بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމަށް ދެކެނީ، ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އަދި އުޚުއްވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރުން.

ޤައުމީ ދުވަހަކީ، ޤައުމެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއްދުވަސް. އެ ދުވަހަކީ، ޤައުމަށްޓަކައި، އަދި ވަޠަނުގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްވަރުގަދަ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރުމުގެ ދުވަސް. އަދި ޤައުމަށް ނަޞްރާއި ފަތަޙަ ލިބިގެންދިޔަ ހާދިސާތަކުގެ ޒިކުރާ އާކުރުމުގެ ދުވަސް. އެހެންކަމުން، ޤައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ ޤައުމީ ބަޠަލު އައްސުލްޠާނުލްއަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް އާދެ، ބޮޑުތަކުރުފާނު އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނާއި މި ލޮބުވެތި ޤައުމު، ބޭރު ބައެއްގެ އަތްދަށުން އަދި އަޅުވެތިކަމުގެ އަނިޔާވެރި ވަކިތަކުން ސަލާމަތްކޮށްދެއްވުމަށް ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކުރަމުން، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި އެ މަހާރަދުންގެ އަރިހުގައި ޤައުމާއި ދީނަށްޓަކައި ޖިހާދު ކުރެއްވި ހިތްވަރުގަދަ ބަޠަލުން އެ ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން، އެ ހުރިހާ އަބްޠާލުންގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަ ކުރައްވައި މި ދުނިޔެ ދޫކުރެއްވި ޤައުމީ ހުރިހާ ބަޠަލުންގެ ޒިކުރާ އާކުރަމުން، އެބޭފުޅުންގެ ފުރާނަފުޅަށް ހެޔޮ ޖަޒާދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

މިއަދު ދިވެހިރާއްޖޭގެ އުފާވެރި ޤައުމީ ދުވަހު، އަޅުގަނޑުމެން ހަނދާންކުރަންވީ މުހިންމު އެއްކަމަކީ، ޤައުމިއްޔަތު ދިރުވުމަކީ، ޤައުމުގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބަހާއެއްކަން. އަދި މި ދިވެހި އުންމަތުގެ ކުރިއެރުމުގެ އަސާސްކަން. ޤައުމުގެ ޙައްޤުގައި ކެރިގެން ނުކުންނާނެ ދަރިންތަކެއް އުފެއްދޭނީ، ޤައުމިއްޔަތުގެ ވަރުގަދަ ރޫޙު، އެންމެ ކުޑައިރުން ފެށިގެން ކުއްޖާގެ ހިތުގައި އަށަގަންނުވައިގެން. މިޤައުމު، މާދަމާ އެބައެއްގެ ބެލެނިވެރިކަމުގެ ދަށަށް ދާނެ ޒުވާނުންގެ ހިތްތަކުގައި މިޤައުމާމެދު ކުލުނާއި ލޯބި އިތުރަށް ވަރުގަދަކޮށްގެން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ޤައުމީ ދުވަހުން ޙާޞިލުކުރާ ޢިބުރަތުގެ ނަތީޖާއަކަށްވާންވާނީ، އެ ވަގުތެއްގައި ޤައުމުގެ ކަންކަމާ މަސްއޫލުވެ ތިއްބަވާ އިސްވެރިންނާއި ރައްޔިތުން އަދި ޒިންމާދާރު އެންމެހައި ވެރިން، ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގައި އަމިއްލަ މަޞްލަޙަތަށްވުރެ ޖަމާޢަތާއި ޤައުމުގެ މަޞްލަޙަތު އިސްކުރެއްވުން. ބޮޑުތަކުރުފާނު ދައްކަވައިދެއްވި ނަމޫނާއަކީ އެއީ. އެދުވަހު އެމަނިކުފާނު ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ކުރެއްވި ޖިހާދުގެ ޙަޤީޤީ މާނަ.

މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދާ ބަވަނަވެފައިވާ ދުނިޔޭގައި، އިސްލާމްދީންމަތީ ސާބިތުވެ ތިބި، ދިވެހިބަހުން ވާހަކަދައްކާ، އެކުވެރި ރައްޔިތެއްގެ ގޮތުގައި ދިވެހި ޤައުމަށް ދެމިއޮވެވޭނީ، ޤައުމަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެވިގެން. ފަރުދީ ވާދަވެރިކަމާއި، ސިޔާސީ ހަސަދައިގެ ތެރެއިން ނުކުމެ، ޤައުމު ބިނާކޮށް ތަރައްޤީ ކުރުމުގެ މުހިންމު މަސައްކަތުގައި އެންމެން އެކުވެރިވެ، އެއްބައެއްގެގޮތުގައި މަސައްކަތްކޮށްގެން.

