بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހު ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކުރަން. ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެއް މި ފާހަގަކުރެވެނީ، މީގެ 9 އަހަރުކުރިން އާދެ، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާ ފާހަގަކުރުމުގެ ގޮތުން. އާދެ ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމަށްޓަކައި.

ޑިސެމްބަރ 26 ވަނަ ދުވަހުގެ ކާރިސާއަކީ، ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ޤައުމީ ކާރިސާ. އެ ދުވަހުގެ ހަނދާންތައް މިއަދުވެސް އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް ތަޞައްވުރުވެގެން މިދަނީ އިއްޔެ ހިނގި ހާދިސާއެއްގެ ގޮތުގައި. އެދުވަހަކީ، އަޅުގަނޑުމެންގެ ލޮބުވެތި ތުއްތު ދަރިންނާއި، ކުދިންނާއި، މައިންބަފައިންނާއި، އަވަށްޓެރިންނާއި، އެތަކެއް އަޚުންނާއި އުޚުތުންގެ ވަރަށް ގިނަ ބަޔަކު ކުއްލި ގޮތެއްގައި ވަކިވެގެންދިޔަ ހިތާމަވެރި ދުވަސް. މި ކާރިސާގައި 38 ކުދިންނާއި 44 މީހުން މިދުނިޔެ ދޫކުރި. 26 މީހުންވަނީ ގެއްލިފައި. އެތަކެއް ސަތޭކަ މީހުންނަށް އެކިވަރުގެ ހާނިއްކަވަނީ ވެފައި. އާދެ، އެދުވަހަކީ، އަޅުގަނޑުމެން އެންމެންގެ ލޯތައް ހިތާމައިގެ ކަރުނައިން ފުރިގެންދިޔަ ދުވަސް.

މިއަދު އެ ހަނދާންތައް އާކުރަމުންދާއިރު، މި ކާރިސާގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރި ކުދިންނާއި މީހުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި އެ ޢާއިލާތަކަށް ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް ވޭތުކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަން.

ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ޤައުމީ ނަމޫނާ މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަންޖެހޭ. ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އަދި ކޮންމެ ރަށަކުންވެސް ފެނިގެންދިޔައީ، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ އަޚުވަންތަކަމާއި އެކުވެރިކަމާއި، ލޯބީގެ މަތިވެރި ގުޅުން. ހަމައެހެންމެ، ޤައުމީ ލޯތްބާއި ޤައުމީ ވަޙުދަތު. އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަން. އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު. އެދުވަހަކީ، ދިވެހިންގެ އެއްބައިވަންތަކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ދުވަސް. އެދުވަހަކީ، ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން، އެކަކު އަނެކަކަށް ހިފެހެއްޓުމެއްނެތި ލިބިގެންދިޔަ ދުވަސް. ޚާއްޞަކޮށް، ޒުވާނުންގެ ބައިވެރިވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ދުވަސް.

ސުނާމީ ކާރިސާގައި ދިވެހިރާއްޖެއަށް ލިބުނީ ވަރަށް ބޮޑެތި ގެއްލުންތަކެއް. ރާއްޖޭގައި އޭރު މީހުން ދިރިއުޅުނު 190 ރަށަށް ސުނާމީ ކާރިސާގެ އަސަރުކުރި. 5 ރަށް މުޅިން ހަލާކުވެގެންދިޔަ. މި ކާރިސާގައި، 15،000 މީހުންގެ ގެދޮރު ގެއްލި، ޖުމްލަ 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަންޖެހުނު. އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އަސަރުކުރި. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 އިންސައްތަ ގެއްލުން ލިބުނު.

މި ބޮޑެތި ގެއްލުންތަކާއެކުގައި މުޅި ޤައުމު އަލުން ބިނާކުރުމުގެ މަސައްކަތް އެދުވަހުން ފެށިގެން ސަރުކާރުން ގެންދިޔައީ ކުރަމުން. ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބެއްދުމަށާއި، ރައްޔިތުންނަށް ކުރިމަތިވި ދަތިހާލުން ރައްޔިތުން ރައްކާތެރި ކުރުމަށާއި ސަލާމަތް ކުރުމަށާއި، ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދިޔަ މަސައްކަތްތަކުގެ ނަތީޖާ، ﷲގެ އިރާދަފުޅާއި އެކަލާނގެ ރަޙްމަތްފުޅާއެކު މިއަދު އަޅުގަނޑުމެންނަށް މިވަނީ ފެނިފައި. ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށުގެ ގެދޮރު ބިނާކުރެވި، ގެތައް މަރާމާތުކުރެވި، އެރަށްރަށުގެ ރައްޔިތުންނަށް އުފާވެރި އަދި ތަނަވަސް ދިރިއުޅުމެއް އުޅުމުގެ މަގު މިވަނީ ތަނަވަސްކޮށްދެވިފައި. ބައެއް ރަށްރަށުގައި ތަރައްޤީގެ އިތުރު ވަސީލަތްތައް ޤާއިމުކޮށް، ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް އުޅެވޭނެގޮތް ވަނީ ހަމަޖައްސައިދީފައި.

