ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ހުރިހާ ޙާލަތެއް އަދި ވަގުތެއްގައިވެސް، އެއް ޤައުމު އަނެއް ޤައުމަށް ވާގިވެރިވެ، އެހީތެރިވުމުގައި ދައްކާފައިވާ ޝައުޤުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ޕްރަނާބު މުކަރުޖީ މިރޭ ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި ބޭއްވެވި މި ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ގުޅުން މިއަށްވުރެ ވަރުގަދަކުރުމަށްޓަކައި އެކި ފަންތިތަކުގައި މަސައްކަތްކުރުމަށް ދެޤައުމުގެ ސަރުކާރުންވެސް އެއްބަސްވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލުވެއްޖެނަމަ، ދެޤައުމުން ކުރަމުން އައިސްފައިވާ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހެދިދާނެ ކަމަށާއި، މި ޞަރަޙައްދުގެ އަމާންކަމަށާއި، ތަނަވަސްކަމަށާއި، ރައްކާތެރިކަމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި އެންމެ ގާތުން އަދި އެންމެ ދީލަތި އެހީ ފޯރުވައިދީ، ދިވެހި ރައްޔިތުންގެ ދިރިއުޅުން އާންމު ޙާލަތަށް ރުޖޫޢަކުރުމުގައި އިންޑިޔާގެ ފަރާތުން ލިބިފައިވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް އިންޑިޔާ ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކާއި ދެއްވި އެހީތެރިކަމާއި، އަދި 2004 ވަނަ އަހަރުގެ އޭޝިއަން ސުނާމީގައި އިންޑިޔާ ސަރުކާރުން ވެދެއްވި އެހީތެރިކަން ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެކިގޮތްގޮތުން އިންޑިޔާއަށް ދެވެން އޮތް އެއްބާރުލުމަކާއި ތާއީދެއް ދިވެހިރާއްޖެއިން އިންޑިޔާއަށް ދީފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުން އެޤައުމުތަކަށް ލިބިފައިވާ އިންސާނީ، ޤުދުރަތީ، މާލީ އަދި އިޤްތިޞާދީ ވަސީލަތްތަކުގެ ބޭނުން އިޖުމާލީގޮތެއްގައި ހިފައިގެން، ގުޅިފައިވާ ވަރުގަދަ ޖަމާޢަތެއްގެ ގޮތުގައި ކުރިއަށްދާން ޖެހިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ސަރަޙައްދީ ހުރިހާ ޤައުމުތައް އެކުގައި މަސައްކަތްކޮށްގެން، ބައިނަލްއަޤްވާމީ މައިދާނުގައި، މިއަށްވުރެ ބާރާއި ނުފޫޒު ބޮޑު، ބަސްކިޔޭ ޖަމާޢަތަކަށް ދެކުނު އޭޝިޔާއަށް ވެވިދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިޔާ ހިމެނޭ ސަރަޙައްދަކީ ޤުދުރަތީ ވަސީލަތްތައް ތިޔާގި، އަދި އުފެދިފައިވާ ގޮތުން އެތައް ފަސޭހަތަކާއި ފައިދާތަކެއް ފަހިވެފައިވާ ސަރަޙައްދެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. މިހެން ކަންއޮތުމާއެކު، ޤައުމީ، ޞަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި، ދެކުނު އޭޝިޔާ ބައްރުގެ އަމާންކަމާއި، ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރުމަކީ، މި ޞަރަޙައްދުގެ ޤައުމުތަކުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެކުނު އޭޝިޔާ، މިހާރަށްވުރެ ތަރައްޤީކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހަދަން ބޭނުންވާނަމަ، ދޭދޭ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓް އިތުރުކޮށް، ދެމެހެއްޓެނިވި ގޮތުގައި ޢުމްރާނީ ތަރައްޤީ ގެނައުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓިޓިއުޝަންތައް ޤާއިމުކޮށް، ޤައުމުގެ ކުރިއެރުމަށް ބޭނުންވާ ދާއިރާތަކަށް އިޤްތިޞާދީގޮތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށްވެސް ވަރަށް ބޮޑު އިސްކަންދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.