ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރައްވައި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ސަފީރަށް ދެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް މިވަގުތު ދިމާވެފައިވާ ދަތިތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއަށާއި، ޞިއްޙީ ދާއިރާއަށާއި، ތިމާވެށީގެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއިން ބޭނުންވާ ކަންކަމުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.