ރައްޔިތުން އެދޭ ކުރިއެރުންތައް ގެނައުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރަށް ދެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު ފާހަގަކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމު ކުރައްވައިގެން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށާއި، ވަޒީރުންނަށް ރުހުން ދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ބަޖެޓަކީ ތަރައްޤީގެ ވިސްނުމުގެ ވަސީލަތް ކަމަށްވުމާއެކު، ދައުލަތުގެ ބަޖެޓް ފާސްކޮށްދެއްވުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ހަމައެހެންމެ، އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށާއި، ކުށް މަދުކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ޤައުމުގެ އެއްބައިވަންތަކަން ކުރިއަށް ނެރެ، ނަތީޖާ ޙާޞިލު ކުރެވޭނެކަން އެއީ، މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސީ ވާދަވެރިކަމަކީ ބައިބައިވުންކަމަށް ދެކިގެން މަސައްކަތް ކުރާނަމަ، އެ ނަތީޖާ ޙާޞިލު ނުކުރެވޭނެކަން އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑިސެމްބަރ 26 ވަނަ ދުވަހުގެ ހިތާމަވެރި ކާރިސާއަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސުނާމީ ކާރިސާއަކީ، ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ޤައުމީ ކާރިސާ ކަމުގައި ވިދާޅުވިއެވެ. "އެ ދުވަހުގެ ހަނދާންތައް މިއަދުވެސް އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް ތަޞައްވުރު ވެގެންމިދަނީ އިއްޔެ ހިނގި ހާދިސާއެއްގެ ގޮތުގައި. އެދުވަހަކީ، އަޅުގަނޑުމެންގެ ލޮބުވެތި ތުއްތު ދަރިންނާއި، ކުދިންނާއި، މައިންބަފައިންނާއި، އަވަށްޓެރިންނާއި، އެތަކެއް އަޚުންނާއި އުޚުތުންގެ ވަރަށް ގިނަ ބަޔަކު ކުއްލި ގޮތެއްގައި ވަކިވެދިޔަ ހިތާމަވެރި ދުވަސް. އަޅުގަނޑުމެން އެންމެންގެ ލޯތައް ހިތާމައިގެ ކަރުނައިން ފުރިގެންދިޔަ ދުވަސް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ޤައުމީ ނަމޫނާ މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އަދި ކޮންމެ ރަށަކުންވެސް ފެނިގެންދިޔައީ، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ އަޚުވަންތަކަމާއި އެކުވެރިކަމާއި، ލޯބީގެ މަތިވެރި ގުޅުމެވެ. ހަމައެހެންމެ، ޤައުމީ ލޯތްބާއި ޤައުމީ ވަހުދަތެވެ. އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙެވެ. އެދުވަހަކީ، ދިވެހިންގެ އެއްބައިވަންތަކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ދުވަހެވެ. އެދުވަހަކީ، ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން، އެކަކު އަނެކަކަށް ހިފެހެއްޓުމެއްނެތި ލިބިގެންދިޔަ އަދި ޚާއްޞަކޮށް، ޒުވާނުންގެ ބައިވެރިވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސުނާމީއާ ގުޅިގެން ގެދޮރުގެ ކަންތައްތައް ހަމަނުޖެހި ތިބި އެންމެންނަށް އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން 2014 ވަނަ އަހަރުގެ ތެރޭގައި ގެދޮރުގެ ކަންތައްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމުގައި، އެންމެބޮޑު އިސްކަމެއް ދެއްވާނީ ޤައުމުގެ މަޞްލަޙަތަށާއި، ޤައުމުގެ އެއްބައިވަންތަކަމަށާއި، ޖަމާޢަތުގެ އެކުވެރިކަމަށް ކަމަށް ވިދާޅުވިއެވެ. އަދި ޢުމްރާނީ ކުރިއެރުމާއި، ރައްޔިތުންގެ ތަނަވަސްކަމަކީ މުހިންމު ކަންކަން ކަމުގައި މިސަރުކާރުން އަބަދުވެސް ޤަބޫލުކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.


މިހާރުވެސް ވާދަވެރި ސިޔާސީ މާޙައުލުގައި، އާ ނިޒާމުތަކާއި، އާ ވިސްނުންތަކާއެކު އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި، އެކަންކަމުގެ ތެރެއިން ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދުމަތްތައް އަވަހަށް ފޯރުއްވައިދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން، ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައިދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، ހުރިހާ މުއައްސަސާތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ނުހަނު ބޮޑަށް ބޭނުންވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.