މިގޮތުން ރ. ކަނދޮޅުދޫ ރައްޔިތުން ދިރިއުޅުމަށްޓަކައި ރ. ދުވާފަރަށް ބަދަލުކުރެވި، ދުވާފަރުވަނީ ތަރައްޤީކޮށްދެވިފައި. އެރަށުގައި އަސާސީ ހުރިހާ ވަސީލަތްތަކެއް ޤާއިމުކޮށްދީ، ކަނދޮޅުދޫ ރައްޔިތުން އެރަށަށް ބަދަލުކުރެވުނު. އަދި ތ. އަތޮޅު ވިލުފުށި، އާ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެވުނު.

މިވޭތުވެގެން މިދިޔަ އަހަރުތަކުގެ ތެރޭގައި، މިރޮނގުން ގިނަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި. އެހެން ނަމަވެސް، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު އެންމެންނަށް ގެދޮރު ގެއްލުނު އެންމެންނަށް ގެދޮރު އެޅުމުގެ މަސައްކަތް އަދި ވަނީ މުޅިން ނުނިމި. އަދިވެސް ގާތްގަނޑަކަށް 427 ޢާއިލާއަށް ގެދޮރު އެބަ ބޭނުންވޭ. އެމީހުންގެ ގެދޮރު އަޅައިދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުން. ސުނާމީއާ ގުޅިގެން ގެދޮރުގެ ކަންތައްތައް ހަމަނުޖެހި ތިބި އެންމެންނަށް އިރާދަކުރެއްވިއްޔާ، މިސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން މިއަންނަ އަހަރު، އާދެ! 2014 ވަނަ އަހަރު ގެދޮރުގެ ކަންތައްތައް ހަމަޖައްސައިދޭނެ ވާހަކަ އުފަލާ އެކީގައި ދަންނަވަން.

އަޅުގަނޑުގެ ސަރުކާރުގައި ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމުގައި، އެންމެބޮޑު އިސްކަމެއް ދޭނީ ޤައުމުގެ މަޞްލަޙަތަށް. ޤައުމުގެ އެއްބައިވަންތަކަމަށް. ޖަމާޢަތުގެ އެކުވެރިކަމަށް. ޢުމްރާނީ ކުރިއެރުމާއި ރައްޔިތުންގެ ތަނަވަސްކަމަކީ މުހިންމު ކަންކަން ކަމުގައި މިސަރުކާރުން އަބަދުވެސް ޤަބޫލުކުރާނެ. ހަމައެއާއެކު، ޤައުމުގައި ހަމަނުޖެހުން އުފެދޭގޮތަށް އެކިފަރާތްތަކުން ޢަމަލުކުރަމުން ގެންދާނަމަ، އެކަމުން ޤައުމުގެ އަމާންކަމާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭނެ.

މިހާރުވެސް ވާދަވެރި ސިޔާސީ މާޙައުލުގައި، އާ ނިޒާމުތަކާއި، އާ ވިސްނުންތަކަކާއެކު އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އަދި އެކަންކަމުގެ ތެރެއިން ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް އަވަހަށް ފޯރުވައިދިނުމަށް ސަރުކާރުން މިގެންދަނީ މަސައްކަތްތަކެއް ކުރަމުން. އަދި ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން، ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި ހުރިހާ މުއައްސަސާތަކެއްގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ނުހަނު ބޮޑަށް ބޭނުންވާ ވާހަކަ، އެއްބައިވަންތަކަމުގެ ދުވަހުވެސް ދަންނަވަން.

އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރައްޔިތުން އެދޭ ކުރިއެރުންތައް ގެނައުމަށް މަސައްކަތް ކުރުމުގެ ފުރްޞަތު އަޅުގަނޑުގެ ސަރުކާރަށް ދެއްވާށޭ. ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް، ވަޒީރުންނަށް ރުހުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ބަޖެޓަކީ ތަރައްޤީގެ ވިސްނުމުގެ ވަސީލަތް ކަމަށްވުމާއެކު، ދައުލަތުގެ ބަޖެޓް ފާސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ހަމައެހެންމެ، އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށާއި، ކުށް މަދުކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ޤައުމުގެ އެއްބައިވަންތަކަން ކުރިއަށް ނެރެ، ނަތީޖާ ޙާޞިލު ކުރެވޭނެކަން. ސިޔާސީ ވާދަވެރިކަމަކީ ބައިބައިވުންކަމަށް ދެކިގެން މަސައްކަތް ކުރާނަމަ، އެ ނަތީޖާ ޙާޞިލު ނުކުރެވޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ސުނާމީ ކާރިސާފަދަ ޤުދްރަތީ ކާރިސާތަކުންނާއި އަދި އެނޫންވެސް އެކިއެކި ހިތާމަތަކުން މާތްﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު ސަލާމަތްކޮށްދެއްވުން. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާކަމުގެ ރޫޙު، އަޅުގަނޑުމެންގެ މެދުގައި އާލާވަމުންދާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ލެއްވުން. ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރު ކުރެއްވުން. އާމީން!

والســّلام عليــكم ورحـمــة اللّـه وبـركاتـه