ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޚާއްޞަ ސިޓީފުޅެއް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތިރު މުޙަންމަދަށް އަރުވައިފިއެވެ. މި ސިޓީފުޅު އެރުވީ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ބޮޑުވަޒީރު މަހާތިރާ މިއަދު ހެނދުނު ބައްދަލުކުރައްވައެވެ.
މި ސިޓީފުޅު އެރުވުމަށްފަހު މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުންތައް ޑޮކްޓަރ މަހާތިރަށް ރައްދުކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން ބަދަހިކުރެއްވުމަށް ޑޮކްޓަރ މަހާތިރު، މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވައި އެކި ދާއިރާތަކުގައި ތަރައްޤީ ކުރެއްވުމަށް ރާއްޖޭގެ މިހާރުގެ ސަރުކާރުންވެސް ބޭނުންފުޅުވާކަން ރައީސް މައުމޫން ހާމަކުރެއްވިއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ 5 އަހަރު ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް މިހާރުގެ ސަރުކާރުން އަދި ރައީސް ޔާމީން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފުޞީލުވެސް ރައީސް މައުމޫން، ޑޮކްޓަރ މަހާތިރަށް އެރުވިއެވެ. އަދި މި މަސައްކަތުގައި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އެއްބާރުލެއްވުން ރައީސް ޔާމީނުގެ ސަރުކާރަށް ބޭނުންފުޅުވާ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ޑޮކްޓަރ މަހާތިރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުގައި ބަދަހިކުރެއްވުމަށް ރައީސް މައުމޫނުގެ ޒަޢާމަތުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ރައީސް މައުމޫނަށް ޝުކުރުއަދާކުރެއްވިއެވެ.