އިންޑިޔާ ސަރުކާރާ ވާހަކަ ދައްކަވަނީ، މަތިވެރި ވިސްނުންތަކެއް ހުރެގެން ކަމަށާއި، ދިވެހި ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް އިންޑިޔާ ސަރުކާރަށް ހުށަހެޅުއްވީ، އެކަންކަމުން ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނިއުދިއްލީގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ބޭފުޅުންނާއި އަދި ދިއްލީގައި ކިޔަވަމުން ގެންދާ ދިވެހި ކުދިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންޑިޔާއަކީ މި ސަރަޙައްދުގައި ހިމެނޭ އަދި ޚާރިޖީ ސިޔާސަތަށް ބަލާކަމަށްވާނަމަ، އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމު ކަމަށް ވިދާޅުވެ، އަޅުގަނޑުމެންނަށް އެންމެ ދަތިވެގެންދާ ވަގުތުތަކުގައި، އެންމެބޮޑަށް އެހީތެރިކަމެއް، އެންމެ އިޚްލާޞްތެރިކަމާ އެކީގައި، އެންމެ އަވަސްމިނެއްގައި މިހާތަނަށް ފޯރުކޮށްދީފައިވަނީ، އިންޑިޔާ ސަރުކާރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓަލުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކިޔަވާ ކުދިންނަށް ޔުނިވަރސިޓީގައި ކިޔެވުމަށް ލިބިގެންދާ ފުރްޞަތަކީ، އެކުދިންގެ ޙަޔާތުގައި ލިބޭނޭ އެންމެ އުފާވެރި ފުރްޞަތު ކަމުގައި ވިދާޅުވިއެވެ. އަދި އިންސާނުންގެ ގޮތަކީ، އުނދަގޫ ޙާލަތްތަކުންވެސް އުފާވެރި ޙާލަތްތައް ހޯދައި، އުނދަގޫ ކަންތައްތަކުން ފާގަތި ކަންކަމަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ދިވެހިރާއްޖެއަށް އިޤްތިޞާދު މުހިންމުވާ ސަބަބުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އެންމެ މުހިންމު އެއްޗަކީ ކުރަން ބޭނުންވާ މަސައްކަތްތަކަށް ފައިސާ ލިބިގެންދާ މިންވަރު ކަމުގައި ވިދާޅުވިއެވެ. އަދި ކިޔަވާ ކުދިންނާ މިރޭ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރައްވައި ވާހަކަ ދެއްކެވިއިރު، އެކުދިންގެ މައްސަލަތައް ގުޅިފައިވަނީވެސް ފައިސާއަށް ކަމަށް ފާހަގަކުރެއްވުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުވެތިވުމަކީ ހަމައެކަނި ސިޔާސީގޮތުން ސަރުކާރެއްގެ ކުރިމަތީގައި ކުޑަކަކޫޖެހުން ނޫން ކަމަށާއި، ދުނިޔޭގައި މިއަދު އަޅުވެތިވަނީ، އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ކުޑަވީމާކަން ކިޔަވާ ކުދިންގެ ޚިޔާލަށް މިއަދު ގެންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން މަސައްކަތްތައް ކުރާއިރު، ކިތަންމެވަރަކަށް ބަވަނަވެފައި އޮތް ކަމުގައިވިޔަސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކަމެއް ބޭނުންވެގެން އުޅޭއިރު، އެކަމެއް ހޯދުމަށްޓަކައި އަގެއް ދައްކަންޖެހޭ ޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ އަގަކީ ފަހަރުގައި ސަރުކާރަކަށް ދައްކަން އެހާ ފަސޭހަ އަގަކަށް ނުވެދާނެ ކަމަށާއި، ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާ ކަންކަންވެސް ނިންމަން ޖެހިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެސަބަބަށްޓަކައި އަޅުގަނޑުމެންނަކީ ފުދުންތެރި ޤައުމަކަށް، ފުދުންތެރި ބަޔަކަށްވާން އެބަޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީ ލީޑަރުންގެ ތެރޭގައި ޚިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި، އެހެން ނަމަވެސް، ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެ ސިޔާސީ ލީޑަރެއްގެވެސް ވިސްނުމެއް އޮންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. [ސިޔާސީގޮތުން ޚިޔާލުތަފާތުވާ ކޮންމެފަހަރަކު، އަޅުގަނޑުމެން ނުކުމެ، އެކަންކަމާ ދޭތެރޭގައި އަޑުއުފުލައި، ރައްޔިތުންނަށް ތަޙައްމަލް ކުރެވޭވަރަށްވުރެ ބޮޑަށް އެކަންކަން ކުރުމަކީ، އެއްގޮތަކަށްވެސް ޤައުމީ މަޞްލަޙަތު އިސްކުރުމެއް ނޫން. އަދި އެކަންކަން އެގޮތަށް ކުރުމަކުންނެއް، ޝައްކެއްނެތްގޮތުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަވެގެނެއް ނުވެސްދޭ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިޔާސީ ޚިޔާލުތަފާތުވުމަކީ، އޭގެ ޒާތުގައި މޭޒު ކައިރިން ވާހަކަ ދައްކައިގެން ޙައްލުކުރެވޭނެ ކަންކަން ކަމަށާއި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ތަޙައްމަލް ކުރަން ޖެހުމަކީ ޤަބޫލު ކުރައްވާ ސިޔާސީ ޙައްލެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މިއަދު މި ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ފުދުންތެރި ސަރުކާރަކަށް ހެއްދެވުމަށްޓަކައި ކުރައްވާ މަސައްކަތް ކަމަށާއި، ފުދުންތެރި ސަރުކާރެއް ކަމަށްވާނަމަ، އެއީ ޝަރަފްވެރި މަޤާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދޭދޭ ފަރުދުންނަށް ބޭނުންވެފައިވާ ކަންކަން ފުއްދައިދިނުމުގެ މަތިވެރި ޢަޒުމް، މި ސަރުކާރުގައި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙަންމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ.

ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގައި އުޅުނު ކަމުގައިވިޔަސް އެތަނެއްގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ މުހިންމުކަން ހަނދާންކޮސްދެއްވިއެވެ. އަދި ދިއްލީގައި ކިޔަވަމުންގެންދާ ހުރިހާ ދަރިވަރުންވެސް މި ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފުމަށާއި، ޤައުމަށް ރީތިނަން ހޯދައިދިނުމަށް އިލްތިމާސް ކުރައްވައި ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އަހްމަދު ސިޔާމް މުޙަންމަދުގެ ވާހަކަފުޅުގައި، މިހާރު އުފެދިފައިވާ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް ކޮންމެ ތަނެއްގައި ކަމެއް ދިމާވިކަމުގައިވިޔަސް، އެހީތެރިކަން ފޯރުވައިދިނުމަކީ، ސަރުކާރުގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިޔާއަށްދާ ދިވެހިންނަށް ދިމާވާ ވިސާގެ މައްސަލަތަކާއި، އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިންޑިޔާ އެމްބަސީއާއި އިންޑިޔާ ސަރުކާރާ ގުޅިވަޑައިގެން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ދަތުރުފުޅަށްފަހު، އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ރަހަމީރުކަން އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމުގައި އަޙްމަދު ސިޔާމް މުޙަންމަދު ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުޙަންމަދު ނަޞީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިޔާއަށް މިކުރައްވާ ދަތުރުފުޅުގައި، ދިވެހި ބޭފުޅުންނާއި އަދި ކިޔަވާ ކުދިންނާ ބަދަލުކޮށްލައްވައި، ޙަފްލާ ޝަރަފުވެރިކޮށްދެއްވީތީ، އެދެކަނބަލުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިޔާގައި ދިރިއުޅުއްވާ ދިވެހިންނަށް، މި ދަތުރުފުޅުގެ ސަބަބުން އިތުރު ފަސޭހަތައް ލިބިގެންދިޔުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ތަޢާރުފު ކުރެއްވީ، އިންޑިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓެރީ އިސްމާޢީލް މަމްދޫހެވެ.

މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތަކާއި، ކިޔަވަން ތިބި ދިވެހި ކުދިންނާ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި ހާލު އޮޅުންފިލުއްވިއެވެ.