއެކީ، އެންމެ އަވަސްމިނެއްގައި، އެންމެ ބާރުމިނެއްގައި އަޅުގަނޑުމެންނަށް މިހާތަނަށް ފޯރުކޮށްދީފައި މިވަނީ މި ސަރުކާރުން. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިރަށުގައި ކިޔަވަން ތިބޭ ކުދިން ދިވެހިރާއްޖޭގެ ސަފީރުންގެ ގޮތުގައި ތަމްޘީލު ކުރައްވާއިރު، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން މި އަދާކުރަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ކިޔަވާ ކުދިންގެ ހިތްޕުޅަށް ގެންނަވަން. އެވާހަކަފުޅު އޮނަރަބްލް ޤާސިމްވެސް އެ ދެއްކެވީ. އަޙްމަދު ސިޔާމް މުޙަންމަދުވެސް އެ ދެއްކެވީ. އަދި އަޅުގަނޑު ހަނދާނުން ކައްސާލުމުގެ ކުރިން، އެދެބޭފުޅުން އަޅުގަނޑާ ދޭތެރޭ އެ ވިދާޅުވި ގާތް އޯގާތެރި ބަސްފުޅުތަކަށްޓަކައި، އެދެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު އިންޑިޔާއަށް މިކުރާ ދަތުރުގައި، އަޅުގަނޑުގެ އާ އަހަރުގެ ފުރަތަމަ ދުވަސްވެސް މި ހޭދަކުރަނީ، ދިވެހި ރައްޔިތުންނާ ދުރުގައި. މިރަށުގައި. އެހެން ނަމަވެސް، ތިޔަބޭފުޅުންނަކީ އަޅުގަނޑުމެންގެ ޢާއިލާގެ ބައެއް. ތިޔަބޭފުޅުންގެ އަރިހުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އެކަމަކު މި ސަރުކާރަށް ޒިޔާރަތްކޮށް، އިންޑިޔާއާ މި ވާހަކަ ދައްކަން އަންނަނީ މަތިވެރި ވިސްނުންތަކެއް ހުރެގެން. އަދި ސަރުކާރުން ދިވެހި ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް އިންޑިޔާ ސަރުކާރަށް ހުށަހަޅައި، އެކަންކަމުން ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ލިބޭނެކަމަށް ޤަބޫލު ކުރެވޭތީ. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ އިސްކަމެއްދެނީ، އިންޑިޔާ ސަރުކާރަށް. އިންޑިޔާއަށް އެންމެ އިސްކަމެއް މިދެނީ. ރިސޯސަސް އެވެއިލަބްލް ވެފައިހުރި މިންވަރަށް ބެއްޔަސް އަދި ކަންކަން ކުރުމުގެ ހުނަރުގެ މިންވަރަށް ބެއްޔަސް، ދުނިޔޭގައި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި، އެމީހުންގެ ޕްރެޒެންސް ފީލްވާވަރަށް ބައިނަލްއަޤްވާމީ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މުއައްސަސާތަކުގައި، ތިބޭ ފޯރަމްތަކުގައި އިންޑިޔާ ދައްކާ ނަމޫނާއަކީ، އަޅުގަނޑުމެން އެކަމަށްޓަކައި އަޅުގަނޑުމެންގެ ސަރަޙައްދުގައި އިންޑިޔާ އޮތީތީ ފަޚްރުވެރިވާންޖެހޭ ނަމޫނާއެއް. އެ ސަބަބަށްޓަކައި އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމެއް ކަމަށްވީނަމަވެސް، އަޅުގަނޑުމެން އިންޑިޔާއާ ދޭތެރޭގައި ގާތް އެކުވެރި ގުޅުމެއް މިއޮންނަނީ.

ކޮންމެ ރަށެއްގައިވެސް ކިޔަވާ ކުދިން ތިބޭ ކަމަށްވަންޏާ، ކިޔަވާ ކުދިންގެ ހިތަށް ގެނެވޭނެ، ކިހިނެއްތޯ ސަރުކާރަށާއި އެކުދިންގެ ހޯޕް ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުމުން ތިމަންނަމެން ވަކިވަކި ފަރުދުން ކުރާ ކަންކަމަށް ކިހާވަރެއްގެ އަސަރެއްތޯ ކުރަނީ. އަދި ތިކުދިންނަށް ގަބޫލު ކުރެވޭނެ، އަޅުގަނޑުމެން އިންތިޚާބާ ކުރިމަތިލައިގެން އައިއިރު، ދައްކަމުން ގެންދިޔަ ވާހަކަތައް. އަޅުގަނޑު ހަމަ ބައެއް މިސާލު ދަންނަވާލާނަން.

އަޅުގަނޑު އިންތިޚާބާ ކުރިމަތިލައިގެން، ވާދަވެރި ވަރަށް ވަރުގަދަ އިންތިޚާބެއްގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައިން. ދިޔައިރު އަޅުގަނޑުމެން ބުނިން، އަޅުގަނޑުމެން މިހާރު ދިވެހިރާއްޖެ އެބަޖެހެޔޭ، ސިޔާސީ ކަންކަމުން ތަންކޮޅެއް ދުރަށް ޖެހިލަން. ފެއަށް ޖެހިލަން އެބަޖެހެޔޭ. އަޅުގަނޑުމެންނާއި ވަކިވަކި ފަރުދުންނާ، ކިޔަވާ ކުދިން ކަމަށްވިޔަސް ވަރިހަމަ. އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަށްވި ކަމުގައިވީނަމަވެސް ވަރިހަމަ. އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއްޗަކީ އިޤްތިޞާދު. އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއްޗަކީ، އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތަކަށް އަޅުގަނޑުމެންނަށް ފައިސާ ލިބިގެންދާ މިންވަރު. ހަމަގައިމުވެސް އަޅުގަނޑުމެންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު މިރޭ މިލިބުނު ދިވެހި ކުދިން، ހުރިހާ މޭޒެއްގެ ކައިރީގައި އަޅުގަނޑު ވާހަކަ ދެއްކިއިރު، އެކުދިންގެ މައްސަލަތައް އަންނައިރު، އެކުދިންގެ މައްސަލަތައް މިއަންނަނީ މިކަންކަމާ ގުޅިގެން. އެއީ އެކުދިންނަށް ލިބޭ ސްޓައިޕެންޑް ކުޑަކަމުގައިވީނަމަވެސް، އެކުދިންނަށް ސަރުކާރުން ދެވޭ އެއްޗެއް މަދުކަމުގައިވީނަމަވެސް، ނޫނީ މިވަގުތަށް ޑިސްކޮންޓިނިއު ކުރެވިފައި އޮތް ކަމުގައިވީނަމަވެސް، ނޫނިއްޔާ އެކުދިން އަމިއްލައަށް ދިވެހި ފައިސާ ހޯދައިގެން މިތަނަށް ޑޮލަރު ގެންނަން ބެލިކަމުގައިވީނަމަވެސް، އުޅޭ މައްސަލައަކީ މިއީ. އެހެންވެގެން އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެން ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިބިއިރު އަޅުގަނޑުމެން ކުރަމުން ގެންދިޔައީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ވިސްނުން އަމާޒުވެގެންދާނީ، ޝައްކެއްވެސްނެތްގޮތުގައި، އިސްލާމީ އުޞޫލުތަކުގެ މަތީގައި އަޅުގަނޑުމެން ތިބުމާ އެކީގައި، އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެންދާނީ، ރައްޔިތުންނަށް އެންމެ ބޭނުންވެފައި ހުރި ކަންކަން ފުއްދައިދިނުމަށްޓަކައޭ. ސަރުކާރަކީ ތަނަވަސް ސަރުކާރަކަށްވާން އެބަޖެހޭ.

