ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމާއި، އޮފީސްތަކުން ޢާންމު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އެކިއެކި ޚިދްމަތްތައް، މިހާރަށްވުރެ އަވަހަށް އަދި ފަސޭހަ ނިޒާމެއްގެ ދަށުން ދެއްވުމާއި، ޢާންމުންނާބެހޭ ކަންކަން ސަރުކާރުގެ އިދާރާތަކުން ވީހާވެސް އަވަހަށް ކުރެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތަކެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިވިލް ސަރވިސް ކޮމިޝަނާއި ޕަރމަނަންޓް ސެކްރެޓަރީންނާއެކު ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އެކިއެކި އޮފީސްތަކުން ޢާންމުންނަށް ދެއްވާ ޚިދްމަތްތައް ދެއްވުމުގައި، މިހާރުން މިހާރަށް އިޞްލާޙު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، ސަރުކާރުގެ އޮފީސްތަކަށް ޢާންމުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން އަވަސްކުރުމާއި، ސަރުކާރުގެ އޮފީސްތަކުން ފޯނު ނުނެގުމުގެ މައްސަލައާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި، މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ، މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަންކަން ކަމުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޛު ކުރުމުގައި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެ، މިކަންކަން ރަނގަޅުކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސަރުކާރުން ކަނޑައަޅުއްވާފައިވާ 100 ދުވަހުގެ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޛު ކުރުން ހަލުއިކުރެއްވުމާއި، މި މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޛުވަމުންދާ މިންވަރާބެހޭ މަޢުލޫމާތު، ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.