ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ވަންގް ފުކާންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން، ޗައިނާގެ އާ ސަފީރުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމަށް ބައްލަވައިލައްވަމުން، ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުވިތާ މިއަހަރު 41 އަހަރު ފުރިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާއަކީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއަކީ އިޤްތިޞާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްޤައުމުކަން ފާހަގަކުރައްވައި، ވިޔަފާރީގެ ދާއިރާގައި ޗައިނާގެ ތަޖުރިބާއިން ރާއްޖެއަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ހޯދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުޑަ ބޮޑުމިނުގެ ގޮތުންނާއި، އިޖުތިމާޢީ ނިޒާމުގެ ގޮތުން ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ތަފާތުތަކެއް ހުރި ކަމުގައިވިޔަސް، ފައިދާކުރަނިވި ގާތް ގުޅުމެއް ދެ ޤައުމުގެ ދެމެދުގައި އުފެއްދިދާނެ ކަމުގެ ލާމަސީލު ނަމޫނާއެއް، ދެ ޤައުމުން މިވަނީ ދުނިޔެއަށް ދައްކައިދީފައި ކަމުގައި ވިދާޅުވިއެވެ.އަދި ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރާއްޖެ ހޯދަމުން އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް ޗައިނާ ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ޗައިނާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މިމަސައްކަތްޕުޅުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.