މާދަމައަކީ ޤައުމީ ދުވަސް ކަމަށްވާއިރު، އަޅުގަނޑުމެންގެ ކާބަފައިން، އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމް، މިސާލަކަށް އެކުރެއްވި ޖިހާދަކީ އެއިން ޢިބްރަތްތަކެއް އަޅުގަނޑުމެން ޙާޞިލުކުރަންޖެހޭ ޖިހާދެއް. ފަހަރުގައި ވެދާނެކަންނޭނގެ، ކަނޑިބަޑިއާއި ލޮންސިން ކުރެއްވި ޖިހާދަކަށް. އެކަމަކު ޖިހާދުގެ އަސާސާ ހަމައަށްދާއިރު، އަޅުގަނޑުމެން މިއަދު އެތަކެއް ޤަރުނު ފަހުންވެސް އަޅުގަނޑުމެން ދެނެގަންނަންވީ ފިލާވަޅަކީ، ނޫނީ ނަގަންވީ ފިލާވަޅަކީ، އެޖިހާދު ކުރެވުނީ ކޮންކަމެއްގެ ބޭނުމުގައިތޯ؟ އެ ޖިހާދަކީ އަޅުގަނޑުމެން ދިވެހިން، އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމެއް ކުރުމަށް އަޅުގަނޑުމެންނަށް ފުރްޞަތު ނުލިބިދިޔަ ދިޔުން. އެކަން އަޅުގަނޑުމެންނަށް ޤަބޫލުނުކުރެވިގެން އަޅުގަނޑުމެންގެ ކަންކަން ނިންމުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ، ދިވެހި ސަރުކާރުގެ ފުރިހަމަ ސިޔާދަތީ ބާރު، ފުރިހަމަ ސޮވެރިނިޓީ އެކްސަސައިޒް ކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް އޮންނަންވާނެ ކަމަށް، އެހާ ކުރިންވެސް އަޅުގަނޑުމެން ޤަބޫލުކުރަމުން އައި އައުން. އަދި ހަމައެޔާއެކީ އަޅުގަނޑުމެންނަށް ޤަބޫލު ނުކުރެވުނީ އަޅުވެތިވާން.

މިއަދު ކިޔަވާ ކުދިންގެ ޚިޔާލަށް ގެންނަންވީ، އަޅުވެތިވުމަކީ ހަމައެކަނި ސިޔާސީގޮތުން އެއްވެސްގޮތަކަށް ސަރުކާރެއްގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމެއް ނޫން. ދުނިޔޭގައި މިހާރު އަޅުވެތިވަނީ އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ކުޑަވީމަ. އަޅުގަނޑުމެން ހުރިހާ ކަމެއްގައި، ހުރިހާ ދިމާއަކަށް ބޭނުންތަކަށް ދާން މިޖެހެނީ އެކިއެކި ފަރާތްތަކަށް. އެހެންވެގެން މިހާރުގެ ދުނިޔޭގައި މަސައްކަތް ކުރާއިރު، ކިތަންމެވަރަކަށް ގްލޯބަލައިޒްވެފައި އޮތަސް، ބަވަނަވެފައި އޮތް ކަމުގައިވިނަމަވެސް، އިންޓަރޑިޕެންޑެންސީގެ ވާހަކަ ދެއްކި ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކަމެއް ބޭނުންވެގެން އުޅޭއިރު، އެކަމެއް ހޯދުމަށްޓަކައި އަގެއް ދައްކަންޖެހޭނެ. އެ އަގަކީ ފަހަރުގައި ސަރުކާރަކަށް އުފުލަން އެހާ ފަސޭހަ އަގަކަށް ނުވެދާނެ. އިސްތިޤްލާލަށް ބުރޫއަރާ ކަންކަން ނިންމަން ޖެހިދާނެ. އެ ސަބަބަށްޓަކައި އަޅުގަނޑުމެންނަކީ ފުދުންތެރި ޤައުމަކަށްވާން މިޖެހެނީ. އަމިއްލަ ފަރުދުން، ކިޔަވާ ކުއްޖަކު އެކުއްޖެއްގެ ބަޖެޓް މެނޭޖްކުރަން ދަންނަ ގޮތަށް، ކިހާވަރެއްތޯ ބަޖެޓަށް ލިބޭ ފައިސާއިން ރެންޓަށް ހޭދަކުރާނީ، ކިހާވަރެއްތޯ ދިރިއުޅުމަށް ހޭދަކުރާނީ، ކިހާވަރެއްތޯ ޔުނިވަރސިޓީ ޓިއުޝަނަށް ހޭދަކުރާނީ، މިވިސްނާ އުޞޫލުން ލާރިއެއް ބާކީކުރެވޭތޯ، ކޮންމެ ކަމަކަށް، އައިޓަމަކަށް ކަނޑައަޅައިގެން ޚަރަދުކުރަނީ ކިހިނެއްތޯ، ޚަރަދު ދެކޮޅުޖެއްސޭތޯ، ޚަރަދު ދެކޮޅުނުޖެއްސޭ ކަމަށްވަންޏާ، ދެންމެ މޭޒުތަކުގެ ކައިރީގައި އަޅުގަނޑު ވާހަކަ ދެއްކިއިރު، ތިކުދިންގެ ވާހަކައިން މި އެނގެނީ، ކޮންމެވެސްވަރެއްގެ ލޯނެއް އެބަ ނަގަންޖެހޭކަން.