ޤައުމު މިއަދު އޮތް ޙާލަތަށް ބަލާއިރު މިއަދުގެ ޖީލު، ޤައުމަށްޓަކައި ވާންޖެހޭ ޤުރުބާނީ ކުޑައެއްނޫން. ކުރަންޖެހޭ މަސައްކަތްތައް މަދެއްނޫން. ވެހޭހާ ވާރޭގައި ދޭހައި އަތްވެއްގައި ކާބަފައިން ކުރި މަސައްކަތް، މިއަދު ތަކުރާރުކުރަން އެބަޖެހޭ. މިއަދު މިނިވަންކަމުގެ ނޭވާ މި ލެވެނީ، އެދުވަހު މިނިވަންކަމަށްޓަކައި އެބޭފުޅުން ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން. މިއަދު އިޤްތިޞާދީ އަޅުވެތިކަމުން ސަލާމަތްވެ، އިޤްތިޞާދީ ފުދުންތެރިކަމަށް ކުރާ މުހިންމު މަސައްކަތުން މެނުވީ ދިވެހި ޤައުމަށް މާދަމާ މިނިވަންކަމުގެ ނޭވާއެއް ނުލެވޭނެ.

އާދެ! ޤައުމީ ދުވަހު އަޅުގަނޑުމެން ޤައުމުދެކެ ލޯބިވުމުގެ ޝުޢޫރުތައް ފާޅުކުރަމުންދާއިރު، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދިވެހި ޒުވާނުންނާއި، އަންހެން ކަނބަލުންނާއި މަސައްކަތްތެރީންނާއި، ވިޔަފާރިވެރިން އަދި ޖުމްލަކޮށް އެންމެހާ ދިވެހީންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެ ފަހި ފުރުޞަތުގެ ވެށްޓަކަށް ދިވެހި ޤައުމު ވުން އެއީ، މުހިންމު ކަމެއްކަން. ޤައުމުގެ ޒަޢާމަތު އުފުއްލަވާ ފަރާތްތަކުން މިއަދުވެސް އަދި މާދަމާވެސް އެންމެ އިސްކަމެއްދެއްވަން ޖެހޭ އެއްކަމަކީ އެއީ. ދިވެހި ފަސްގަނޑަކީ ވިސްނުންތެރި ސިކުޑިތައް އުފަންކުރުވާ މާޙައުލަކަށް ވާންޖެހޭ. ދިވެހި ބިމަކީ ތަޖުރިބާއާއި ނަތީޖާ ޙާޞިލުކުރުމުގެ ނާރެހަކަށް ވާންޖެހޭ. މި ކުޑަކުޑަ ރީތި ޤައުމު، މާދަމާ އެހެން ލޯތަކަށް ފެންނާންވާނީ، ފުރުޞަތުތައް ފަހި، ތަނަވަސްކަމާއި ހިތްފަސޭހަކަމާއެކު ދިރިއުޅޭ އަމާން، ނަމޫނާ ޤައުމެއްގެ ގޮތުގައި. ވަޒީފާ ހޯދުމާއި، އަދާކުރުމާއި، ތަޢުލީމު އުނގެނުމާއި، ތަޖުރިބާ ހޯދުމުގެ އަސާސީ ތަރަހައަކީ، ދިވެހި ފަސްގަނޑުކަމުގައި ވެގެންދާނީ އޭރުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

އަޅުގަނޑުމެން މިއަދު، ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކޮށްގެންނަމަވެސް ކުރަން ޖެހިފައިވާ އެންމެ މުހިންމު ޤައުމީ މަސައްކަތަކީ، ދިވެހި އިޤްތިޞާދު ނަގައި ކޮޅަށްޖެހުން. ތަނަވަސްކަމާއި ފުދުންތެރިކަމުގެ އާ ޒަމާނަކަށް ޤައުމު ގެންގޮސް ދިނުން. އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުން. މިކަންކަން ހާސިލު ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމަކާ ނުލައި ސާބިތުކަމާއެކު މި ސަރުކާރުން ކުރާނެ. މިއަދު ޤައުމަށް ކުރިމަތިވެފައިމިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގައި އަޅުގަނޑުގެ ޢަޒުމު ގުޑުވައެއް ނުލެވޭނެ. އަދި މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ކިތަންމެގަދަ ސިޔާސީ ކަނޑެއްގައި ދަތުރުކުރަން ޖެހުނަސް، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން، ދިވެހި ރައްޔިތުންނާއި ޤައުމަށްޓަކައި އެ ދަތުރެއްކުރާނެ.

ޤައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމަށާއި، އިޤްތިޞާދީ ނުތަނަވަސް ކަމަށާއި، ޒުވާނުންގެ އުދާސްތަކަށް، ފަރުވާއާއި ހައްލު ހޯދައިދިނުމަށް ސަރުކާރަށް ފުރުޞަތު ދެއްވުމަށް، ސިޔާސީ ވާދަވެރިންނަށާއި އެންމެހާ ފަރުދުންނަށް އަޅުގަނޑު ގޮވާލަން.

ބޮޑެތި ގޮންޖެހުންތައް ޙައްލުކުރުމުގައިވެސް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ލޮޅުމެއް އެރިޔަ ނުދީ، އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތު ޙިމާޔަތްކުރުން އެއީ، އެންމެ މުހިންމު ވާޖިބު ކަމުގައި ދެކެވަޑައިގަތުމަށް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން.

ސިޔާސީ އުންމީދެއްގައި ނުވަތަ ތިމާ އެދޭ ނަތީޖާއެއްގެ އެދުމުގައި މުޅި ޤައުމުގެ އަމާންކަން ނަގާލާކަށް ފުރުޞަތު ދެވިގެން ނުވާނެ. ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ޤައުމިއްޔަތަށް ގޮންޖަހައި، މިނިވަންކަމަށާއި ސިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތައް ހިންގުމަށް ފުރުޞަތު ދެވިގެން ނުވާނެ. ޤައުމުގެ ކަންކަން މިޞްރާބު ކުރުމުގައި ކޮންމެ ރައްޔިތަކީވެސް ބައިވެރިއެއްކަމުގައި ދުށުމަކީ މުހިންމުކަމެއް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

މިއަދު ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތައް ކުރަމުންދާއިރުވެސް ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑުމެން ސަމާލުކަންދޭން އެބަޖެހޭ. ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ޤައުމުގެ ސިޔާދަތަށް ބުރޫ އެރިޔަދީގެނެއް ނުވާނެ. އަދި އެފަދަ ޢަމަލުތައް ހިންގުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދެވޭފަދަ ގޮތަކަށް އަޅުގަނޑުމެން ޢަމަލުކޮށްގެންވެސްނުވާނެ.

އާދެ، އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ވާޖިބުތައް އަދާކުރަމުންދާނީ، ތަފާތުކުރުމެއްނެތި އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތްކުރަމުން. ރާއްޖެއަށް މިއަދު ކުރިމަތިވެފައި މިވާ ވަރުގަދަ ގޮންޖެހުންތަކަށް ހޭލާހުރެ، ހަމަހަމަކަމާއި އިންސާފާއި ޢަދުލުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްދޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު. އަދި ރައްޔިތުންނަށް އޯގާތެރި އަދި އަޅާލައި، ރައްޔިތުން ލޯބިވާފަދަ ސަރުކާރަކަށް މި ސަރުކާރު ހެދުމާއެކު، ޤައުމަށް ހަމަޖެހުން ގެނެސް، ރައްޔިތުން ބޭނުންވާ ބަދަލުތައް ހަލުވިކަމާއި އަވަސްކަމާއެކު ގެނެސް، ރާއްޖެ ތަރައްޤީގެ އާ ޒަމާނަކަށް ގެންގޮސްދިނުމުގެ ފުރިހަމަ ޔަޤީންކަމާއެކު.

މި ފެށުނީ އާ އަހަރެއް، އާ އުންމީދުތަކެއް. އިރާދަކުރެއްވިއްޔާ ތަރައްޤީއާއި ހަމަޖެހުން ގެނެސްދޭނެ އާ ދައުރެއް. ޤައުމިއްޔަތުގެ ރޫޙު ދިރުވައި އަދި އެ ރޫޙު ދަމަހައްޓައި އާލާކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ފަހި ދުވަސްތަކެއް. މިފެށުނު އާ އަހަރުގެ ތަހުނިޔާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.

މާތްﷲ އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަމުގައި އަބަދުމެ ދެމިތިބޭ ބައެއް ކަމުގައި ލައްވާށި! އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކުރައްވައި، ޤައުމުގެ ކަންތައްތައް އިޞްލާޙު ކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރައްވާށި! އާމީން!

والســّلام عليــكم ورحـمــة اللّـه وبـركاتـه