ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝްރީ މެނަން ސިންހް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަކޮށް، ސެކިއުރިޓީ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޯސްޓްގާޑުންދޭ ޚިދްމަތްތައް ތަރައްޤީ ކުރުމަށްޓަކައި އަދި ތަފާތު އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ހަމައެޔާއެކު، ރާއްޖޭގައި ޕޮލިސް އެކަޑަމީ ތަރައްޤީ ކުރުމުގައި ވެދެއްވި އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މެނަން ސިންހް ދެއްކެވި ވާހަކަފުޅުގައި، ވާދަވެރި ރިޔާސީ އިންތިޚާބަކަށްފަހު، ރާއްޖޭގައި އަމާންކަމާއި ޞުލްޙަވެރިކަން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި މިސަރަޙައްދުގައި އަމަންއަމާންކަން ޤާއިމުކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖޭގެ ޑިފެންސްގެ ދާއިރާއަށާއި، ޕޮލިސްގެ ދާއިރާއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ޖޮއިންޓް ސެކްރެޓަރީ ހަރިޝްވަރުދަން ޝްރިންގްލާއާއި، ރާއްޖޭގައި ހުންނަވާ އިންޑިޔާ ސަފީރު ރަޖީވް ސަހާރޭއެވެ.