ސަރުކާރެއް ހިންގަނީ ވަކި މިއަކާ ތަފާތު ގޮތަކަށް ނޫން. ސަރުކާރުގެ ބޭނުންތައް ފަރުދަކަށްވުރެ ބޭނުން ގިނަވެދާނެ. އެހެން ނަމަވެސް، ހިނގާ އުޞޫލަކީ އެއް އުޞޫލު. ލިބޭ ފައިސާއިން މެނޭޖްކުރަން އެބަޖެހޭ. އެކި އައިޓަމްތަކަށް ބަހަން އެބަޖެހޭ. އެކި އައިޓަމްތަކަށް ބަހާއިރު، ފެނާއި ނަރުދަމާއަށް ކިހާވަރެއްތޯ، ޞއްޙީ ދާއިރާ ތަރައްޤީކުރާނީ ކިހާ މިންވަރަކަށްތޯ، އެއަރޕޯޓަށް ހޭދަކުރަންވީ ސަރުކާރުންތޯ، ނޫނިއްޔާ އެގްޒިމް ބޭންކް ލޯނެއްތޯ ހޯދާނީ. ދަރިވަރުންގެ ކިޔެވުމަށް ޚަރަދު ކުރަންވީ ކިހާވަރެއްތޯ ބަލާއިރު، މުޅި ސަރުކާރަށް ލިބޭ ބަޖެޓަކުން ލިބޭ އާމްދަނީން މިކަން ދެކޮޅުޖައްސަން ދަސްކުރަންޖެހޭ. މުޅި ސަރުކާރަށް ލިބޭ އާމްދަނީން މިކަން ދެކޮޅުނުޖެއްސޭ ކަމަށްވަންޏާ، ހަމަ ކިޔަވާ ކުދިންވެސް ވިސްނާގޮތަށް ސަރުކާރުންވެސް ވިސްނަން މިޖެހެނީ. ލާރި ހޯދޭގޮތަކަށް، ލާރި ހޯދޭ ދިމާއަކުން ލޯނު ނަގައިގެން ލާރި ހޯދަން މިޖެހެނީ. މިހާރަކު ބައިނަލްއަޤްވާމީ މުއައްސަސާތަކެއް ގިނައެއް ނޫން އެހީތެރިވާ. އަދި އެހީތެރިވެދޭ މިންވަރު އެހާ ފުޅަލެއްވެސް ނޫން. އެހެންވާންޖެހޭ ސަބަބަކީ އަޅުގަނޑުމެންނަށްވުރެ އިޤްތިޞާދީ ގޮތުން މާ ހާލުދެރަކޮށް އޮތް ޤައުމުތައް، ދިވެހިރާއްޖެއަށްވުރެ ހާލުދެރަކޮށް ހުރި ޤައުމުތައް ވަރަށްގިނަ.

ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަކީ، ޤައުމީ ދުވަހެއްގައި (On the eve of Qawmee Dhuvas) ވާހަކަ ދައްކާއިރު، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަން ވަރުގަދަ ކުރުމަށްޓަކައި، ނޫނީ އިޤްތިޞާދީ ގޮތުން އެކިއެކި ފަރާތްތަކަށް އަޅުގަނޑުމެން ބަރޯސާ ކުރަންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް. މި ސަބަބަށްޓަކައި އެކިއެކި މާއްދާތައް ކިޔަވަމުންދާ ކުދިންގެ ތެރެއިންވެސް ޚާއްޞަކޮށް، ބީ.ކޮމް އާއި، އިކޮނޮމިކްސްއާއި މާކެޓިންގއާއި، މެނެޖީރިއަލް ސައިންސަސް، މިކަހަލަ މާއްދާތައް ކިޔަވާ ކުދިންނަށް އަޅުގަނޑު މަރްޙަބާ މިކިޔަނީ، އެއްގޮތަކަށްވެސް މެތެމަޓިކްސް ކިޔަވާ ކުދިންނަށް މަރްޙަބާ ނުކިޔާކަށެއް ނޫން. ދިވެހިރާއްޖޭގައި މިއަދު ޙަޤީޤަތަށް މަސައްކަތް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވަނީ ހޮޓެލިއަރުން. އަޅުގަނޑުމެން ބޭނުންވަނީ ވިޔަފާރީގެ އެންޓަރޕްރައިޒްގައި ނުކުމެ މަސައްކަތް ކުރާނެ ހީވާގި އޮންޓަރޕްރިނިއަރތަކެއް. މަސައްކަތުގެ ފަންނާއި، މަސައްކަތުގެ އަޚްލާޤާއި، މަސައްކަތުގެ ހުނަރުވެރިކަން ދަސްކޮށްފައި ތިބި ކުދިން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ނާސާ ސައިންޓިސްޓުން އުފެދިދާނެކަންނޭނގެ. އެހެންނަމަވެސް، އެއާއެކީ ދަންނަވާލަންޖެހެނީ، އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތުގައި، ދިވެހިންގެ ކުރިއެރުން މިއޮތީ ދިވެހިރާއްޖޭގައި މިހާރު މިހިރަ އިޤްތިޞާދުތައް، ޞިނާޢަތުތައް މިއަށްވުރެ ފުޅާކޮށްގެންނޭ.

އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް އިންޑަސްޓްރިއަލް ރިވޮލިއުޝަން އަލުން އީޖާދުކުރަންޖެހޭ ބައެއް ނޫން. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ ސްޓްރެންތްސްއަކީ ކޮބައިކަން. އަޅުގަނޑުމެންގެ ސްޓްރެންތްސް މިހިރީ ޓޫރިޒަމް ހޮސްޕިޓޭލިޓީ އިންޑަސްޓްރީގައި. އަދި އެއާއެކީ ތަފާތު އެކި ދާއިރާތަކުގެ ގުޅުންހުރި މަސައްކަތްތައް މިކުރަނީ. އެހެންވީމާ، އެނޫން ވިސްނުމަކަށްދާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ގިނަވަގުތުތަކެއް ހޭދަކުރަންޖެހޭނީ ދިރާސާގައި. ކީއްކުރަންތޯ ދިރާސާކުރަނީ. ދިރާސާ ކުރުމަކީ އެހެން ބަޔަކު ކުރާ ކަމެއް. އަޅުގަނޑުމެން މިއަދުން މާދަމައަށް، މިއަހަރުން މިއަންނަ އަހަރަށް އަޅުގަނޑުމެން ދެމިތިބޭކަމަށްވަންޏާ، އަޅުގަނޑުމެން މިވިސްނަނީ އަޅުގަނޑުމެން ޚަރަދުކުރާނެ ފައިސާ ހުރިތޯ. ސަރުކާރެއް މިވަގުތު އައިސްފައި މިއޮތީކީ އެންމެ ފަސޭހަ ހަތަރުއަނގޮޅިއަކު ނޫން. ސަރުކާރެއް އައިއްސަ މިއޮތީ މުޅި ރާއްޖޭގެ އިޤްތިޞާދު ވަރަށް ދެރަވަރުވެ، ނިކަމެތިވެފައި އޮތް ޙާލަތެއްގައި.

މިތާ އަޅުގަނޑުމެންގެ ކުރީގެ ހެލްތް މިނިސްޓަރުވެސް އެބަ އިންނެވި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންނަށް އެންމެ އަސާސީ ޚިދްމަތްތަކުގައި ރައްޔިތުން އެދޭ ކަންކަމުގެ ތެރޭގައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ ހިމެނޭ. އެކަމަކު މިދާއިރާގެ އިންފްރާސްޓްރަކްޗަރަށް ބަލާކަމަށްވަންޏާ، މަރާމާތު ކުރެވޭނެ ޙާލަތު ނެތިގެން، މަރާމާތު ކުރެވޭނެގޮތް ނެތިގެން، އެތަންތަން އެހެރީ އަލުން ބަލުން ޢިމާރާތް ކުރަންވެފައި. އެހާ ބޮޑަށް ވީރާނާވެފައި.

