ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ހޭމަންތް ޖީ. ކޮންޓްރެކްޓަރ އާއި ޗީފް ޖެނެރަލް މެނޭޖަރ މިސްޓަރ ކާތިކެޔަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަކީ، ރާއްޖޭގައި މިހާރު ޚިދުމަތް ދެމުންގެންދާ އެންމެ ގިނަ ދުވަސްވީ ބޭންކުކަން ފާހަގަކުރެއްވިއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެބޭންކުން މިހާތަނަށް ވެދެމުން ގެންގޮސްފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެސް.ބީ.އައި އާ ދިވެހި ސަރުކާރާ ދެމެދު އޮންނަ ގުޅުން، ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި އިންވެސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، ބޭންކު މެދުވެރިވެގެން ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މާލޭ ގޮފީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ރަންޖަން ގުޕްތާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.