ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިންޑިޔާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންހް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ، ވަރަށް ހަރުދަނާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން އޭރު ބިނާވެފައި އޮތީ، ފާހަގަކުރެވިފައިވާ މުހިންމު އުޞޫލުތަކެއްގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިމިވާ ގުޅުން، ރައީސް ޔާމީންގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ފޮރިން ސެކްރެޓަރީ ސުޖާތާ ސިންހް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާއަކީ ދިވެހިރާއްޖޭގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ކަމަށާއި، އެގޮތުގައި އިންޑިޔާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިޔާއިން އަހަންމިއްޔަތުކަންދޭ ކަންތައްތަކަށް ރާއްޖެއިންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮރިން ސެކްރެޓަރީގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ޖޮއިންޓް ސެކްރެޓަރީ ހަރިޝްވަރުދަން ޝްރިންގްލާއާއި، ރާއްޖޭގައި ހުންނަވާ އިންޑިޔާ ސަފީރު ރަޖީވް ސަހާރޭއެވެ.