އަޅުގަނޑުމެން މިދައްކަނީ 192 ރަށަށް ކަންތައްތައް ކޮށްދޭ ވާހަކަ. އެހެންވީމާ، އިޤްތިޞާދީ ދާއިރާގެ ކިޔަވާ ކުދިންނަށް ވިސްނޭނެ، އެއީ ކިހާވަރެއްގެ ވާހަކައެއްކަން އަޅުގަނޑުމެންނަށް މިދެއްކެނީ. އަޅުގަނޑުމެން ކިޔެވުމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް ތަޢުލީމާ ދޭތެރޭގައި ވިސްނާލުން. އަޅުގަނޑުމެންނަށް ފަހަރުގައި، ކުރިން ހީކުރެވިފައި އޮންނަ ގޮތަކަށެއް ނޫން، ޔުނިވަރސިޓީގައި ކިޔަވަން އުޅޭ ކުދިން ވިސްނާގޮތަކަށްނުވެ ހިނގައިދާނެ ހުރިހާ ކަމެއް ހުންނަނީ. ކެމިސްޓްރީ ކިޔަވާ ކުއްޖެއް ކަމަށްވަންޏާ، ހައިޑްރިޖަންގެ ވަކިވަރަކަށް މޮލިކިއުލާ، އޮކްސިޖަންގެ ވަކިވަރެއްގެ މޮލިކިއުލް އެއްކުރީމާ، ފަހަރުގައި ލިބިދާނެ ފެނުގެ މޮލިކިއުލެއް. އެކަމަކު އިންސާނުންނާ ދޭތެރޭގައި ކަންކަން ކުރާއިރު، ހައިޑްރިޖަން މޮލިކިއުލަކާއި އޮކްސިޖަން މޮލިކިއުލަކާ އެއްކުރީމާ، ފަހަރުގައި ފެން ނުލިބި ހިނގައިދާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިންމާ ކޮންމެ ކަމަކީ، އެތައް ބައެއްގެ މަޞްލަޙަތު އެކަމުގައި ހިމެނޭ ކަންކަން. ނިންމާ އެއްވެސް ނިންމުމަކުން ނޫނީ އަޅާ އެއްވެސް ފިޔަވަޅަކުން ހުރިހާ އެންމެން ރުއްސުމަކީ ފަސޭހަ ކަމަކަށްނުވެ ހިނގައިދާނެ. ފަސޭހަ ކަމެއް ނޫން، އެދޭ ކަމަކަށްނުވާނެ ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީވެސް. އެހެން ނަމަވެސް، އެއަށްވުރެ ފުދުންތެރިކަން ކުޑަ ބަޔަކަށް އަދި އިޤްތިޞާދީ ގޮތުން އެކި ދާއިރާއަށް ބޭނުންވެފައި ހުރި ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް އެއީ. އެހެންވީމާ، އެކަންކަން ކުރުމުގައި ދެމީހެއްގެ ޚިޔާލު އެއްގޮތްނުވެ ހިނގައިދާނެ. އެކަމަކު ސަރުކާރެއްގެ ރެލަވަންސް، ސަރުކާރެއް ގެނައުމަށް ވޯޓްލާ ކުދިންނަށް، ވޯޓްލާ ރައްޔިތުންނަށް އެބަ އެނގެންޖެހޭ.

ޤައުމީ ދުވަހެއްގައި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ހުރިހާ އެންމެން މިދައްކަނީ ޤައުމީ ލޯތްބާއި، ޤައުމީ ޝުޢޫރާ، މިކަންކަމަކީ މަންމަގެ އުނގުން ފެށިގެން ކުއްޖާ ތަރުބިއްޔަތުކޮށް ހާނަންޖެހޭ ކަންކަމޭ. އަޅުގަނޑުގެ ވިސްނުމުގައި، ޝައްކެއްވެސްނެތްގޮތުގައި އެއީ، ކުރަންޖެހޭ ކަންކަން. އެހެން ނަމަވެސް، ނުކައި ނުބޮއި އުޅޭއިރު ޤައުމީ ކޮން ކުލުނެއްތޯ ހުންނާނީ. ސުވާލު އުފެދެންޖެހޭ. ވަޒީފާގެ ފުރްޞަތު ދިވެހި ޒުވާނުންނަށް ލިބިގެންދާއިރު، ޤައުމީ ކަންކަމާ ދޭތެރޭގައި، ޤައުމީ ޝުޢޫރުތަކާ ދޭތެރޭގައި، ޤައުމުގެ ޝިޢާރުތަކާ ދޭތެރޭގައި ވިސްނުމުގެ ފުރްޞަތު އެކުއްޖަކަށް އޮތްތޯ، ހަމަ ހިތާހިތާ ސުވާލުކޮށްލަން އެބަޖެހޭ ދޮއެއްތޯ. އެހެންވީމާ، މިހާރު ރެލަވަންޓީ ހަމައެކަނި މިސާލަކަށް މީގެ އެތަކެއް އަހަރު ކުރިން ޖޯން އޮފް ކެނެޑީ ވިދާޅުވި، [ޤައުމަކުން ތިމާއަށް ކޮށްދޭނީ ކޮންކަމަކާ ދޭތެރޭގައިތޯ ނުވިސްނައި، ތިމާ ޤައުމަށް ކޮށްދޭނީ ކޮންކަމަކާ ދޭތެރޭގައޭ ވިސްނަންވީ.] ޝައްކެއްވެސްނެތް ވަރަށް ނޯބްލް އޮބްޖެކްޓިވެއް. ވަރަށް ނޯބްލް ވެލިޔުއެއް. އަދި މިރަށުގައި ހުރެގެން ވާހަކަ ދައްކާއިރު، މަހާތުމާގާނދީގެ މަތިންވެސް ހަނދާންކުރަން އެބަޖެހޭ. ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވި،Ask not what the country can do for you, ask what you can do for the country. އެކަމަކު މިހާރުގެ ވިސްނުން ތަފާތު ދޮއެއްތޯ. އަޅުގަނޑުމެންނަށް ސަރުކާރެއް ރިސެޕްޓިވް ވަނީ އަޅުގަނޑުމެންނަށް ސަރުކާރެއް ރެސްޕޮންސިބަލް ވަނީ ސަރުކާރަކުންވެސް އަދި އެތަނެއްގައި ދިރިއުޅޭއިރުވެސް އެތަނަކީ ފުރަތަމަ ލިވެބަލް ތަނަކަށްވެގެން. ދިވެހިރާއްޖެއިން މިދިޔަ ކުރު މާޒީގައި މިހޭދަކުރީ އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ މަތިން އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ ދުވަސްތަކެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ޚިޔާލު ތަފާތުވުމާއި، ވާދަވެރި ވިސްނުމާއި، ވާދަވެރި ގޮތްގޮތަށް ކަންތައް ނިންމުމުގެ ޚިޔާލު ހުންނާނެކަންނޭނގެ. އެހެން ނަމަވެސް، ހަމަ ދަންނަވާލަންޖެހެނީ، ތިޔަ ކިޔަވާ ކުދިންނަށް އަޅުގަނޑު މިދެންނެވި ބައެއްފަހަރު ކިޔަވާފައި ހުރި އެއްޗެހި އަންލާރން ކުރަން އެބަޖެހެޔޭ. މިކުރެވޭ ހުރިހާ މަސައްކަތަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ފަހަރެއްގައިވެސް ގަބޫލު ނުކުރައްވާ، މުޅި ތަނުގައި ހަމަޖެހުމާއި ކުރިއެރުން ގެނެސްދޭނެ ފިޔަވަޅެއް ކަމަށް އެޅެނީ. ފަހަރުގައި ވެދާނެކަންނޭނގެ، ޤައުމީ ދުވަހެއްގައި ވާހަކަ ދައްކާއިރު، ޤައުމީ ދުވަހެއްގައި އަޅުގަނޑުމެންގެ އަބްޠާލުން ކުރައްވާފައިވާ މަތިވެރި ޖިހާދަށް ވިސްނާއިރުގައި، ކޮންމެފަހަރަކުވެސް އެފަދަ ޖިހާދެއް ކުރަން މިޖެހެނީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް ބަޔަކު، އެމީހެއްގެ އަމިއްލަ ވިސްނުން، އެމީހެއްގެ އަމިއްލަ މަޞްލަޙަތު ޤައުމުގެ މަޞްލަޙަތަށްވުރެ ކުރިއަށް ނެރޭތީ.

ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި މިކަހަލަ ކަންކަން، އަޅުގަނޑުމެންނަށް މިދިޔަ ކުރު މާޒީގެ ތެރޭގައި ބައްދަލުކޮށްފައި ހުރީ މަދެއްކޮށް ނޫން. އެހެންވީމާ، އަބަދުވެސް އިސްކުރަން މިޖެހެނީ، ޤައުމަށް ކޮށްދެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ. ސިޔާސީ ލީޑަރުންގެ ތެރޭގައިވެސް، ސިޔާސީ ޚިޔާލުތަފާތުވުންތައް ހުންނާނެ. އެހެން ނަމަވެސް، ޤައުމަށް ހަމަޖެހުން ގެނައުމަކީ، ކޮންމެ ސިޔާސީ ލީޑަރެއްގެ ވިސްނުމުގައި އޮންނަންޖެހޭނެ ކަމެއް. އަޅުގަނޑުމެން ސިޔާސީގޮތުން ޚިޔާލުތަފާތުވާ ކޮންމެ ފަހަރަކު، އަޅުގަނޑުމެން ނުކުމެ އެކަންކަމާ ދޭތެރޭގައި އަޑުއުފުލައި، ރައްޔިތުންނަށް ތަޙައްމަލް ކުރެވޭވަރަށްވުރެ ބޮޑަށް އެކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ޤައުމީ މަޞްލަޙަތު އިސްކުރުމެއް ނޫން. އަދި އެކަންކަން އެގޮތަށް ކުރުމަކުންނެއް، ހަމަ ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަވެގެންނެއްވެސް ނުދޭ. ރައްޔިތުން އެދޭ ކަންކަމަކީ، މާދަމާ ކްލާސްރޫމް ނެތިގެން ކިޔަވާ ކުދިން ވަންނާނެ ތަނެއް ނެތީމާ، އެއީ ރައްޔިތުންނަށް ކަންބޮޑުވާކަމެއް. މަސްވެރިންނަށް ލަފާ ފޭބުމުގައި ނޫނިއްޔާ ބަނދަރުގެ ދަތިކަން އޮތް ކަމަށްވަނީވިއްޔާ، އެއީ ރައްޔިތުން ބޭނުންވާ ކަމެއް. ޓީޗަރުން ރާއްޖެއަށް ނުލިބޭ ކަމަށްވަންޏާ، އެއީ ރައްޔިތުން ބޭނުންވާ ކަންކަން. ކިޔަވާ ކުދިންނަށް ޑޮލަރު ލިބޭނެގޮތެއް ނެތްކަމަށްވަންޏާ، ޑޮލަރު ލިބޭނެ އިންތިޒާމެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމަކީ، ރައްޔިތުން އެދޭ ކަންކަން. އަދި ކިޔަވާ ކުދިންނަށް ލިބޭ ސްޓައިޕެންޑުން ކިޔަވާ ކުދިންނަށް ދެކޮޅުނުޖެއްސޭ ކަމަށްވަންޏާ، އެކަމަށް ކޮންމެވެސްކަހަލަ ޙައްލެއް ގެނެސްދިނުމަކީ ރައްޔިތުން އެދޭ ކަންކަން.

އެހެންވީމާ، މިއީ ނޫންތޯ ރާއްޖޭގައި ބޮޑުވެފައި ހުރި ކަންކަމަކީ. އެހެންވީމާ، މިކަންކަން ކުރެވެން މިއަންނަނީ މުޅި ދައުލަތްވެސް މުއްސަނދިވެގެން. އަޅުގަނޑުމެންގެ ސަރުކާރު، އަޅުގަނޑާއެކީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޖޭ.ޕީ. އިން ޤާސިމް އިބްރާހީމް، އެމް.ޑީ.އޭ އިން އަޙްމަދު ސިޔާމް މުޙަންމަދު، ޢަދާލަތު ޕާޓީ އަދި މިނޫން އެހެން ހުރިހާ ޕާޓީތައްވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެން މި ޙަޤީޤަތް ޤަބޫލުކޮށްގެން ތިބެގެން، އަޅުގަނޑުމެން ބައިނަލްއަޤްވާމީ ގޮތުން އަދި ޑިޕްލޮމެޓިކް ރިލޭޝަންސަށް ވިސްނާ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރަކީ ފުދުންތެރި ސަރުކާރަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް. ފުދުންތެރި ސަރުކާރަކަށްވާ ކަމަށްވަންޏާ، އެއީ ޝައްކެއްވެސް ނެތް ޝަރަފްވެރި މަޤާމެއް. އަދި އެއާއެކީ ފުދިގެންދަނީ ހަމައެކަނި އަޅުގަނޑުމެންނަށް ލިބޭ ޝަރަފްވެރި ކަމެއްނޫން. ޤައުމުގެ އިސްތިޤްލާލާއި ސޮވެރެނިޓީ އެކްސަސައިޒް ކުރުމުގައި ހަމައެކަނި ރައިޓެއްވެސް ނޫން. ދޭދޭ ފަރުދުންނަށް ބޭނުންވެފައި ހުރި ކަންކަން ފުއްދައިދިނުމުގެ މަތިވެރި ޢަޒުމް އަޅުގަނޑުމެންގެ ސަރުކާރުގައި އެބައޮތް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެން ރެލީތަކުގައި ވާހަކަ ދައްކަމުންދިޔަގޮތަށް މިއަދު ބޮލަކަށްޖެހޭ އުފެއްދުންތެރިކަމުގެ މިންވަރު ޕަރކެޕިޓާ މިންގަނޑުން ބަލާކަމަށްވަންޏާ، 6500 ޑޮލަރުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ﷲގެ ރަޙުމަތާއެކީގައި، އަޅުގަނޑުމެންގެ ޢަޒުމަކީ އަޅުގަނޑުމެން މިހިނގާ މަގު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން އެދޭ ގޮތަށް ކަންކަން ވެގެންދާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޢަޒުމަކަށްވާނީ، މި ޢަދަދު ޑަބަލްވެގެންދިޔުން. އޮޅުންތަކެއްގެ ތެރެއިން ނަމަވެސް އަޅުގަނޑުމެންނަށް ޙާޞިލު ނުކުރެވޭ ކަންކަން، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ.

އަޅުގަނޑު، ކިޔަވާ ކުދިންނަށް ދަންނަވަން ބޭނުންވަނީ، ތިޔަ ކުދިން ކިޔަވަނީ މާދަމާ އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރާށޭ. މަސައްކަތުގެ ބާޒާރަށް ނުކުންނާނެ ކުދިންތަކެއް މި އުފައްދަނީ. މަސައްކަތުގެ ބާޒާރަށް ނުކުންނަ ކުދިންތަކެއް އުފައްދާއިރު، ސިޔާސީ ޚިޔާލު އަދި ކޮންމެގޮތަކަށް ހުރިނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑުމެން މި ޗާޓް ކުރަން މިއުޅެނީ، ޗާޓްއައުޓް ކުރަން މިއުޅެނީ ކޮން ކޯޒްއެއްތޯ؟ އެއާ ދޭތެރޭގައި ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންގެ ސިޔާސީ ޚިޔާލުތަފާތުވުން އެއީ ސަބަބެއްތޯ. ރާއްޖޭގެ ބޯހިޔާވަހިކަން ނެތް މީހުންނަށް ބޯހިޔާވަހިކަން ޤާއިމްކޮށްދޭން އުޅުން އެއީ. ސިޔާސީ ޚިޔާލުތަފާތުވީމަ، އެއީ ސަބަބެއްތޯ އެކަން ކުރިޔަނުދޭން ބަޔަކު މަސައްކަތް ކުރުމަކީ. އެއީ ސަބަބަކަށްވެގެނެއް ނުވާނެ ދޮއެއްތޯ. ސިޔާސީ ޚިޔާލު ތަފާތުވީމާ، އަޅުގަނޑުމެން މުއްސަނދިވާން މިކުރާ މަސައްކަތް، އެކަމަށް ހުރަސްއެޅުން އެއީ، ސިޔާސީގޮތުން ކިތަންމެ ޚިޔާލު ތަފާތުވިޔަސް އެއީކީ ޤައުމުދެކެ ލޯބިވެ، ރައްޔިތުންދެކެ ލޯބިވާ ކަމަށްވަންޏާ، އެއްގޮތަކަށްވެސް ކުރިމަތި ކުރުވާނެކަހަލަ ދަތި ކަންކަމެއް ނޫން.

އަޅުގަނޑުމެން ސަރުކާރަށް މިއައީ ރައްޔިތުން ވަރަށް ވަރުގަދަ މެންޑޭޓެއްދީގެން. އެ މެންޑޭޓަކީ އަޅުގަނޑުމެން އިސްވެ ހެދި މެންޑޭޓް. އަޅުގަނޑުމެން ކަންތައްތަކެއް ކޮށްދޭން ބުނިން ރައްޔިތުން ކައިރީގައި. މާއްދީގޮތުން ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގެ ވާހަކަވެސް އަޅުގަނޑުމެން ދެއްކިން. ގެއްލެމުންމިދާ ޙައްޤުތައް އިޢާދަކޮށްދިނުމުގެ ވާހަކަވެސް ދެއްކިން. އަންހެން ބޭފުޅުންނަށް، އަންހެން ކަނބަލުންނަށް ގެއްލިފައިވާ ޙައްޤުތައް އިޢާދަކޮށްދިނުމުގެ ވާހަކަ ދެއްކިން. މާރޖިނަލައިޒްވެފައި ތިބި އެކިއެކި ފަރުދުން، މެއިން ސްޓްރީމް ކުރާނެ ވާހަކަ އަޅުގަނޑުމެން ދެއްކިން. އަޅުގަނޑުމެންގެ 100 ދުވަހުގެ މަސައްކަތުގެ މަގުޗާޓުގެ ތެރެއިން އަޅުގަނޑުމެން މިހާރު ފަށައިފިން، އަންހެން ބޭފުޅުންނަށް ޚާއްޞަ މަޝްރޫޢުތަކެއް. އެކަންކަން އިމްޕްލިމަންޓްވަމުން އެދަނީ.

ޝައްކެއްވެސްނެތް. މިހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމެއްވެސް ނެތްކަންނޭނގެ. އެހެން ނަމަވެސް، ކުރުގޮތަކަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ސިޔާސީ ޚިޔާލުތަފާތުވުންތައް ޢަމަލީ މަޝްރޫޢުތަކަކަށް ބަދަލުވެގެން އަންނައިރު، ހަވާސާވެގެންދިޔުމޭ. ސިޔާސީ ޚިޔާލުތަފާތުވުމަކީ އޭގެ ޒާތުގައި މޭޒެއްގެ ކައިރީގައި ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ޙައްލުކުރެވެންޖެހޭނެ ކަންކަން. މިކަންކަމުގެ ސަބަބުން ރައްޔިތުން އުނދަގޫތަކެއް ތަޙައްމަލްކުރަން ޖެހުމަކީ، ރައްޔިތުން ސަބްޖެކްޓްވުމަކީ، އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ޙައްލަކަށްނުވާނެ. އަޅުގަނޑާއި އަޅުގަނޑާއެކީ ގުޅިގެން މަސައްކަތް ކުރައްވާ ކޯލިޝަންގެ ލީޑަރުން މަސައްކަތް ކުރައްވަނީ ވާހަކަ ދައްކައިގެން، ކަންކަން ޙައްލުކުރެވޭތޯ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންގެ ފަރާތުން ކިތަންމެ އީޖާބީކޮށް ކަންތައްތައް ގެންދަން ބޭނުންވި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އެކަންކަން ފުދިގެން ނުދާތަން އެބަ ފެނޭ. އެހެން ނަމަވެސް، އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހަމަ ދިވެހި ރައްޔިތުންގެ ޙައްޤުގައި، އަޅުގަނޑުމެން މިދަންނަވާ އެކްޝަން އެޖެންޑާ ޙާޞިލު ކުރުމަށްޓަކައި ޞުލްޙައަށް ޖާގަދޭނަން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ހިތްވަރާއި ޢަޒުމް އެބައޮތް. އަޅުގަނޑުމެން މިކުރާ ދަތުރުގައި، ކިތަންމެގަދަ ސިޔާސީ ކަނޑުތަކެއް ކަޑައްތު ކުރަން ޖެހުނު ނަމަވެސް، އެކަނޑުތައް ކަޑައްތު ކުރުމުގެ ޢަޒުމް އަޅުގަނޑުމެންގެ އެބައޮތް. އާ ސަރުކާރެއް އަންނައިރު، މިހާ ދަތި ދުވަސްވަރެއްގައި، އެންމެ އާދައިގެ ވިސްނުމުން ވިސްނިކަމުގައިވީނަމަވެސް، ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް އެންޑޯޒްމަންޓް ދޭންޖެހޭނެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި ބަޖެޓް ފާސްކޮށްދޭންޖެހޭނެ. މިއީކީ ދެބަސްވެވޭނެ ކަންކަމެއް ނޫން. އެހެންވީމާ، މިކަހަލަ ކަންކަން ކުރުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެންވެސް ރައްޔިތުންގެ އެހާބޮޑު ތާއީދަކާއެކީ އަދި މިހާ ވާދަވެރި އުނދަގޫ އިންތިޚާބެއް ނިންމާފައި، ރައްޔިތުން އާއެކޭ ބުނީމަ، އެކަމުގައި ހިނގުމުގެ ޤާބިލުކަން، އެކަމުގައި ހިނގުމުގެ ހިތްވަރު ސިޔާސީ ލީޑަރުންގެ ހުންނަންވާނެ. އެވަރުގެ ހިތްވަރު، އެވަރުގެ ވިސްނުން، ނޫނިއްޔާ އެވަރުގެ ކެރިންތެރިކަން ނެތްކަމަށްވަންޏާ، ސިޔާސީ ލީޑަރުން އެކުރައްވާ މަސައްކަތާ ދޭތެރޭގައި ވިސްނާލަންޖެހޭ. ކިޔަވާ ކުދިން، އެކުދިން މިހާރު ފޯމްކޮށްފައި ހުރި ޕަރސެޕްޝަންތައް، އަލުން އަންލަރން ކުރަން އެބަޖެހޭ.

އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ﷲގެ ރަޙުމަތާއެކީ ދިވެހިރާއްޖެއަށް ކުރިއެރުމާއ ފާގަތިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ޤައުމީ ދުވަހާއި، މިނިވަން ދުވަހާއި އަދި އެހެން ދުވަސްތައް އަޅުގަނޑުމެން ފާއިތުކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވަނީ، މިހުރިހާ ދުވަސްތަކުން ޢިބްރަތް ޙާޞިލުކުރާއިރުވެސް ރައްޔިތުންގެ ޖީބަށް އަންނަ ފައިސާއަށް ބަދަލެއް އާދޭހެއްޔެވެ؟ ޕަންޗް ލައިނަކީ، ބޮޓަމް ލައިނަކީ އަޅުގަނޑުމެންގެ ޙާލަތު ރަނގަޅުކުރެވޭ ބަޔަކު ރަނގަޅުކޮށްދޭން މަސައްކަތް ކުރަންވާނީ. އެހެން ދުވަސްތަކަކީ އަޅުގަނޑުމެން ހަމަޖެހިގެން ލިބޭ ކަމަށްވަންޏާ، އެދުވަސްތަކުގެ އުފާ އިތުރަށް އަޅުގަނޑުމެންނަށް ޙާޞިލުވެގެންދާނޭ ދުވަސްތައް. އެހެންވީމާ، މިހާރު ދިވެހިރާއްޖެ އޮތް ޙާލަތު ކިޔަވާ ކުދިންނަށްވެސް، ފަރުދީގޮތުން ތިޔަކުދިންނަށް އުފުލަންޖެހޭ ތަކުލީފު ނޫނީ އުފުއްލަވަންޖެހޭ އުނދަގޫ ކަންތައްތަކަށް ވިސްނާ ކަމަށްވަންޏާ، އެބަ ޤަބޫލުކުރަންޖެހޭ ދައުލަތަކުން މަސައްކަތް ކުރަންޖެހޭނީ މުޅި ދައުލަތް މުއްސަނވާށޭ. ވަކިވަކި ފަރުދުން މުއްސަނދިވާށޭ. ވަކިވަކި ފަރުދުން މުއްސަނދި ކަމަށްވަންޏާ، ކިޔަވާ ކުދިން ކުރާ މަސައްކަތުގައިވެސް ހަމަ ކިޔަވާ ކުދިން ދާން ބޭނުންވާ ހިސާބަކަށް ދެވޭނެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ކުޑަކުޑަ ޤައުމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ނަޞީބަކީ، ނޫނިއްޔާ އެންމެ ވަރުގަދަ ރިސޯސަކީ، އިންސާނީ ތަރައްޤީގެ ވަސީލަތް އަޅުގަނޑުމެން ރާއްޖޭގައި ޤާއިމުވެފައި އޮތް މިންވަރު. އެހެންވީމާ، ސިޔާސީ ޚިޔާލުތަފާތުވުން ޤައުމީ ވިސްނުމެއްގައި އެއްފަރާތަށް ދާން މިޖެހެނީ މިދެންނެވި ގޮތަށް. ޤައުމު ބިނާކުރުމުގައި، ސަރުކާރަކުން ރަނގަޅު މަޝްރޫޢުތަކެއް ހުށަހަޅައިފި ކަމަށްވަންޏާ، ނަތީޖާ ބަލަން ތިބޭ ކުދިންވެސް ގަބޫލުކުރަންޖެހޭނެ، އެކަންކަމަށް އެއްބާރުލުން ދިނުމަކީ، ސިޔާސީ ހަމަ ކޮންމެ ލީޑަރަކަށް ވާޖިބު ކަމެއް. ރައްޔިތުންގެ މަޞްލަޙަތު އެބަ އިސްކުރަންޖެހޭ، ފަރުދުންގެ އަމިއްލަ ވިސްނުންތަކަށްވުރެ. ބޮޑުތަކުރުފާނުގެ ޖިހާދުގެ ފިލާވަޅުންވެސް އަޅުގަނޑުމެންނަށް ނަގައިދެނީ އެ ފިލާވަޅު. ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެވިގެންދިޔުމަކަށް ބޮޑުތަކުރުފާނަކަށް ފަސޭހަފުޅެއްނުވި ބައްލަވަން ހުންނަވާކަށް. އަދި ދިވެހިރާއްޖޭގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެން ގަބޫލުކުރާ ހުރިހާ އުޞޫލުތައް އަޅުގަނޑުމެންގެ ފަސްގަނޑުން މޮޑެވިދިޔުމަކީ، ބޮޑުތަކުރުފާނަކަށް ފަސޭހަ ކަމަކަށްނުވި ތަޙައްމަލް ކުރައްވާކަށް. އެހެންވީމާ، އެހާ އުތުރުން، މާލެއާ އެހާ ދުރުންވެސް މިވަރުގެ ޖިހާދެއް ކުރާނެ ބޭފުޅަކު، އެތަކެއް ސަތޭކަ އަހަރު ކުރިން އަޅުގަނޑުމެންނާ ހަމައަށް އައީ. ދިވެހިންގެ ކަންކަން ދިވެހިން ނިންމުމަށް ލިބޭ ފުރްޞަތުގައި، ބައިނަލްއަޤްވާމީ މުޖްތަމަޢުވެސް މިހާރު އެބަ ޤަބޫލުކުރަންޖެހޭ، ދިވެހިންނަށް މިކަންކަން ކުރެވޭވަރުގެ ޤާބިލުކަމާއި ޢިލްމީ ތަޖްރިބާއާއި ހުނަރުވެރިކަން ދިވެހިންގެ ކިބައިގައި ހުރިކަން.

މިވޭތުކުރި ދެއަހަރަކީ އަޅުގަނޑުމެންނަށް ސިޔާސީގޮތުން އަދި އިންޓަރނޭޝަނަލް ޑިޕްލޮމަސީއަށް ބަލާކަމަށްވަންޏާ، އުނދަގޫތަކެއް އުފުލަންޖެހުނު ދުވަސްތަކެއް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ދިވެހިންގެ ކަންކަން ނިންމުމުގައި ދިވެހިންނަށް ދޫކޮށްލީމާ، އޭގެ ނަތީޖާވެސް ރަނގަޅުވެއްޖެކަން ގަބޫލުކުރަންޖެހޭ. އެހެންނޫނިއްޔާ، އުފުލަންޖެހޭ ތަކުލީފު އެއަށްވުރެ ބޮޑުވެގެންދަނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީވެސް އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރެވޭ މަސައްކަތޭ ދަންނަވާލަމުން. އަދި އެއާއެކީ އަޅުގަނޑުމެން ބޭނުންވަނީ ޤައުމަށް ފާގަތިކަމާއި، ޤައުމު މުއްސަނދިވާނޭ މަޝްރޫޢުތަކެއް ހިންގުން. އަޅުގަނޑުމެން ބޭނުންވަނީ މާލެއަކީ ދިރިއުޅެން އަގުބޮޑު ތަނަކަށްވެފައި، ނުތަނަވަސް ތަނަކަށްވާތީ، އަޅުގަނޑުމެން ބޭނުންވޭ ސަބްއަރބަން މާލެ، ހުޅުމާލޭގައި ދިވެހި ރައްޔިތުން، ޚާއްޞަކޮށް، ޒުވާނުންނަށް އުޅެވޭނެގޮތް ހަމަޖައްސައިދޭން އަޅުގަނޑުމެން ބޭނުންވޭ. މާލެ ކައިރީގައި މާލޭގައި ވަޒީފާ އަދާކުރަމުން ގެންދާއިރު، ހަމަ މިރަށުގައި މިދިމާވާ އުޞޫލުން، މިރަށުގައި މިދިމާވާގޮތަށް، މާލެއަކީ ދިރިއުޅުމަށް އަގުބޮޑު ތަނެއް. އެހެންވީމާ، މާލެއަށްވުރެ އަގުތައް ހެޔޮ ތަނެއް އަޅުގަނޑުމެން އެބަ އުފައްދަންޖެހޭ. އެސަބަބަށްޓަކައި އަޅުގަނޑުމެން ބްރިޖެއްގެ ވާހަކަވެސް މިދައްކަނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑު ހުރިހާ ކިޔަވާ ކުދިންނަށް ހަމަ ހަނދާންކޮށްލަދޭން ބޭނުންވަނީ، ކުރިން ދަންނަވާލި ވާހަކަ. ކިޔަވާ ކުދިންނަކީ ކިޔަވަމުންދާއިރު، ހަމައެކަނި ފޮތުގެ ދެބަނޑޭރިގަނޑު ދޭތެރޭގައި ހުންނަ އެއްޗަކަށް ވިސްނަންޖެހޭ ކުދިންނެއް ނޫނޭ. އެކަމުން ލިބޭ ފިލާވަޅާއެކީ މިއަދުގެ ޙަޤީޤަތަށް ވިސްނައި ފިކުރުކުރެވޭވަރުގެ ކުދިންނަށް އެބަވާންޖެހެޔޭ. އެހެންވެގެން ބައެއްފަހަރު ފޯމްވެފައި މިހުންނަ ޕަރސެޕްޝަނަށް ބަދަލުގެނައުމުގެ، ބަދަލު އައުމުގެ ޖާގަ، ތިޔަކުދިންގެ ސިކުނޑިން އެކަމަށް ޖާގަދޭންޖެހޭނެ ވާހަކަ މިދަންނަވަނީ އެ ސަބަބަށްޓަކައި.

އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ، ހުރިހާ ކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ތިޔަ ކުދިންނާ ދޭތެރޭގައި ކޮށްދެވެންހުރި ހުރިހާ ރަނގަޅު ކަންތައްތަކެއް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ބައެއް ވާހަކަތަކަކީ، އަޅުގަނޑަށް އާ ވާހަކަތަކެއް. އެހެން ނަމަވެސް އަޅުގަނޑަށް އެނގޭ، ހުރިހާ ކިޔަވާ ކުދިން އުޅެނީ އެންމެ ފަސޭހަކަމާއެކީ ނޫންކަން. އަޅުގަނޑުމެން ސަރުކާރުގައި އެންމެ ފުރަތަމަ ކުރި މަސައްކަތުގެ ތެރޭގައި، އިންޑިޔާއަށް ގޮސް އައިސްވުމުގައި، ދިވެހިންނަށް ދަތިވެފައިމިވާ ވިސާގެ މައްސަލަ ޙައްލުކުރެވޭތޯ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އޭގެކުރިންވެސް މަސައްކަތްތަކެއް ކުރެވުނު. އަދި ޚާރިޖީ ވަޒީރާއި، އެކަމަނާގެ ދަށުން މަސައްކަތް ކުރައްވާ ބޭފުޅުން، މި އާ ސަރުކާރުގައިވެސް އެތަކެއް މަސައްކަތްވަނީ ކުރެވިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ދަތުރު ނިމިގެންދާއިރު، ދިވެހިންނަށް އުފާވާކަހަލަ މެސެޖްތަކެއް ލިބޭނެ ކަމަށް އަޅުގަނޑު ހަމަގައިމުވެސް އުންމީދު ކުރަން. މީގެތެރެއިން އަޅުގަނޑު ހުށަހަޅާފައި ހުރި ކަންކަމުގެ ތެރެއިން އެއްކަމެއް، ދެކަމެއް ޙާޞިލުވީނަމަވެސް، އަޅުގަނޑުގެ ދަތުރަކީ ފާގަތި އަދި އެކަމުގެ ނަތީޖާ ނެރެވުނު ދަތުރަކަށްވެގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه